ރިޕޯޓް

މާލޭގެ ކަފިހިހުރަސް: ބޭކާރު ނިޝާނެއް!

ލައްކައަކަށް ވުރެއް ބޮޑު އާބާދީއެއް އޮންނަ މާލެސިޓީގެ ހިމަ މަގުތަކުގައި އުޅަނދު ފަހަރުތައް ފިތި ބާރުވުމުގެ ސަބަބުން ދުއްވުމުގައި ކުރިމަތިވާ ދަތިތަކުގެ ވާހަކައަކީ ކޮންމެ މީހެއްގެ ދުލު ކުރީގައި އޮންނަ ޝަކުވާއެކެވެ. މާލެ އިންފްރާސްޓްރަކްޗާ އޮތް ގޮތުން އެ މައްސަލަތައް ދިމާވީ ނަމަވެސް އޭގެ އިތުރުން، ގާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން މަގުތަކުގައި ހިނގާފައި އުޅޭ މީހާގެ ހައްގުތަކަށް އަރައިގަނެވޭ ކަން ހަނދާންވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ކިތަންމެ ކުލަ ގަދަކޮށް މާލޭ ކަފިހިހުރަސްތަކުގައި ކުލަ ޖައްސާފައި ހުއްޓަސް އެތަނުން ހުރަސް ކުރާ މީހުންނަށް ބެލުމެއް ނެތި އުޅަނދު ފަހަރުތައް ދުއްވަ އެވެ.

"ކިތަންމެ ގިނަ އިރަކު މަޑުކޮށްލައިގެން ހުއްޓަސް އެންމެ ސައިކަލެ ކާރެއްވެސް ޖާގައެއް ނުދޭ. އަދި އެންމެ ކުޑަ މިނުން ހުރަސް ކުރާ ވަގުތު އެއްވެސް ބެލުމެއް ނެތި ދެ ފަރާތުން ބާރު ބާރަށް އެއްޗެހި ދުއްވާ ވަރުން މަގު މެދުގައި ހުއްޓެންވެސް ޖެހޭ ފަހަރު އާދޭ. ވަރަށް ދަތިވޭ އެގޮތަށް ކަންތައް ކުރާތީ. ކަފިހިހުރަހުގެ ބޭނުމަކީ ކޮބައި ކަމެއް ނޭނގެ،" މަޖީދީ މަގުގައި މަގު ހުރަސް ނުކުރެވި ހުއްޓިލައިގެން ހުރި މުސްކުޅި ފިރިހެނަކު ބުންޏެވެ.

"ކަފިހިހުރަސް އޮތަސް ނެތަސް ވަކި ތަފާތެއް ނުފެނޭ. އެހެންވެ މިހާރު ވަކި ތަނެއް ނުބަލާ ހުރަސް ކުރަނީ. އެއީ ދުއްވާ އެއްޗެހިވެސް އަހަރުމެނަކަށް ނުބަލާ. ކަފިހިހުރަހުން ހުރަސް ކުރިޔަސް ވަކި ސޭފް ކަމެއް އިހުސާސް އެއް ނުކުރެވޭ،" އެހެން މީހަކު ބުންޏެވެ.

މިއީ މާލޭ މަގުމަތިން ކުޑަ އިރުކޮޅެއްގެ ތެރޭގައި ހިނގާލުމުން ދެ މީހެއްގެ ހިޔާލު އައި ގޮތެވެ. ނަމަވެސް އެ ޝަކުވާ ހިފައިގެން އުޅެނީ ކޮންބައެއްހެއްޔެވެ؟

ދުއްވާ އުޅަނދު ފަހަރާ އެއްވަރަށް ހިނގާފައި އުޅޭ މީހުންގެ އަދަދުވެސް ނިސްބަތުން މަދެއް ނޫނެވެ. ނަމަވެސް އެމީހުންގެ ހައްގަތަކަށް އަޅާލައި، ހުރަސް ކުރަން ޖާގަ ދިނުމަށް ހިނދު ކޮޅަކަށް މަޑުކޮށްލާ މީހުން ގުނާ ލެވޭހާ މަދޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މީހަކު މަގު ހުރަސް ކުރާ ވަގުތު ޖާގަ އޮތް ކަމަށް ބަލާފައި ކުރިމަތިން އުޅަނދު ފަހަރުތައް ހުރަސްކޮށްލާ އިރު އެ ކުރެވެނީ ގާނޫނީ ކުށެއް ކަންވެސް ހަނދާންކޮށްލަން ޖެހެއެވެ. އެއީ ގާނޫނުގައި ޕޭވްމަންޓު މަތީގައި ހިނގާ މީހުންނަށާއި ކަފިހިހުރަހުން ހުރަސް ކުރާ މީހުންނަށް ޖާގަ ދިނުމަށް ވަކި ދެ އަކުރެއް ކަނޑައަޅާފައި އޮވެއެވެ. އަދި އެ ގާނޫނަށް ހުރުމަތްތެރިކޮށް ނުހިތައިފި ނަމަ ޖޫރިމަނާވެސް ކުރަން ޖެހެއެވެ.

މިއީ މާބޮޑު ކަމަކަށް ނުހަދާ ދުއްވާ އިރު ނިކުމެދާނެ ހިތި ނަތީޖާއާ މެދުވެސް ވިސްނާލަން ޖެހެއެވެ. ކޮންމެ ފަހަރަކު އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެދާނެއެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާނީވެސް ބުނެފައެއް ނޫނެވެ.

މާލޭގައި އެތަށް ފަހަރެއްގެ މަތިން އެފަދަ ކުދި އިހުމާލުގެ ސަބަބުން ބޮޑެތި އެކްސިޑެންޓުތައް ހިނގާފައިވެއެވެ.

"މާލޭގައި ގިނަ މަގުތަކުގައި އެބަ ހުރި ކަފިހިހުރަސް ލާފަ. މަޖީމަގުގައިވެސް ކޮންމެ ކޮއްޓެއްގައި އަދި ހިމަ މަގެއްގައި ކަފިހިހުރަހެއް އިންނާނެ. މަގު ހުރަސް ކުރާ ފަރާތްތަކުންވެސް އެހެން ތަންތަނުން ހުރަސްކޮށްފާނެ. ނުވަތަ ކަފިހިހުރަހުން ހުރަސް ކުރަނިކޮށް ދެ ފަރާތުން އުޅަނދުތައް ގޮސްފާނެ ބަލައި ނުލާ. އެހެންވެ ކަފިހިހުރަހަކީ ހިނގާ މީހާއަށް ރައްކާތެރިކަން ލިބޭ ތަނެއް ނޫން މިހާރު. އޭގެ ސަބަބުން ފަސޭހަ ދީމާލަކުން ހުރަސްކޮށްލާ ފަހަރުދޭ. އެކަމުގެ ޑިސިޕްލިންއެއް ގާއިމްކޮށްފައި ނެތީމަ ބޭނުން ނުކުރެވި މިދަނީ. އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ. އަދި އެފަދަ ހާދިސާތައް ހިނގާ ފަހަރު ދޭ،" ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ އަބްދުﷲ އިލިޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި ކަފިހިހުރަހަށް ބެލުމުގައި މީހުން ފަރުވާ ކުޑަކޮށްލުމުގެ އިތުރުން އެހެން މައްސަލަތައްވެސް ހުރެއެވެ. އެގޮތުން ބައެއް މަގުތަކުގައި ކަފިހިހުރަސް ނުފެންނަ ވަރަށް ކުލަ ގޮސްފައި ހުރުމާއި ރޭގަނޑު ދުރުން އަންނަ އުޅަނދުތަކަށް ކަފިހިހުރަސް ފާހަގަ ވާނެ ފަދަ ލައިޓު ގާއިމްކޮށްފައި ނެތުމުގެ ސަބަބުން ވެސް އެކަށީގެންވާ ވަރަށް ނުބެލި ދެ އެވެ.

ވެރިރަށް މާލޭގައި ހިނގާ ބިނގާ އުޅޭ މީހުން މިފަދަ ހާލެއްގައި އުޅޭއިރު ބޭރު ގައުމުތަކުގައި ވެސް މި މައްސަލަ މިހާ ބޮޑުތޯ ބަލައިލަން ޖެހެއެވެ. އެގޮތުން އަވައްޓެރި އިންޑިޔާ އަދި ލަންކާއަށް ބަލައިލި ނަމަވެސް ބޮޑެތި އަވައްތަކުގައި ކަފިހިހުރަސްތަކުން ދާ މީހުންނަށް ޖާގަ ދިނުމަށް ވަރަށް ސަމާލުކަން ދެއެވެ. ބައެއް ގައުމުތަކުގައި ކަފިހިހުރަހުން ދާ މީހުންނަށް ޖާގަ ނުދީފި ނަމަ އޮންނަ ޖޫރިމަނާ ވަރަށް ބޮޑެވެ.

އޭގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް އެކަން ކުރެވޭނެ ގޮތްތައް މަގުފަހިކޮށްދީފައި ހުރެއެވެ. އެގޮތުން ކަފިހިހުރަސް ކައިރީ ހުންނަ ސުވިޗައް ފިތާލުމުން ހުރަސް ކުރާ ބޮކި ދިއްލި، ހުރަސް ކުރުމަށް 15 ނުވަތަ 10 ސިކުންތު ލިބެއެވެ. މީގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެން ދެއެެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފަރުދީ ޒިންމާ މަތިން އަދާ ކުރުމުގައާއި ގާނޫނާއި ގަވައިދަށް ރުހުމަތްތެރި ކުރަން އަހުލުވެރި ކުރުމެވެ. ނަމަވެސް އެއީ ގިނަ ދުވަހުން ހައްލުވެގެން ދާނެ ކަމެކެވެ. އޭގެ އިތުރުން މިހާރު މާލޭ މަގުތަކަށް ބޮޑެތި ބަދަލު ގެނެސް ތަރައްގީ ކުރަމުން އަންނަ އިރު ބޭރު ގައުމުތަކުގައި ހުންން ފަދަ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުން ކިހިނެތް ވާނެތޯއެވެ؟ އޭގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަ ވެގެންދޭނެ ނޫންތޯ އެވެ.