ރޯމް (ޑިސެމްބަރު 11) – ޗެމްޕިއަންސް ލީގުގެ ގުރޫޕް އީގައި ރޭ އޭއެސް ރޯމާ އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މެޗުގެ 60 ވަނަ މިނިޓުގައި ސިޓީ އަށް ލީޑު ހޯދައިދިނީ ފްރާންސްގެ މިޑްފީލްޑަރު ސަމިރް ނަސްރީ އެވެ. އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް، އާޖެންޓީނާގެ ޑިފެންޑަރު ޕަބްލޯ ޒަބަލެޓާ ވަނީ ލަނޑެއް ޖަހައި، ސިޓީ އަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ސިޓީ އަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވީ މި ގުރޫޕްގައި ރޭ ސީއެސްކޭއޭ މޮސްކޯ އަތުން ބަޔާން މިއުނިކް 3-0 އިން މޮޅުވުމާއެކު އެވެ.
ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމުނުއިރު، ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި ސިޓީ ދެވަނަ ބުރުން ޖާގަ ހޯދީ އަށް ޕޮއިންޓާއެކު އެވެ. ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ 15 ޕޮއިންޓާއެކު އޮތް ބަޔާން އެވެ. މި ގުރޫޕްގެ ތިން ވަނަ މަގާމާއެކު، ޔޫރޮޕާ ލީގުގެ ޖާގައެއް ލިބުނީ ރޯމާއަށެވެ.
ސިޓީން ދެވަނަ ބުރުގެ ޖާގަ މި ހޯދީ، މުބާރާތުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ވެސް މޮޅެއް ނުލިބި، އެެ ޓީމަށް އޮތް ފުރުސަތު ހަނިވެފައިވަނިކޮށެެވެ. ސިޓީން ދެވަނަ ބުރުގެ އުންމީދު އާކުރީ އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުގައި ބަޔާން އަތުން 3-2 އިން މޮޅުވެެގެންނެވެ.
"މީޑިއާ އިން މިހާރު ސިޓީ އަށް ދޭ ތައުރީފަށްވުރެ ބޮޑު ތައުރީފެއް މިހާރު ސިޓީ އަށް ހައްގު،" މެޗަށް ފަހު ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުންޏެވެ. "އަހަރެން ޓީމަށް ވަރަށް ބޮޑު އިތުބާރެއް ކުރިން. އެއީ މި ޓީމުގެ ފެންވަރާއި މި ޓީމަށް ހާސިލްކުރެވޭނެ ކަންތައްތައް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭތީ."
ރޯމާ އަތުން ސިޓީ މޮޅުވި މެޗުގައި ސިޓީ ކުޅުނީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ފޯވަޑް ސާޖިއޯ އަގުއޭރޯ ނުލައި އެވެ. މި ދެ ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވުނުއިރު، މުހިންމު މިޑްފީލްޑަރު ޔާޔާ ޓޫރޭ ހުރީ މި މެޗަށް ސަސްޕެންޑްވެފަ އެވެ.
"އަހަރެން ކުރިން ވެސް ބުނިން މި މެޗުގައި ނުކުޅެވޭ ކުޅުންތެރިންގެ ވާހަކަދައްކާކާށް ބޭނުމެއްނުވޭ. އަހަރެން މެޗުގެ ކުރިން ވެސް ކުޅުންތެރިން ކައިރީގައި ބުނިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދެއްކި ކަހަލަ ކުޅުމެއް ދައްކައިފި ނަމަ، މި މެޗުން ވެސް މޮޅުވެވޭނޭ. އެކަން މި އޮތީ ކާމިޔާބުވެފައި،" ޕެލެގްރިނީ ބުންޏެވެ. "އަހަރެން ތަފާތު ދެ މުބާރާތެއް މި ކުޅެނީ. ޗެމްޕިއަންސް ލީގުގައި މި ވަގުތު ހާސިލްކުރަން ބޭނުންވި ކަންތައް މި ހާސިލްވީ. ދެން ޗެމްޕިއަންސް ލީގާމެދު ވިސްނާނީ ފެބްރުއަރީ މަހު."
މި ގުރޫޕްގައި ރޭ ސީއެސްކޭއޭ އަތުން އަމިއްލަ ދަނޑުގައި ސިޓީ މޮޅުވީ ތޯމަސް މުލާ އާއި ސެބެސްޓިއަން ރޯޑް އަދި މާރިއޯ ގޮޓްޒާ ޖެހި ލަނޑުތަކުންނެވެ. -- ބީބީސީ