ވިޔަފާރި

މަސީގެ ރައީސް ކަމަށް ޖަނާ އިންތިހާބުކޮށްފި

Mar 12, 2015

ކޮންސްޓްރަކްޝަން ދާއިރާގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް ކަމަށް ފަސް ވަނަ ދައުރަކަށް މުހައްމަދު އަލީ ޖަނާހު (ޖަނާ) އިންތިހާބުކޮށްފި އެވެ.

ހޮޓަލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ގެ ޗެއާމަން، ޖަނާ އެ މަގާމަށް ހޮވިފައި ވަނީ ރައީސް ކަމަށް އެހެން ބޭފުޅަކު ކުރިމަތިނުލެއްވުމުން، ވޯޓަކާ ނުލަ އެވެ. މަސީގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ ޖަނާ ވަނީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެ ޖަމްއިއްޔާގެ ރައީސްކަން ކުރައްވައިފަ އެވެ.

ޖަނާ ރައީސް ކަމަށް ހޮވުނު އިރު، ޖަމްއިއްޔާގެ ރައީސްކަން ފުރުއްވަމުން ގެންދެވީ، އަމީން ކޮންސްޓްރަކްޝަންގެ ޗެއާމަން، އަބްދުﷲ މުހައްމަދެވެ.

މަސީގެ ބޯޑަށް އަލަށް އިންތިހާބު ކުރި ބޭފުޅުންގެ ތެރޭގައި، ނައިބު ރައީސް އަކަށް ހޮވާފައި ވަނީ، އެލިއާ ކޮންސްޓްރަކްޝަންގެ އެމްޑީ، އަލާއު އަލީ އެވެ. ހަޒާންދާރަކަށް ހޮވީ ހަސަން ހަބީބެވެ. އަދި ހަޒާންދާރުގެ އެހީތެރިޔަކަށް ހޮވީ އަމީން މުހައްމަދެވެ. ދެން ބޯޑްގައި ތިއްބަވާ ނުވަ މެންބަރުންނަށް ހޮވިފައި ވަނީ، މުހައްމަދު ޖިލްވާއު ޖައުފަރު އާއި، އަބްދުﷲ މުހައްމަދާއި، ހަސަން ޝަމީމް، އަދި އަބްދުﷲ ޞާދިގު އާއި ސައުދުﷲ ހިލްމީ އާއި، މުހައްމަދު ސައީދު، އަދި ހުސައިން މުހައްމަދެވެ.

އެ ޖަމްއިއްޔާގެ ބޯޑުގައި މީގެ ކުރިން ތިއްބަވަނީ ހަ މެންބަރުންނެވެ. ނަމަވެސް އަސާސީ ގަވާއިދަށް ރޭ ބަދަލު ގެނެސް، ނުވަ މެންބަރުން ބޯޑަށް ހޮވި މިއީ ފުރަތަމަ ފަހަރެވެ.

ރޭގެ ޖަލްސާގައި އެ ޖަމްއިއްޔާއަށް މިއަހަރަށް ފާސްކުރީ އެއް މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރޭ ވަނީ މަސީގެ ރަސްމީ ވެބްސައިޓް ވެސް ލޯންޗްކޮށްފަ އެވެ.