ވިޔަފާރި

މިފްކޯ އިން މަސްވެރިންގެ ދަރަނިތައް ހަލާސްކޮށްފި

Dec 14, 2016
1

ކްރިޑިޓަށް މަސްކިރުވުމަށް ފަހު މިފްކޯއިން މަސްވެރިންނަށް ދޭން ޖެހިފައި ހުރި ފައިސާތައް އެކީ ދައްކައި ހަލާސްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިރޭ ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ހަފްލާގައި ޝައިނީ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ސަރަހައްދެއްގެ މަސްވެރިއަކަށް މިފްކޯއިން ދައްކަން ޖެހޭ ދަރަންޏެއް އޮތް ނަމަ ރޭގެ ނިޔަލަށް އެ ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމުގެ ޔަގީންކަން މިފްކޯއިން ދީފައިވާ ކަމަށެވެ. މިއީ މަސްވެރިންނަށް ލިބޭ އުފާވެރި ހަބަރެއް ކަމަށް ޝައިނީ ވިދާޅުވި އެވެ.

"މިއީ މިފަދަ ދުވަހެއްގައި އަޅުގަނޑުމެންނަށް ލިބޭ އުފާވެރިކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އޭގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރިކަން އިއުލާން ކުރި ނޫސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ މަސްކިރުވުމަށް ފަހު މަސްވެރިންނަށް މިފްކޯއިން ދޭން ޖެހޭ ފައިސާ ހުރި ކަމަށެވެ. އެ ފައިސާ ސަރުކާރުން އެހީވެގެން މިފްކޯއިން ދައްކައި ހަލާސް ކުރާނެ ކަމުގެ ޔަގީންކަން އެ ދުވަހު މިނިސްޓަރު ދެއްވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ މިފްކޯގައި ހުރި މައްސަލަތައް ހައްލު ކުރަން މަސްވެރިންގެ ލަފާ ވެސް މިފަހަރު ހޯއްދަވާނެ ކަމަށެވެ. އަދި ފެބުރުއަރީ މަހާ ހަމަޔަށް އަންނަ އިރު މިފްކޯ އަލުން ކޮޅަށް ނެގުމަށް ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯ އިން މިފްކޯ ހިންގަން ފެށުމުން މަސްވެރިންގެ އެންމެ ބޮޑު ބޮލުގަ ރިހުން ކަމަށްވާ ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ އެވެ. އަދި އެކަށީގެންވާ ކްރިޑިޓް މުއްދަތެއް ދިނުމަށް ފަހު މަސްވެރިންނަށް ތެޔޮ ވިއްކުމުގެ އިންތިޒާމްތަކެއް ހަމަޖެއްސޭތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.