ހަބަރު

އެމްޑީޕީން މިރޭ ބާއްވާ އެއްވުމުގައި ގާނޫނާއި ޚިލާފް ކަމެއް ނުކުރަން ފުލުހުން އިލްތިމާސްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތާ ގުޅިގެން އެމްޑީޕީން މިރޭ ބާއްވާ ހަރަކާތުގައި ގާނޫނާއި ޚިލާފް އެއްވެސް ކަމެއް ނުކުރަން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.

ތިން ފަނޑިޔާރުންގެ ހުކުމުގެ ނަމުގައި އެމްޑީޕީން މިރޭ ބާއްވަން ނިންމާފައިވާ ހަރަކާތާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ އެއްވުމުގައި ގާނޫނާއި ޚިލާފަށް ދެކޮޅުވެރިކަމުގެ ހަރަކާތްތަކެއް ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ އެފަދަ އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް އެ ބަޔާނުގައި ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.

އެ ބަޔާނުގައިވަނީ ސުލްހަވެރިކަމާ އެކު ހިންގާ އެއްވެސް ހަރަކާތަކަށް ފުލުހުން ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް ގާނޫނާއި ޚިލާފަށް ކަމެއް ހިންގައިފި ނަމަ އެ އެއްވުމެއް ފުލުހުން ހުއްޓުވާނެ ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްގެން އެއްވުން ރޫޅާލުމުގެ ތެރޭގައި ލިބޭ ގެއްލުންތަކުގެ ޒިންމާ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ނަގަންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެއްވުންތައް ގެންދާއިރު ކުޑަކުދިންނާއި ބަލި މީހުންނަށާއި ވިޔަފާރިވެރިންގެ އިތުރުން ދަތުރުފަތުރަށް ހުރަސް ނޭޅޭ ގޮތަށް ކުރިއަށް ގެންދިއުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ތިން ފަނޑިޔާރުންގެ ހުކުމުގައި ނަމުގައި މިރޭ އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. އެ ހަރަކާތް މިރޭ ބާއްވާއިރު އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން މާދަމާ ރޭ އޮންނާނެ އެވެ.