ހޮލީވުޑް

ގޯލްޑެން ގްލޯބް ރޭހުގެ ކުރީގައި ވެސް "ލާ ލާ ލޭންޑް"

Dec 13, 2016

ނަށައި ލަވަކިޔަމުން ބެލުންތެރިން އާޝޯހުކުރުވަމުން ގެންދާ ހޮލީވުޑްގެ މޮޑާން މިއުޒިކަލް، "ލާ ލާ ލޭންޑް" އަކީ އަހަރުގެ ފެވަރިޓްކަން އެ ފިލްމުން އަނެއްކާވެސް ސާބިތުކޮށްދީފި އެވެ.

ގޯލްޑެން ގްލޯބްސްގެ މި އަހަރުގެ ނޮމިނޭޝަންސްތައް އިއުލާނުކުރިއިރު ރޭހުގެ އެންމެ ކުރިއަށް މި ފިލްމު ދެމިގަނެފައި ވަނީ ޖުމްލަ ހަތް ކެޓަގަރީއަކުން ނޮމިނޭޓްވެގެންނެވެ. އޮސްކާ އާއި ގްލޯބްސްގައި ވިދާލި ފިލްމު "ވިޕްލޭޝް" އަށް ފަހު ޑޭމިއެން ޗެޒޭލް ޑައިރެކްޓްކޮށްފައިވާ "ލާ ލާ ލޭންޑް" އެންމެ މޮޅު މިއުޒިކަލް ނުވަތަ ކޮމެޑީ އަށް ވާދަކުރާއިރު އެންމެ މޮޅު ސްކްރީންޕްލޭއާ އެކު އެންމެ މޮޅު ޑައިރެކްޝަނަށް ވެސް ވާދަކުރެ އެވެ.

މީގެ އިތުރުން ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ރަޔަން ގޮސްލިން އާއި އެމާ ސްޓޯން އެންމެ މޮޅު ބަތަލް އަދި އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވާދަކުރެ އެވެ.

މި ފިލްމު ފަހަތުން، ގްލޯބްސްގައި ދެން އެންމެ ގިނަ ނޮމިނޭޝަން ލިބިފައި ވަނީ އަހަރުގެ އަނެއް ފެވަރިޓްގެ ގޮތުގައި މަޝްހޫރުވެފައިވާ ކަމިން އޮފް އޭޖު ޑްރާމާ، " މޫންލައިޓް" އެވެ. އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަންއާ އެކު ހަ އެވޯޑަށް މި ފިލްމު ވާދަކުރެ އެވެ.

އެންމެ މޮޅު ފިލްމަށް ވާދަކުރާ ފިލްމުތަކުގެ ތެރެއިން އަނެއް މޮޅު ފިލްމަކީ "މެންޗެސްޓާ ބައި ސީ" އެވެ. އެއަށް ފަހު ދެ ވަނަ ބޮޑު ހަނގުރާމައިގެ ވާހަކަ ދައްކުވައިދޭ ފިލްމެއް ކަމަށްވާ "ހެކްސޯ ރިޖު" އާއި "ހެލް އޯ ހައި ވޯޓާ" އަދި "ސްލަމްޑޯގް މިލިއަނާ" އިން މަޝްހޫރުކަން ހޯދި ޑޭވް ޕަޓޭލް ލީޑް ރޯލު ކުޅެފައިވާ "ލަޔަން" އަކީ ވެސް އެންމެ މޮޅު ފިލްމަށް މި އަހަރު ވާދަކުރާ ފިލްމެކެވެ.

މި ލިސްޓަށް ބަލާއިރު މިއީ ވަރަށް ވެސް ވާދަވެރި ލިސްޓެއްކަން ފާހަގަކޮށްލެވެ އެވެ.

އެންމެ މޮޅު މިއުޒިކަލް އަދި ކޮމެޑީ ފިލްމުގެ އެވޯޑަށް "ލާ ލާ ލޭންޑް" ވާދަކުރާއިރު ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ސުޕަހީރޯ ފިލްމު "ޑެޑްޕޫލް" ވެސް މި އެވޯޑަށް ވާދަކުރެ އެވެ.

މި އަހަރުގެ އެންމެ މޮޅު ޓީވީ ސިލްސިލާގެ އެވޯޑަށް ވާދަކުރަނީ އެޗްބީއޯގެ ހިޓް ސީރީޒް "ގޭމް އޮފް ތްރޯންސް" އާއި ހަމަ އެ މީހުންގެ "ވެސްޓްވޯލްޑް" ގެ އިތުރުން ނެޓްފްލިކްސްގެ "ސްޓްރޭންޖާ ތިންގްސް" އަދި "ދަ ކްރައުން" އާއި "ދިސް އިޒް އަސް" އެވެ.

އެނިމޭޓެޑް ފިލްމު ކެޓަގަރީގައި އެންމެ މޮޅު ފިލްމަކަށް ވާދަކުރަނީ ޑިޒްނީގެ މޮއާނާ އާއި ޒޫޓޯޕިއާ އަދި ސިންގް އާއި ކޫބޯ އެންޑް ދަ ޓޫ ސްޓްރިންގްސް އަދި މައި ލައިފް އޭޒް އަ ކޯގެޓީ" އެވެ.

ގޯލްޑެން ގްލޯބް އެވޯޑްސް ހަފުލާ އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ކުރިއަށް އޮތީ 74 ވަނަ ހަފުލާ އެވެ.