ވިޔަފާރި

ގޫގުލްގައި އިނގިރޭސިން އެންމެ ގިނައިން ހޯދަނީ ރާއްޖެ

Dec 17, 2016
  • އެންމެ ގިނަ މީހުން ބަލަނީ ރާއްޖެ
  • ދެވަނައަށް ހިމެނެނީ ސްޕެއިން
  • އިނގިރޭސިވިލާތުގައި ރާއްޖެ މަގުބޫލު

އިނގިރޭސީ ވިލާތުގެ ރައްޔިތުން ޗުއްޓީ ހޭދަ ކުރަން ގައުމެއް ހޯދުމަށް އެންމެ ގިނައިން ގޫގުލްގައި ސާޗް ކުރަނީ ރާއްޖެ ކަމަށް ގޫގުލްއާ ހަވާލާދީ އިނގިރޭސި ބައެއް ނޫސްތަކުން ބުނެފި އެވެ.

ގޫގުލްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އިނގިރޭސި ބައެއް ނޫސްތަކުގައިވާ ގޮތުން ޗުއްޓީ ހޭދަ ކުރުމަށް ގައުމެއް ހޯދުމަށް އިނގިރޭސި ރައްޔިތުން ގޫގުލް ހާވާއިރު އެންމެ ގިނަ އިން ބޭނުން ކުރަނީ "މޯލްޑިވްސް" ނުވަތަ ދިވެހިރާއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޝާޗް އިންޖިން ކަމަށްވާ ގޫގުލް އިން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި ރާއްޖެ ފިޔަވަައި ދެވަނައަށް އެންމެ ގިނަ މީހުން ޗުއްޓީގެ މަންޒިލެއްގެ ގޮތުގައި ގޫގުލްކޮށްފައި ވަނީ ސްޕެއިންގެ މަލާގާ އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ މީހުން ހޯދަނީ ވެސް ސްޕެއިންގެ ޖަޒީރާ ރަށެއް ކަމަށްވާ ޓެރެނިފައި އެވެ. މީގެ އިތުރުން އެންމެ ގިނައިން އިނގިރޭސިން ހޯދާ ގައުމުތަކުގެ ތެރޭގައި ކެނެޑާ އާއި ދެކުނު އެފްރިކާ އަދި މެކްސިކޯ ފަދަ ގައުމުތައް ހިމެނެ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ ހަތް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ، އޮކްޓޫބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެ ގައުމުން 85،194 މީހުން ރާއްޖެ ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 76،243 ޓޫރިސްޓުންނާ އަޅާބަލާއިރު، 11.7 ޕަސެންޓް އިތުރު އަދަދެކެވެ.