ހިންދޫންގެ މެދުގައި ޒަމާނުއްސުރެން ފެށިގެން ދެމެމުން އަންނަ މި މުޑުދާރު ސަގާފަތަށް އެމީހުން ކިޔަނީ ޗައުޕަޑީ އެވެ. އެމީހުންގެ ގަބޫލުކުރުމުގައި ޚައިޟުވެފައި ހުންނަ އަންހެން މީހާ އަކީ އެހެން ހުރިހައި އެެއްޗަކަށްވުރެން މުޑުދާރު ނަފުސުގަނޑެކެވެ. ބަދުނަސީބާއި ނުރައްކާ އާއިލާ އަށް ގެނުވަފާނެ އަންހެނެކެވެ.
މި ސަގާފަތުގެ ވާހަކަ އަލުން ފަލަ ސުރުހީ އިއްޔެ އަތުލާފައި މި ވަނީ ޚައިޟުވި 15 އަހަރުގެ ނޭޕާލް އަންހެން ކުއްޖަކު ބާކީކޮށް، އޭނާގެ އާއިލާއިން މި އަންހެން ކުއްޖާ އެކަހެރި ގެއެއްގައި ބަންދުކޮށްފައި ހުއްޓައި އޭނާ މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށުމުންނެވެ. ޚައިޟުވާ އަންހެން ކުދިން މިގޮތަށް އެކަހެރިކޮށް ބަންދުކޮށް އަދަބު ދިނުމުގެ ސަގާފަތަށް ކިޔަމަންވުން ނޭޕާލް ސަރުކާރުން އޮންނަނީ 2005 ވަނަ އަހަރުން ފެށިން މަނާކޮށްފަ އެވެ.
ނަމަވެސް އެގައުމުގެ ހުޅަނގު ބިތުގެ ފަގީރު އަވަށްތަކުގައި މިއީ އަދިވެސް ވަރަށް އާންމު ކަމެކެވެ. މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުންގެ ޓީމުން ބުނެފައި ވަނީ އަންހެން ކުއްޖާ މަރުވެފައި ވަނީ އޭނާ ބަންދުކުރި ތަނުގެ ތެރޭގައި ނޭވާހާސްވެގެން ކަމަށެވެ.
ރޯޝަނީ ޓިރުވާ ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ޚައިޟުވުމުން އޭނާގެ އާއިލާ އިން އޭނާ އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓީ މަށިއާއި ހިލައިން ރާނާފައިވާ ނިކަން ކުޑަ ތިރިތިރި ގެގަނޑެއްގެ ތެރޭގަ އެވެ. ވައި ލިބޭނޭ ގޮތެއް އެތަނުގައި ނެތި ގަދަ ފިނީގައި މަރުވެދާނެހެން ހީވެ އަންހެން ކުއްޖާ އެންމެފަހުން އަލިފާން ރޯކޮށް ފިނިން ސަލާމަތްވުމަށް ކުރި މަސައްކަތުގައި އެތަނުގެ ތެރޭގައި ދުންގަނޑު އުފެދި ނޭވާހާސްވެގެން އެންމެފަހުން މަރުވީ އެވެ.
މި އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގެ ހުޅަނގު ބިތުން 440 ކިލޯމީޓަރު ދުރުގައި އޮންނަ އަޗަމް ޑިސްޓްރިކްގެ ގަޖުރާ އަވަށުގެ މަށި އަދި ހިލައިގެ ގެއަކުންނެވެ.
ހިންދޫންގެ ގަބޫލުކުރުމުގައި ޚައިޟުވެފައި ހުންނަ އަންހެން ކުއްޖާ މައްސަރު ދުވަސްވަރު ގޭތެރޭގައި އާއިލާގެ އެހެން މީހުންނާ އެކު އުޅުމަކީ އާއިލާ އަށް ބަދުނަސީބެއް ކުރިމަތިވެދާނެ ސުންޕާކަމެކެވެ. ނުވަތަަ އޭގެ ސަބަބުން ގުދުރަތީ މުސީބާތެއް ކުރިމަތިވެދާނެ ފަދަ ބޮޑު ނުރައްކަލެކެވެ.
އެހެންކަމުން މަހު ކަންތައް ލައިގަތުމުން އަންހެން ކުދިން އެކަހެރިކޮށް ވަކި ގެއެއްގައި ބަންދުކުރުމަށް ފަހު ވަރަށް ގިނަ އިންސާނީ ހިދުމަތާއި ހައްގުތަކުން މި އަންހެން ކުދިން މަހްރޫމްކޮށްލަ އެވެ. އެގޮތުން ހަމަ އަށް ދުވަހުގެ ކެއުން ނުލިބޭ އިރު ކިރު ފަދަ ބުއިންތައް އެއްކޮށް މަނަލެވެ.
މީގެ އިތުރުން އެ މީހުން ނިދާނެ ގޮތާއި ތިބޭނެ ގޮތާއި ވާހަކަ ދައްކާނެ މީހުން ވެސް ކަނޑައަޅަނީ ވަކި އުސޫލަކުންނެވެ. ބޭރަށް ނުކުމެ އާންމުންނާ މުއާމަލާތުކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.
މިގޮތަށް ގެންގުޅޭ އަންހެން ކުދިންނަށް ފަހުން އެމީހުންގެ ހަޔާތުގައު ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި މި ހިންދޫންގެ މި ހަރުކަށި އަދި ލާއިންސާނީ ސަގާފަތަށް ފާޑުކިޔާ މީހުން ބުނަނީ ނޭޕާލުގައި އަދިވެސް މި ސަގާފަތް ކުރިއަށް ދަނީ އެކަށީގެންވާ ފިޔަވަޅު އެކަމާ ދެކޮޅަށް ސަރުކާރުން ނާޅާތީ ކަމަށެވެ.