ދުނިޔެ

ދުވާލަކު އެއް ކިލޯ ވެލި ކާ އަންހެނެއް!

Dec 19, 2016
3

އިންޑިއާގެ އުއްތަރުޕްރަދޭޝްގެ ރަށެއްކަމުގައިވާ ބަނާރަސްގެ ކިސްމާވަތީ ކޮންމެ ދުވަހަކުހެން އެއްކިލޯ ވެލި ކައެވެ. އެކަމަކު މިހާތަނަށް އޭނާގެ ސިއްހަތަށް ނޭދެވޭ އަސަރެއް ނުކުރެއެވެ. ކިސްމާވަތީގެ އުމުރުން 15 އަހަރުގައި އެއްދުވަހަކު އޭނާގެ ބަނޑުގައި ރިއްސަން ފެށިއެވެ. އޭނާ ބޭސްވެރިއެއްގެ ގާތަށް ދިއުމުން ބޭސްވެރިޔާ ބުނީ ތާޒާ ގެރިކިރުގެ ތެރެއަށް ވެލިއަޅައިގެން ބުއިމަށެވެ. ބޭސްވެރިޔާ ބުނި ގޮތަށް ހެދުމުން ކިސްމާވަތީގެ ބަނޑުން ރިހުން ފިލައިފިއެވެ. އެކަމަކު ވެލިން އޭނާއަށް ދޭންފެށީ ކޮންފަދަ މީރު ރަހައެއްކަން ބުނެދޭކަށް ނޭނގެއެވެ. ވެލިކެއުން އޭނާއަށް އާދައަކަށް ވެއްޖެއެވެ.

ބަނާރަސްގެ ޗޯލާޕޫރުގެ ކަޓާރީ އަވަށުގައި ދިރިއުޅެމުންދާ ކިސްމާވަތީގެ އުމުރަކީ މިހާރު 78 އަހަރެވެ. ފާއިތުވި 63 އަހަރު ވެލި ކެއުމުގެ އާދަ އޭނާގެ ކަށީގައި ވަނީ ވަރަށް ވަރުގަދައަށްް ހިފާފައެވެ.

ކައިވެންޏަށް ފަހުވެސް، ދެ ފިރިހެން ދަރީންނާއި އަންހެން ދަރިއަކު ލިބި އެމީހުން މީހުންނާ އިނދެ މާމަ ދަރީން ލިބުމުން ވެސް، ކިސްމާވަތީގެ ވެލިކެމުގެ ސިލްސިލާއަކަށް ބަދަލެއް ނާދެއެވެ. ކޮންމެ ދުވަހަކު އޭނާ ވެލިކައެވެ. އަވައްޓެރިން ވެސް ބައެއް ފަހަރަށް ކިސްމާވަތީއަށް ވެލި ހަދިޔާ ކުރަމުންދާއިރު މާމަ ކާން ވެލި ޖަމާކޮށް ދިނުމަކީ މާމަދަރިންގެ ޒިއްމާއެއްކަމުގައި އެމީހުން ދެކެއެވެ.

ކިސްމާވަތީގެ ސިއްހީ ހާލަތު ބަރާބަރެވެ. އޭނާ އައިނެއް ނާޅައެވެ. އޭނާގެ އުނަގަނޑުގައި ގުދެއްނެތެވެ. ކޮންމެ ދުވަހަކު އޭނާ ދަނޑުވެރިކަމުގެ މަސައްކަތް ކުރެއެވެ.

ކިސްމާވަތީ ބުނި ގޮތުގައި އޭނާ ވެލި ކަނީ ދޮވެ އަވީލައި ހިއްކައިގެންނެވެ. ވެލީގައި ހުންނަ ކުދި ގާކޮޅުތައް ކެއުމުގެ ކުރިން ހޮވައި ސާފުކުރެއެވެ. ބައެއްފަހަރަށް އޭނާ ނިދުމުގެ ކުރިން އަނެއްބައިފަހަރަށް ނިދިން ހޭލެވުމުން ތެދުވެ ވެލި ކައެވެ.

"އެއްފަހަރަކު އަވައްޓެރިއެއްގެ ގެއަޅަންވެގެން ވެލި ގެނައި. އަހަރެންގެ ހަޔާތުގައި އަދި މިހާތަނަށް އެހާ މީރު ފޮނިގަދަ ވެއްޔެއް ނުކަން." ކިސްމާވަތީ ބުންޏެވެ. "އެތަނުން ނެގި ވެލީގެ ބަދަލުގައި އަހަރެން އެތަނަށް ވެލިއެޅިން."

ކިސްމާވަތީގެ މާމަދަރިފުޅު ސުންދަރަމް ބުނިގޮތުގައި ކުޑައިރުއްސުރެ މާމަ ވެލިކާތަން އޭނާ ދެކެއެވެ.

"އާއްމުކޮށް މާމަގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު. މިދިޔަ އަހަރު އެއްފަހަރަކު މާމަ ބަލިވެ އުޅުނު." ސުންދަރަމް ބުންޏެވެ.

ކާޝީ ހިންދޫ ޔުނިވަރސިޓީގެ ނަފްސިއްޔާތީ ޑިޕާޓްމަންޓުގެ ވެރިޔާ ޕްރޮފިސަރ ސަންޖޭ ގުޕްތާ ވިދާޅުވިގޮތުގައި ވެލި ކަނީ "ޕާކާ" ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިވާ މީހުންނެވެ.

"އެ ބަލިޖެހިފައި ތިބޭ މީހުން، އާއްމުކޮށް މީހުން ކައިނޫޅޭ ތަކެތި ކައިއުޅޭނެ." ޕްރޮފިސަރ ސަންޖޭ ގުޕްތާ ވިދާޅުވިއެވެ. "އެއީ އެބަލި ނޫންކަމަށް ވާނަމަ، އޭނާގެ ހަށިގަނޑުގެ ކޮންމެވެސް އުނިކަމެއް ވެލިން ފޫބައްދައި ދެނީކަމަށް ވެސް ވެދާނެ."

މެޑިކަލް ސައިންސްގައި ޖަވާބު ހޯދިފައި ނުވާ ވަރަށް ގިނަ އަރަތް އެބަހުރި ކަމަށް ޕްރޮފިސަރ ސަންޖޭ ގުޕްތާ ގަބޫލުކުރައްވައެވެ. އޭގެތެރެއިން އެއް އަރަތަކީ ކިސްމާވަތީއަށް ދިމާވެގެން އުޅޭ މައްސަލައެވެ.

"ބޭސްވެރިކަމުގެ ނަޒަރުން ބަލާއިރު ވެލި ކެއުމުން އިންސާނާގެ ސިއްހަތަށް ގެއްލުން ވުމުގެ ފުރުސަތު އެބައޮތް. ކަން އެހެން އޮތުމުން އެއްވެސް މީހަކު ކިސްމާވަތީ ކޮޕީކޮށް ވެލި ކައިގެންނުވާނެ." ޕްރޮފިސަ ސަންޖޭ ގުޕްތާ ވިދާޅުވިއެވެ.