ހަބަރު

އިންޖީނު ގޮަވައިގެން ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅުވާން ފަށައިފި

ށ. ފީވަކުން ފުރައިގެން އެއަތޮޅު ފޯކައިދުއަށް ޑީންގީއެއްގައި ދަނިކޮށް އޭގެ އިންޖީނު ގޮވައި އަނިޔާވި ޒުވާނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި ނަމަވެސް ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ ފީވަކު، އޯކިޑްމާގެ އުމުރުން 32 އަހަރުގެ އަބްދުﷲ ފަޒީލް އެވެ.

"އަވަސް" އާ ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފަޒީލްގެ ސާޖަރީއެއް ކުޅުދުއްފުށީ ހޮސްޕިޓަލުން ހެދުމަށް ފަހު އިއްޔެ އައިޖީއެމްއެޗަށް ގެނެސް އަދިވެސް އޮތީ އައިސީޔޫގައި ގައި ހޭނައްތާފައި ކަމަށެވެ. ނަމަވެސް ފަޒީލްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އެތެރެ ހައްޓަށް ބޮޑެތި އަނިޔާތައް ވެފައިވާތީ އިތުރު ޓެސްޓުތައް ހަދާ އެކަން ކަމަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

"އެކްސިޑެންޓުގެ ސަބަބުން ފަޒީލްގެ ބަނޑު ކަފައިގެން ގޮސް އެތެރެ ހަށީގެ ގުނަވަންތަކަށް ބޮޑެތި އަނިޔާވެފައި އެބަހުރި. އަދި މައިބަދައަށް ވެސް ގެއްލުންތަކެއް ލިބިފައި ހުރި. އެހެންވެ އަދިވެސް ސްކޭންތައް ހަދާ އިތުރު ފަރުވާތައް ދޭން ޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ގާތްގަނޑަކަށް 15 މިނެޓުން ދެވޭ ފޯކައިދުއަށް އޭނާ އާއި އެހެން ޒުވާނަކު ޑިންގީގައި ދަނިކޮށްއިންޖީނު ހަލާކުވެ، ފްލައިވީލް ނައްޓައިގެން ގޮސް އޭނާގެ ބަނޑުގައި ޖެހި ބަނޑުގެން ހަ އިންޗިއައް ކަފައިގެންދިޔަ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ. އަދި ހާދިސާ ހިނގިއިރު ޑީންގީގައި އިން އޭނާގެ އެކުވެރިޔާއަށް އެއްވެސް އަނިޔާއެއް ނުލިބެ އެވެ. މި މައްސަލަ ފުލުހުންގެ ގެންދަނީ ބަލަމުންނެވެ.