ހޮލީވުޑް

ގޯލްޑެން ގްލޯބަށް ނޮމިނޭޓްނުވެގެން ފިފްޓީ ސެންޓް ރުޅިގަދަވެއްޖެ

Dec 13, 2016

ގޯލްޑެން ގްލޯބް އެވޯޑްސްގެ ނޮމިނޭޝަންސްތައް އިއުލާނުކުރިއިރު، އެކްޓަރު އަދި ރެޕް އާޓިސްޓް ފިފްޓީ ސެންޓް (50 ސެންޓް) ގެ ޓީވީ ޑްރާމާ "ޕަވާ" މިފަހަރު ވެސް އެއްވެސް ކެޓަގަރީއަކަށް ނޮމިނޭޓްވެފައެއް ނުވެ އެވެ. މި މައްސަލާގައި މިފަހަރު ފިފްޓީ ސެންޓަށް މަޑަކުންނެއް ނުހުރެވުނެވެ.

ސްޓާޒް ޗެނަލުން ގެނެސްދޭ "ޕަވާ" އަކީ ފިފްޓީ ސެންޓް ޕްރޮޑިއުސްކުރާ ޝޯއެއްގެ އިތުރުން މުހިންމު ލީޑް ކެރެކްޓާއެއްގެ ރޯލު ވެސް އޭނާ ކުޅެމުން އަންނަ ޝޯއެކެވެ. މީގެ އިތުރުން އެ ޝޯ އަށް މިއުޒިކް އުފައްދައި ދެނީ ވެސް އޭނާ އެވެ. މިހާރު ތިން ވަނަ ސީޒަން ނިންމާލާފައިވާއިރު މި ޝޯ އަކީ ބެލުންތެރިންގެ މެދުގައި މަގްބޫލު އަދި ސްޓާޒް ޗެނަލްގެ ޝޯތަކަށް ބަލާއިރު އެންމެ މަގްބޫލު ޝޯ އެވެ.

ނަމަވެސް ފާއިތުވި ތިން ސީޒަނުގައި ވެސް ގޯލްޑެން ގްލޯބްގެ ޓީވީ ޝޯ ކެޓަގަރީގެ އެވޯޑްތަކަށް މި ޑްރާމާ ނޮމިނޭޓްވެފައެއް ނުވެ އެވެ. ގްލޯބްގެ އިތުރުން އެހެން މަޝްހޫރު އެވޯޑްތަކަށް ވެސް މި ޑްރާމާ ނޮމިނޭޓްނުވާކަން ފާހަގަކޮށްލެވެ އެވެ.

މި މައްސަލާގައި ރުޅިގަދަވެގެން ފިފްޓީ ސެންޓް، ގޯލްޑެން ގްލޯބްސްގެ ޕްރޮޑިއުސަރުންނާއި މި އެވޯޑް އިންތިޒާމްކުރާ ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަނަށް ފާޑުކިޔާފައި ވަނީ އިންސްޓަގްރާމްގައި އަވަގުރާނަ ގޮވައިގެންނެވެ. މި ރުޅިގަނޑުގެ ތެރެއިން އޭނާ ވަނީ ކުރިއަށް އޮތް ސީޒަންތަކުން އޭނާ ނުފެނިދާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ނަމަވެސް ސީޒަން ހަތަރެކަށް އަދި ފަސް ވަނަ ސީޒަނަށް އާކޮށްފައިވާ "ޕަވާ" އިން ފިފްޓީ ސެންޓްގެ ކޭނާން ކެރެކްޓާ ގެއްލިދާނެކަން ސްޓާޒް އިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ފިފްޓީ ސެންޓްގެ ޖީ ޔުނިޓް ފިލްމު އެންޑް ޓެލެވިޝަންއާ އެކު ސްޓާޒް އިން އެއްބަސްވުން ހަދާފައި ވަނީ 2018 ވަނަ އަހަރުގެ ނިޔަލަށެވެ.