ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކުރާ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެެ.
ރައީސް ސޯލިހް މިކަމަށް އެދިވަޑައިގެންފައި މިވަނީ ބީއެމްއެލް އިން މާލީ "ބަޣާވާތެއް" ގެންނަން މަސައްކަތް ކޮށްފައި ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތަކާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައި ވަނިކޮށެވެ.
މީގެއިތުރުން ކެބިނެޓް ސެކްރެޓަރީ އަހްމަދު އަލީ ހަބީބް، ބީއެމްއެލްގެ ޗެއާމަނަކަށް ހަމަޖެއްސުމަށްވެސް ސަރުކާރުން ވަނީ ހުށަަހަޅާފަ އެވެ.
މިކަންކަމާ ގުޅިގެން އެކްސްގައި ރައީސް ސޯލިހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. އެހެންވެ ބީއެމްއެލް އަށް އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ކަމަށެވެ.
"ސަރުކާރުންވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ އެވެ. ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިއްޖެނަމަ އެއީ މުޅި މުޖަތަމަޢަށް ލިބޭނެ ބޮޑު ދެރައެކެވެ. އެއީ ރައްޔިތުންގެ ބޭންކް އެވެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ބީއެމްއެލްއަށް ކުރެވުނު ތުހުމަތާ ގުޅިގެން އެ ބޭންކްގެ ސީއީއޯ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ހުށަހަޅުއްވާފަ އެވެ.
ބީއެމްއެލް އިން މިއަހަރު ބާއްވާ ތިންވަނަ އެކްސްޓްރާ ޖެނަރަލް މީޓިން (އީޖީއެމް) އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށްވެސް ބީއެމްއެލް އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ސަރުކާރުން ފޮނުވާފައިވާ ނަންތަކާ މެދު ގޮތެއް ނިންމުމެވެ.
ބީއެމްއެލްގެ ބޯޑުގައި 11 ބޭފުޅުން ތިއްބަވާއިރު މީގެތެރޭގައި ހިމެނެނީ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ތިން ބޭފުޅަކާއި ސަރުކާރު އައްޔަންކުރާ 8 ބޭފުޅެކެވެ.
ބީއެމްއެލްގެ ބޯޑުގައި މިވަގުތު ޖުމްލަ 8 ބޭފުޅުން ތިއްބެވިއިރު ސަރުކާރުގެ ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ.