ބާސެލޯނާ (ނޮވެމްބަރު 11) – ފަހަތުން އަރައި ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަތުން އަމިއްލަ ދަނޑުގައި 3-1 އިން ރޭ މޮޅުވެ، ގުރޫޕްގެ އެފްގެ އެއްވަނަ މަގާމު ބާސެލޯނާ އިން ހޯދައިފި އެވެ.
މެޗުގެ ކުރިން ދެވަނަ ބުރުގެ ޖާގައެއް ދެ ޓީމަށް ޔަގީންވެފައި އޮތް ނަމަވެސް، ގުރޫޕްގެ އެއްވަނަ މަގާމު ހޯދުމަށް ދެ ޓީމު ކުރިމަތިލި މެޗުގެ 15 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ހޯދައިދިނީ ބާސާގެ ކުރީގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އެވެ.
އެކަމަކު އޭގެ ހަތަރު މިނިޓު ފަހުން ބާސާ ލުއިސް ސުއަރޭޒް ތިރިތިރިން ހުރަސްކޮށްލި ބޯޅައަކުން ލަނޑު ޖަހައި، ބާސާގެ ފޯވަޑް ލިއޮނެލް މެސީ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި މެސީ ޖެހި 75 ވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ބާސާ އިން ލީޑު ނެގީ ނޭމާ ޖެހި ރީތި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ނޭމާ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގެ 77 ވަނަ މިނިޓުގައި ބާސާގެ ތިން ވަނަ ލަނޑު ޖެހީ ސުއަރޭޒް އެވެ. މިއީ މި ސީޒަންގައި ބާސާ އަށް ބަދަލުވި ފަހުން ސުއަރޭޒް ބާސާ އަށް ޖަހައިދިން ދެވަނަ ލަނޑެވެ.
ގުރޫޕް އެފްގެ އެއްވަނަ މަގާމު ބާސާ އިން ހޯދީ 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޕީއެސްޖީ ގުރޫޕް ނިންމާލީ 13 ޕޮއިންޓާއެކު އެވެ. މި ގުރޫޕްގެ ތިން ވަނަ މަގާމާއެކު، ޔޫރޮޕާ ލީގުގެ ޖާގަ ހޯދީ އަޔަކްސް އެވެ. އަޔަކްސް ވަނީ މި ގުރޫޕްގައި ރޭ އަޕޮއެލް އަތުން 4-0 އިން އަމިއްލަ ދަނޑުގައި މޮޅުވެފަ އެވެ. ގުރޫޕް ފުލުގައި އަޕޮއެލް ނިންމާލީ އެއް ޕޮއިންޓާއެކު އެވެ.
"ޓީމެއްގެ ގޮތުގައި ބާސާ އިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައި،" މެޗަށް ފަހު ސުއަރޭޒް ބުންޏެވެ. "ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ، ގިނަ ކުރިއެރުންތަކެއް ލިބޭނެކަން އަހަރެމެންނަށް އެނގޭ."
މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ލޯރެން ބްލޯންކް ވަނީ ބާސާ އަށް ތައުރީފްކޮށްފަ އެވެ.
"މޮޅެތި ކުޅުންތެރިންނަށް ކުޑަކުޑަ ފުރުސަތެއް ލިބުނަސް އެ ފުރުސަތުގެ ބޭނުން ހިފާނެ. ބާސާގެ ފުރަަތަމަ ދެ ލަނޑުން އެކަން ސާބިތުވެއްޖެ،" ބްލޯންކް ބުންޏެވެ. – އޭއެފްސީ