ކޮމަންވެލްތް މިސްޓީރިއަލް އެކްޝަން ގްރޫޕް(ސީމެގް) ގެ އެޖެންޑާގައި ރާއްޖެ ހިމަނަން ބަޔަކު މަސައްކަތް ކުރަމުންދާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތާ ގުޅިގެން ބޭރުގެ ޖަމާއަތްތަކުން ރާއްޖެއަށް ކުރަމުންދާ ޕްރެޝަރުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ ވިދާޅުވީ ނަޝީދުގެ ޝަރީއަތާ ގުޅިގެން ރާއްޖޭގެ މައްސަލަ ސީމެގްގެ އެޖެންޑާގައި ހިމަނަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ނަޝީދުގެ ޝަރީއަތް ހިނގަމުންދަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ވާތީ ރާއްޖޭގެ މައްސަލަ ސީމެގްގެ އެޖެންޑާއަށް އެރުމުގެ ފުރުސަތު ނެތް ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ކުރިން ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން 2012 ގައި ރާއްޖޭގެ މައްސަލަ ސީމެގްގެ އެޖެންޑާގައި ހިމެނި ނަމަވެސް މިހާރު އެކަން އެގޮތަށް ހިންގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮމަންވެލްތުން ވެސް ގަބޫލުކުރާ ގޮތުގައި އޭރު އެއީ އެންމެ ރަނގަޅަށް ހިނގައިދިޔަ ކަމެއް ނޫން. ކަންތައްތައް ނުބަލައި ވަރަށް ކުއްލި ގޮތަކަށް އޭރު އެކަން ހިނގައިދިޔައީ. އެހެންވެ ކޮމަންވެލްތަކުން ވެސް ބޭނުމެއް ނުވޭ ކުރީގެ ތަޖްރިބާ އަލުން އާ ކުރާކަށް. އެއީ ވަރަށް ހިތި ތަޖްރިބާއަކަށް ވެފައި ވަނީ." ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ނަޝީދުގެ ޝަރީއަތާ ގުޅިގެން ސަރުކާރުން ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، އެ ޝަރީއަތާ ބެހޭގޮތުން މައުލޫމާތު ދެމުންދާ ކަމަށެވެ. އަދި ބައެއް ގައުމުތަކުން ބޮޑެތި ކަންކަމުގައި އެއްވެސް އެއްޗެއް ނުބުނެ ތިބުމަށް ފަހު ރާއްޖެއަށް ކަމެއް ދިމާވާއިރަށް އެކަމުގައި ރާއްޖެއަށް ޕްރެޝަރު ކުރަމުންދާތީ އެ ވާހަކަ ވެސް އެ ގައުމުތަކާ އެކު ބޭއްވި މަޝްވަރާތަކުގައި ފާހަގަކޮށްފައިވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ނަޝީދުގެ ޝަރީއަތް ހިންގަމުންދަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ޖިނާއީ ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމަކީ ސަރުކާރުން ކުރާ ކަމަކަށް ނުވާތީ އެކަމުގެ ތެރެއަށް ސަރުކާރުން އެއްވެސް ވަރަކަށް ނުވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ބޭރުގެ ފަރާތްތަކާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް އަނިލް ވިދާޅުވި އެވެ.
"އެ މައްސަލައަކީ މިނިވަން ޝަރުއީ ނިޒާމެއްގެ ދަށުން ހިނގަމުންދާ ކަންތައްތައް، އެހެންވީމާ ސަރުކާރުން ޝަރުއީ ނިޒާމުގައި ހިނގަމުންދާ ކަމަކާ ނުބެހޭނެ." އަނިލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.