ހޮލީވުޑް

ސެގް އެވޯޑްސް ރޭހުގެ ކުރީގައި "މެންޗެސްޓާ ބައި ދަ ސީ"

Dec 15, 2016

ސްކްރީން އެކްޓާސް ގިލްޑް (ސެގް) އެވޯޑްސްގެ މި އަހަރުގެ ނޮމިނޭޝަންސްތައް އިއްޔެ އިއުލާނުކުރިއިރު އެންމެ ގިނަ ނޮމިނޭޝަންސްތަކާ އެކު ރޭހުގެ ކުރީގައި އުޅެނީ ކޭސީ އެފްލެކް އާއި މިޝޭލް ވިލިއަމްސް ލީޑް ރޯލު ކުޅެފައިވާ ޑްރާމާ ފިލްމު "މެންޗެސްޓާ ބައި ދަ ސީ" އެވެ.

ނިމިގެން ދިޔަ ނެޝެނަލް ބޯޑް އޮފް ރިވިއުގެ އެންމެ މޮޅު ފިލްމަކަށް ވެސް ހޮވުނު "މެންޗެސްޓާ ބައި ދަ ސީ" ސެގްގެ ހަތަރު އެވޯޑަކަށް ވާދަކުރާއިރު އެންމެ މޮޅު ބަތަލާގެ އެވޯޑަށް މިޝޭލް އަދި ބަތަލްގެ އެވޯޑަށް އެފްލެކް ވާދަކުރެ އެވެ. މީގެ އިތުރުން އައުޓްސްޓޭންޑިން ޕާފޯމެންސެއް ދިން ކާސްޓަކަށް ވެސް މި ފިލްމު ވާދަކުރެ އެވެ.

"މެންޗެސްޓާ ބައި ދަ ސީ" އަކީ އެމެރިކާގެ ޑައިރެކްޓަރު ކެނެތު ލޯނާގަން ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަށް އެންމެ ބޮޑަށް ތައުރީފު އޮހެމުން ދަނީ އޭގެ ޑައިރެކްޝަނަޝާއި ލީޑް ރޯލުތަކުގައި އެފްލެކް އާއި މިޝޭލް ވިލިއަން ދައްކުވައިދީފައިވާ ހުނަރުވެރިކަމަށެވެ. މިއީ ހިތްދަތި ސިލްސިލާ ކަންތައްތަކެއް މެދުވެރިވާ އާއިލާއެއްގެ އަސަރުގަދަ ވާހަކައެއް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމު ވަނީ ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު ފިލްމަށް ވެސް ނޮމިނޭޓްވެފަ އެވެ.

ސެގްގެ އެހެން އެވޯޑްތަކަށް ވާދަކުރާ ފިލްމުތަކުގެ ތެރެއިން "މޫންލައިޓް" ގެ ތަރިން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ސަޕޯޓިން ކެޓަގަރީގައި އެ ފިލްމުގެ ބަތަލާ ނައޯމީ ހެރިސް އާއި ބަތަލް މަހާޝާލާ އަލީ ވާދަކުރެ އެވެ.

ފެމިލީ ޑްރާމާއެއް ކަމުގައިވާ "ފެންސް" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ޑެންޒެލް ވޮޝިންޓަން ވާދަކުރާއިރު އެ ފިލްމުގައި ސަޕޯޓިން އެކްޓްރެސްއެއްގެ ރޯލު ކުޅެފައިވާ ވިއޯލާ ޑޭވިސް ވެސް އެވޯޑަށް ވާދަކުރެ އެވެ.

ހޮލީވުޑްގެ މިފަހަރުގެ އެވޯޑް ސީޒަން ކުރިއަށްދާއިރު އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހޭ ކަމެއްގެ ގޮތުގައި އޮތީ ހޮލީވުޑްގެ ބޮޑެތި އަދި މުއްސަނދި ސްޓޫޑިއޯތަކުގެ ފިލްމުތައް ފަހަތައް ޖައްސާލުމަށް ފަހު އިންޑީ ގިނަ ފިލްމުތަކެއް މިފަހަރުގެ ރޭހުގެ ކުރިއަށް އަރާފައިވާ ކަމެވެ.

މިސާލަކަށް މި އަހަރުގެ ފެވަރިޓް ފިލްމުތަކުގެ ގޮތުގައި ރޭހުން ފާހަގަކޮށްލެވޭ "މޫންލައިޓް" އަކީ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ ފިލްމެކެވެ. "މެންޗެސްޓާ ބައި ދަ ސީ" އަކީ 8.5 މިލިއަން ޑޮލަރުގެ ފިލްމެކެވެ.