ހޮލީވުޑް

"އަ ސެޕަރޭޝަން" ގެ ޑައިރެކްޓަރަށް އަނެއްކާވެސް އޮސްކާގެ ފުރުސަތު

Dec 17, 2016

އޮސްކާ އެވޯޑްސްގެ ނޮމިނޭޝަންސްތަކަށް ހޮލީވުޑް ތައްޔާރުވަމުން އަންނައިރު އެވޯޑަށް ކުރިމަތިލާފައިވާ ފިލްމުތައް ޝޯޓްލިސްޓްކޮށް އެކި ކެޓަގަރީތައް އިއުލާނުކުރަމުން އަންނައިރު، މިހާތަނަށް ޝޯޓްލިސްޓްކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން ބެސްޓް ފޮރިން ލެންގުއޭޖު ކެޓަގަރީގައި ވާދަކުރާ ފިލްމުތަކާއި ނަންތައް ވަރަށް ވެސް ހާއްސަ އެވެ.

އެގޮތުން މި ކެޓަގަރީ އަށް ނުވަ ފިލްމެއް ޝޯޓްލިސްޓްކޮށްފައިވާއިރު ފެވަރިޓަކީ އީރާނުގެ މަޝްހޫރު ޑައިރެކްޓަރު އަސްގަރު ފަރުހާދީގެ "ދަ ސޭލްސްމަން" އެވެ. އަސްގަރު އަކީ 2012 ވަނަ އަހަރު، އޭނާގެ މަޝްހޫރު ފިލްމު "އަ ސެޕަރޭޝަން" އިން އޮސްކާގެ މި ކެޓަގަރީ ފަތަހަކޮށް ގޯލްޑެން ގްލޯބްސްގައި ވެސް އެންމެ މޮޅު އިންޓަނޭޝަނަލް ފިލްމުގެ އެވޯޑް ހާސިލުކޮށްފައިވާ ހުނަރުވެރިއެކެވެ.

"ދަ ސޭލްސްމަން" އާ އެކު އެނބުރި އައިސް އޮސްކާގެ ފޮރިން ލެންގުއޭޖު ކެޓަގަރީ އޭނާ އަލުން ހިސޯރުކޮށްފައިވާއިރު މި ފިލްމަކީ މި އަހަރުގެ މަޝްހޫރު އެހެން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްތަކުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ފިލްމެކެވެ. އެގޮތުން މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި މި ފިލްމުން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް އަސްގަރު ހާސިލުކޮށްފައިވާއިރު އޭގައި ލީޑް ރޯލު ކުޅެފައިވާ ޝަހާބް ހުސެއިނީ ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ގެންގޮސްފަ އެވެ.

"ދަ ސޭލްސްމަން" ގައި ވެސް ދައްކުވައި ދެނީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައި ތާށިވެފައިވާ ދެ ބައިވެރިންގެ ވާހަކަ އެވެ.

މި ފިލްމަށް ފަހު، ބެސްޓް ފޮރިން ލެންގުއޭޖު ކެޓަގަރީ އަށް ދެން ޝޯޓްލިސްޓްވި އެހެން ފިލްމުތަކަށް ބަލާއިރު ނިމިގެން ދިޔަ ޔޫރަޕިއަން ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމަކަށް އަދި އެންމެ މޮޅު ސްކްރީންޕްލޭއަކަށް ވެސް ހޮވުނު ކޮމެޑީ ޑްރާމާ "ޓޯނީ އެރްޑްމަން" ފާހަގަކޮށްލެވެ އެވެ.

ބެސްޓް ފޮރިން ލެންގުއޭޖު ކެޓަގަރީ އަށް ދެން ޝޯޓްލިސްޓްކޮށްފައި ވަނީ އޮސްޓްރޭލިއާގެ ފިލްމެއް ކަމުގައިވާ "ޓަނާ" އާއި ކެނެޑާގެ ޒުވާން ޑައިރެކްޓަރު ޒެވިއާ ޑޯލާންގެ "އިޓްސް އޮންލީ ދަ އެންޑް އޮފް ދަ ވޯލްޑް" އާއި ޑެންމާކްގެ ފިލްމެއް ކަމުގައިވާ "ލޭންޑް އޮފް މައިން" އަދި ނޯވޭގެ ފިލްމު "ދަ ކިންގްސް ޗޮއިސް" އެވެ.

މީގެ އިތުރުން ރަޝިއާ އިން ނޮމިނޭޓްކޮށްފައިވާ "ޕެރެޑައިސް" އާއި ސްވިޑެންގެ "އަ މޭން ކޯލްޑް އޯވީ" އަދި ސްވިޓްޒަލެންޑްގެ ފިލްމު "މައި ލައިފް އޭޒް އަ ޒިއުޗީނީ" ވެސް ޝޯޓްލިސްޓްވެފައިވެ އެވެ.

މި ނުވަ ފިލްމުގެ ތެރެއިން އޮސްކާ އަށް ނޮމިނޭޓްކުރާނީ ފަސް ފިލްމެކެވެ. ނޮމިނޭޝަންސްތައް އިއުލާނުކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އޮސްކާ ހަފުލާ އޮންނާނީ ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. މިއީ އޮސްކާގެ 89 ވަނަ އެވޯޑްސް ހަފުލާ އެވެ.