ހަބަރު

ނަޝީދު ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފެށުމަށް ހައި ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރަން ކޯޓުން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ. އެގޮތަށް ކޯޓުން އަމުރު ނެރެ ދިނުމުން ނަޝީދު މިހާރު ހުންނަވަނީ ފުލުހުންގެ ރަށެއް ކަމަށް ވާ ކ. ދޫނިދޫގަ އެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ނަޝީދުގެ ފަރާތުން ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގައި ބާއްވަން ހައި ހޯޓުން ވަނީ ތާވަލްކޮށްފަ އެވެ.

ނަޝީދުގެ ބަންދު އަމުރުގެ އިސްތިއުނާފް ޝަރީއަތް އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ހިންގާ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން މާދަމާ ރޭ ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.