ވިޔަފާރި

އުރީދޫ ސަބްމެރިން ކޭބަލް ތިނަދުއާ ހަމަޔަށް

Dec 13, 2016

ސަބްމެރިން ކޭބަލަކުން މުޅި ރާއްޖެ ގުޅާލުމަށް އުރީދޫ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، ރާއްޖޭގެ ދެކުނުން އުތުރަށް އެޅުމަށް ނިންމާފައިވާ ސަބްމެރިން ކޭބަލް، ގދ. ތިނަދޫގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާއި ގުޅާލައިފި އެވެ.

އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި މަހުގެ އަށެއްގައި ކަމަށްވާއިރު، ހަމަ އެދުވަހު ވަނީ އައްޑޫ، ހިތަދޫގައި ބަހައްޓާފައިވާ ކޭބަލް ލޭންޑިންގް ސްޓޭޝަން އާ ކޭބަލް ގުޅާލައިފަ އެވެ. އުރީދޫ އިން ބުނި ގޮތުގައި ގާތްގަނޑަކަށް 1200 ކިލޯމީޓަރުގެ ސަރަހައްދެއްގައި މި ކޭބަލް އަޅާ އިރު، މިއަދުގެ ވަގުތެއްގައި ދެވަނަ ލޭންޑިން ސްޓޭޝަން ކަމަށްވާ، ގދ. ތިނަދޫގެ ސްޓޭޝަންއާ އެ ކޭބަލް ވަނީ ގުޅާލައިފަ އެވެ. މުޅި ޖުމްލަ ހަ ލޭންޑިން ސްޓޭޝަނެއް ރާއްޖޭގައި ހުންނާނެ އެވެ.

ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ އެ މަޝްރޫއު ފަށާފައިވަނީ އުރީދޫއަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއި އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހައިސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ނިންމާފައިވާތީ އެވެ.

އުރީދޫ އިން މިއަދު ބުނީ، އެކުންފުނީގެ ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ހަ އަތޮޅެއްގައި ކޭބަލް ލޭންޑިންގް ސްޓޭޝަން ގާއިމްކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އުރީދޫ ސަބްމެރިން ކޭބަލް އެޅުމާއެކު، ހުރިހާ ރައްޔިތުންނަށް ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މަންފާ ފޯރުކޮށްދިނުމަށް ކުންފުނިން ފަށާފައިވާ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އެގޮތުން ޓެލެމެޑިސިން، ޓެލެވާކިން، އޮންލައިން އެޑިއުކޭޝަން އަދި އީ-ގަވަންމަންޓް ފަދަ ހިދުމަތްތައް އުރީދޫ މެދުވެރިކޮށް ހޯދޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.