- ފްލެޓުގެ މަސައްކަތް 2018 ގައި ނިމޭނެ
- ފްލެޓު ތަރައްގީ ކުރަނީ އެންސިސް ކުންފުނިން
- މި ފްލެޓު ހަދަނީ އެސްޓީއޯ ހޮޓާ ކައިރީގައި
ރާއްޖޭގެ ކޮންޑެމީނިއަމް އިމާރާތެއްގައި ހަދާ އެންމެ ބޮޑު ސުވިމިންޕޫލާއެކު އެންސިސްގެ "އައިރާ" ރެސިޑެންސް އިފުތިތާފުކޮށް، ވިއްކަން ފަށައިފި އެވެ.
ރާއްޖޭގެ މަސްވެރިކަމުގައި އެންމެ ފުޅާދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ އެންސިސް ފިޝަރީޒްގެ ދަށުން ހިންގާ، އެންސިސް ރިއަލިޓީން ހުޅުމާލޭގައި ތަރައްގީކުރާ މަތީ ފަންތީގެ މި ކޮންޑެމީނިއަމް އިމާރާތުގައި ޒަމާނީ 94 އެޕާޓްމަންޓް ހުރެ އެވެ.
"އައިރާ- އެކްސެޕްޝަނަލް ލިވިން" ގެ ނަމުގައި ވިއްކާ މި ފްލެޓު އިފުތިތާހު ކޮށްދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެންސިސް ކުންފުންޏަކީ ރާއްޖޭގެ އިތުބާރު ލިބިފައިވާ މަޝްހޫރު ކުންފުންޏެއް ކަމަށެވެ. އަދި ކުރިން މި ކުންފުނި ފާހަގަ ކުރެވެނީ މަސްވެރި ކުންފުންޏެއްގެ ގޮތުގައި ނަމަވެސް ކުންފުނީގެ ވިޔަފާރި ފުޅާކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ފާހަގަ ވަނީ މި[ އެންސިސް] ފަދަ ކުންފުނިތަކުގެ މަސައްކަތުން. މި ފަދަ ކުންފުނިތަކުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދޭ،" ޒަމީރު ވިދާޅުވި އެވެ.
އައިރާ- އެކްސެޕްޝަނަލް ލިވިން ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ އިމާރާތްތައް ފަރުމާކުރާ ކުންފުންޏެއް ކަމަށްވާ "ޓެން އާކިޓެކްސް" ކުންފުނިންނެވެ.
އައިރާ ރެސިޑެންސް ކުރުކޮށް
- ޖުމްލަ 94 އެޕާޓްމަންޓް
- ތިން ކޮޓަރި އާއި ދެ ކޮޓަރި ހުރޭ
- ތަރައްގީ ކުރަނީ އެސްޓީއޯ ހޮޓާ ކައިރީގައި
- މި ފްލެޓުގެ މަސައްކަތް 2018 ގައި ނިމެނޭނެ
އެ ކުންފުނީގެ ލިއޯ ސަވިއާ މިރޭގެ ރަސްމިއްޔާތުގައި ވިދާޅުވީ މީގެ ފަސް މަސް ކުރިން ފަރުމާ ކުރަން ފެށި، މި ހިތްގައިމު ބިލްޑިން ކުރެހުމުގައި އިރުގެ އަލި އިމާރާތުގެ ތެރެއަށް ވަންނާނެ ގޮތަށް އިސްކަން ދީފައިވާނެ ކަމަށެވެ.
"މި އެޕާޓްމަންޓްތައް ފަރުމާ ކުރުމުގައި މައިގަނޑު އެއްޗަކަށް ބެލީ މޫދު. މޫދު ލޮނުގަނޑުގެ ކުލަތައް. ރާޅުބާނި. މި ކަންކަމަށް ބަލައި އެފަދަ އިހުސާސެއް ގެނެވޭތޯ ބަލާފައިވާނެ،" މެލޭޝިޔާ އާއި އިންޑޮނޭޝިޔާގައި ވެސް މަސައްކަތް ކުރަމުން ގެންދާ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި، ލިއޯ ވިދާޅުވި އެވެ.
އެސްޓީއޯ ހޮޓާ ކައިރީގައި ފިތުރޯނުމަގުގައި ހަދާ އައިރާ ރެސިޑެންސްގެ މޫދު ފެންނަ ގޮތަށް ހުންނަ ސީވިއު އެޕާޓްމަންޓްތަކުގައި ތިން ކޮޓަރީގެ 45 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓް އަދި އެއް ކޮޓަރީގެ 11 އެޕާޓްމަންޓުގެ އިތުރުން 10 ޕެންޓް ހައުސް ހިމެނެ އެވެ. އަދި ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި މެއިޑް ކޮޓަރިއެއް ވެސް ހުރެ އެވެ. މީގެ އިތުރުން 20 މީޓަރުގެ ސުވިމިން ޕޫލަކާއި ޖަކޫޒީ ހަދި ހެލްތް ކްލަބެއްގެ އިތުރުން އެކި ހަފުލާތައް ބޭއްވުމަށް ހާއްސަ ހޯލެއް ވެސް ހުންނާނެ އެވެ.
އެންސިސް ރިއަލިޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ މި ކޮންޑެމީނިއަމް ހެދުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މިތަނަށް ވަންނަ މީހުންގެ ސަލާމަތްތެރިކަމަށް ކަމަށެވެ. އަދި މިތަން ފަރުމާކޮށްފައި ވާނީ 20 މީޓަރުގެ ހިތްގައިމު ސުވިމިން ޕޫލަކާއި، އެތަނުން ހިދުމަތް ހޯދާ މީހުންނަށް ބޭނުންވާ ލުއި ކާނާ ވިއްކާނެ ކޯނާއެއް ވެސް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވީ ކުންފުނި ވަރުގަދަ ކުރުމުގެ ގޮތުން ތަފާތު ވިޔަފާރީގެ ތެރެއަށް ވަންނަމުންދާ ކަމަށާއި، މިގޮތުން 2015 ވަނަ އަހަރު ރިއަލްއެސްޓޭޓް ވިޔަފާރިއަށް ކުންފުނި ނުކުމެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެންސިސް ރިއަލިޓީ ކުންފުނިން ވަނީ ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މި ފްލެޓުގެ ހުރިހާ މައުލޫމާތެއް ލިބޭނެ ހާއްސަ ތަނެއް ހުޅުމާލޭގައި ހަދާފަ އެވެ. މިތަނުގައި މި ފްލެޓު ގަންނަން ޝައުގުވެރިވާ މީހުންނަށް ފްލެޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު އެނގޭނެ މަގުޗާޓަކާއި ފޮޓޯ ގެލަރީއެއް އަދި ސޭލްސް ކައުންޓަރެވެސް ހުރެ އެވެ.
އެންސިސް ފިޝަރީޒްއަކީ 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މަސްވެރިކަމަށް ހިދުމަތް ކުރަމުން ގެންދާ ކުންފުންޏެކެވެ. ނަމަވެސް މިހާރު އެ ކުންފުނިން ވަނީ އިންޝުއަރެންސުގެ ވިޔަފާރީގެ ތެރެއަށް ނުކުމެ "ދިވެހި އިންޝުއަރެންސް" ގެ ނަމުގައި ކުންފުންޏެއް ހިންގަން ފަށާފަ އެވެ. އަދި އެ ކުންފުނިން ދަނީ ޓޫރިޒަމް ދާއިރާގައި ވެސް ހަރަކާތްތެރިވަމުންނެވެ. މިގޮތުން އެ ކުންފުނިން ސަފާރީވެސް ދުއްވަ އެވެ.