ފިނިޕޭޖް

"ބައިވެރިޔާ" މިރޭ ޕްރިމިއާ ކުރަނީ

Dec 14, 2016

ބިރުވެރި ފިލްމަކަށްފަހު ލޯބީގެ ރަހަގަނޑެއް އޮލިމްޕަހުގެ ތެރޭގައި ލައްވާލުމަށްފަހު މިރޭ މިއޮތީ އަނެއްކާވެސް އެހެން ރަހަ ގަނޑަކަށް އޮލިމްޕަސް ވައްޓާލަން ތައްޔާރުވެފަ އެވެ. މިރޭ އޮލިމްޕަހަށް މި އަންނަނީ ބޮޑު މަޖާގަނޑެކެވެ. އެންވިޝަން އެންޓަޓައިންމަންޓް އިން މިރޭ ގެނެސްދެނީ ކޮމެޑީ ފިލްމް "ބައިވެރިޔާ" އެވެ.

މިރޭ ބައިވެރިޔާ އަޅުވާއިރު މިހާރު ދެ ޝޯ ވަނީ ހައުސްފުލް ވެފަ އެވެ. އިތުރު ޝޯތަކުގެ ޓިކެޓް ވިކެމުންދަނީ އެވެ. ފިލްމް ޕްރޮޑިއުސްކުރި ޓީމުން ބުނަނީ 15 ޝޯ އަޅުވަން ހަމަޖެހިފައިވާ ކަމަށެވެ.

ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމް ޕްރޮޑިއުސްކުރަނީ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީއުގެ އެންވިޝަން އެންޓަޓައިންމަންޓުންނެވެ. އެންވިޝަން އެންޓަޓައިންމަންޓުން މީގެކުރިން "އިންސާފު" އާއި "24 ގަޑިއިރު" ފަދަ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވެ އެވެ.

މި ފިލްމުން ޔޫއްޕެ ވެސް ފެނިގެންދާނެ އެވެ. ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެން ދާނީ މަލީހާ ވަހީދެވެ. އޭގެ އިތުރުން ޝީލާ ނަޖީބާއި އަހުމަދު ސައީދާއި މުހައްމަދު ފައިސަލާއި ނާޝިދާ މުހައްމަދާއި އަހުމަދު އަޒްމީލާއި އަހުމަދު ސުނީ އަދި ހުސެން ޝިބާއު މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ކޮމެޑީ ފިލްމަކުން އަލަށް ޔޫއްޕެ ފެނިގެންދާއިރު މިއީ ކޮމެޑީ ފިލްމެއް ޔޫއްޕެ ޑައިރެކްޓްކުރާ ފުރަތަމަ ފަހަރުވެސްމެ އެވެ. މިއީ ޔޫއްޕެގެ ފޭނުންނަށް އޭނާގެ އެހެން ފަރާތެއް ދައްކާލަން ލިބޭ ފުރުސަތެކެވެ.

މި ފިލްމުގައި ފެނިގެންދާނީ ތިން ރަހުމަތްތެރިންނަށް ދިމާވާ މަޖާ ހާދިސާތަކެކެވެ. މިއީ އާއިލާ އާއެކު ގޮސް ބަލައިލަންވެސް ހަމަ އެންމެ ރަނގަޅު ފިލްމެކެވެ.