ހޮލީވުޑް

ރޯގް ވަން އަށް 290 މިލިއަން ޑޮލަރުގެ ފެށުމެއް

Dec 19, 2016

"ސްޓާ ވޯސް" ސިލްސިލާގެ އާ ފިލްމު "ރޯގް ވަން" މިދިޔަ ހުކުރު ދުވަހު އުތުރު އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރިމިއާކޮށް ޝޯތައް ފަށާފައިވާއިރު ހަފުތާ ބަންދު ނިމުނުއިރު މި ފިލްމުގެ ބޮކްސް އޮފީސް ޖުމްލަ 290 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ފިލްމުގެ 200 މިލިއަން ޑޮލަރުގެ ބަޖެޓު ގާތްގަނޑަކަށް ތިން ދުވަސް ތެރޭގައި ފަހަނަޅައި ދިޔަ ނަމަވެސް "ރޯގް ވަން" ގެ މި އަދަދަކުން ސްޓާ ވޯސް ސިލްސިލާގެ މިދިޔަ އަހަރުގެ ފިލްމު "ދަ ފޯސް އެވޭކެންސް" ގެ ރިކޯޑްތަކެއް މުގުރައެއް ނުލެވުނެވެ. އަދި ބޮކްސް އޮފީހުގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުން ބޮކްސް އޮފީހުގައި "ދަ ފޯސް އެވޭކެންސް" ނަގާފައިވާ 2.1 ބިލިއަން ޑޮލަރުގެ އަދަދަށް ވެސް "ރޯގް ވަން" ވާސިލެއް ނުވާނެ އެވެ.

ނަމަވެސް ޔަގީނަށް ވެސް މި އަހަރުގެ ފިލްމުތަކަށް ބަލާއިރު "ރޯގް ވަން" އަށް 290 މިލިއަން ޑޮލަރުގެ ފެށުމެއް ލިބުމަކީ ރިކޯޑް އަދަދެެކެވެ. މި އަދަދަށް "ރޯގް ވަން" އަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ އެމެރިކާ އާއި އެހެން ގައުމުތަކުގެ ބޮކްސް އޮފީސް ޖުމްލަ ވެސް އެއްކޮށްގެންނެވެ.

އުތުރު އެމެރިކާ އިން އެކަނި ފިލްމަށް ލިބިފައި ވަނީ މިހާތަނަށް 155 މިލިއަން ޑޮލަރެވެ. ޑައިރެކްޓަރު ޖޭޖޭ އަބްރަމްސް "ދަ ފޯސް އެވޭކެންސް" އަށް އޭގެ ފުރަތަމަ ހަފުތާ ބަންދުގައި އުތުރު އެމެރިކާ އިން އެކަނި ވެސް 248 މިލިއަން ޑޮލަރު ލިބުނެވެ.

"ސްޓާ ވޯސް" ގެ ފިލްމުތަކުން ބޮކްސް އޮފީސް ރިކޯޑްތައް މުގުރަމުން ދިޔަ ނަމަވެސް 2009 ވަނަ އަހަރު ޖޭމްސް ކެމަރަންގެ "އެވަޓާ" އިން ގާއިމުކުރި އެންމެ ވިޔަފާރި ރަނގަޅު ފިލްމުގެ ރިކޯޑް އަދިވެސް އޮތީ އެގޮތުގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 2.8 މިލިއަން ޑޮލަރު ލިބިފައިވާއިރު މި ލިސްޓުގެ ދެ ވަނާގައި އޮތީ ކެމަރަންގެ "ޓައިޓޭނިކް" އެވެ. އެއީ 2.2 ބިލިއަން ޑޮލަރާ އެކުގަ އެވެ.

ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމުގެ ލިސްޓްގެ ތިން ވަނާގައި އޮތީ "ދަ ފޯސް އެވޭކެންސް" އެވެ.

ސްޓާ ވޯސްގެ ކުރީގެ ފިލްމުތަކުގެ ސްޕިން އޮފްއެއްގެ ގޮތުގައި އުފައްދާފައިވާ "ރޯގް ވަން" ގެ ޑައިރެކްޓަރަކީ އިނގިރޭސި ވިލާތުގެ ހުނަރުވެރިއެއް ކަމުގައިވާ ގެރެތު އެޑްވަޑްސް އެވެ. އޭނާ އަކީ މިފަހުން ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދި "ގޮޑްޒިލާ" ގެ ވެސް ޑައިރެކްޓަރެވެ.

"ރޯގް ވަން" ގެ ތަރިންނަކީ ފެލިސިޓީ ޖޯންސް އާއި ޑިއޭގޯ ލޫނާ އަދި ރިޒް އަހުމަދުގެ އިތުރުން ފޮރެސްޓް ވިޓެކާ އެވެ.

ސްޓާ ވޯސްގެ މި ފިލްމަށް ފަހު މި ސިލްސިލާގެ އާ ފިލްމެއް އަންނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ނެރޭނެ އެވެ. އެ ފިލްމު ޑައިރެކްޓްކުރާނީ 2012 ވަނަ އަހަރުގެ މަޝްހޫރު ފިލްމު، "ލޫޕާ" ގެ ޑައިރެކްޓަރު ރަޔަން ޖޯންސަން އެވެ.