ބޮލީވުޑް

ބޮލީވުޑުން ފާހަގަކޮށްލެވޭ "ކޮމޮލިކާ"އިން!

ބޮލީވުޑްގެ ކޮންމެ ތަރިއެއްގެ ހަޔާތުގެ މައްޗަށްވެސް އަސަރުގަދަ ވަރަށް ޑްރެމެޓިކް ފިލްމެއް ހެދުން ވާނީ ހަމަ ގައިމުވެސް ވަރަށް ފަސޭހަ ކަމަކަށެވެ. އެމީހުންގެ ފިލްމުތައް ފަދައިން ދިރިއުޅުން ވެސް ކުރިއަށްދަނީ އެފަދަ ގޮތަކަށެވެ. މި އާޓިކަލް މި ޚާއްސަކޮށްލަނީ ބޮލީވުޑްގެ ބައެއް ދިރިއުޅުންތައް ހަލާކުވުމުގެ އަސްލުގެ ފަހަތުގައިވާ ބައެއް ނަންތަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ ކޮމޮލިކާއިންނަށެވެ. ކަތުރު ފަނިންނަށެވެ. 

މިލިސްޓުގައި ކަރީނާގެ ނަން ފަލަ އަކުރުން ލިޔެލަމާ ހެއްޔެވެ. ކަރީނާ އަކީ ދާއިރާއަށް ވަނީއްސުރެ މިފަދަ ކޮންމެވެސް ކަންތައް ގަނޑެއްގެ ތެރޭގައި އުޅޭ ތަރިއެކެވެ. ބޮލީވުޑަށް ތަޢާރަފްވެ އަހަރު ދުވަސްނުވަނީސް އެންމެ ފުރަތަމަ އެރި އަޑަކީ ރިތިކް ރޯޝަންގެ ފަހަތުން އުޅެންފެށިއަޑެވެ. ފިލްމެއްގެ ޝޫޓިން ތެރޭގައި ކޮސްޓިއުމް ރޫމަށްވަދެ ރިތިކްއާ ގަދަކަމުން ގައިގޯޅިވާން އުޅުނުކަމުގެ ވާހަކަތަކެއްވެސް އޭރު ފެތުރިގެންދިޔައެވެ. އަދި ރިތިކް އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާއާ މެދު މައްސަލަތަކެއް ޖެހި ވަކިވާ ހިސާބަށް ކަންތައް ދިޔައެވެ. ރިތިކްގެ ކެރިއާރގެ ކުރީކޮޅު ކުރި ކުއްލި ކައިވެންޏަކީ އެމައްސަލައަށް އޭނާއަށް އޭރު ފެނުނު ހައްލުކަމަށް ކިޔައެވެ. އެއަށްފަހު ރިތިކް އާއި ކަރީނާއެކުގައި ފިލްމެއް ނުކުޅެއެވެ. ދެން ކަރީނާ ގުޅުނީ އޭރު ކިރިޔާ ތަޢާރަފްވި ޝާޚިދު ކަޕޫރުއާއެވެ. 4 އަހަރު ދުވަހު ޝާޚިދު އާއި އެކު އުޅުމަށްފަހު އޭނާ ހިތްހަލާކުކޮށް ދޫކޮށްލީއެވެ. ހަބަރުތައް ބުނާގޮތުންނަމަ ކަރީނާއަކީ އެންމެ ކުޑައިރުއްސުރެވެސް ސައިފްގެ ވަރަށް ބޮޑު ފޭނެކެވެ. އޭނާގެ ޑްރީމް މޭންއަކީ ސައިފްއެވެ. އަދި ސައިފްއާއި އެކު ހަރަކާތްތެރިވާން ލިބުނު ފުރަތަމަ ފިލްމު ތަޝަންގެ ޝޫޓިނގައި އޭނާ ޝާޚިދާއެކު އުޅެމުން ސައިފްއާއި ގުޅުނީއެވެ. ސައިފްއަކީ 2 ކުދިންގެ ބައްޕައެއްކަންވެސް އެނގިހުރެއެވެ. 

މި ލިސްޓުގައި ދެން އޮތީ ރޭކާގެ ނަމެވެ. މިއީ އެންމެ ދުވަސްވީ އެއްވާހަކައެވެ. އަމީތާބް އާއި ޖަޔާބައްޗަންގެ ކައިވެނި ރޫޅާލުމަށް ރޭކާ ވަރަށް މަސައްކަތް ކުރިކަމަށްވެއެވެ. އެތައް ގޮތަކަށް މީޑީއާގައި މިދެތަރިންގެ ސިއްރުގުޅުމުގެ ވާހަކަ ފެތުރިގެން އައިނަމަވެސް އެގުޅުން ފާޅުވާންފެށީ ފިލްމު "ސިލްސިލާ" ގެ ޝޫޓިން ތެރެއިންނެވެ. ފިލްމު ކްރޫއާއި ޖަޔާ ބައްޗަންގެ ލޮލުގައި އަނދުން އަޅުވައިގެން މިދެތަރިން ދިޔައީ ފަރުދާގެ ފުރަގަހުގައިވެސް މަންޒަރުތައް ކުޅެމުންނެވެ. ހަބަރުތަކުން ބުނާގޮތުގައި ފިލްމުގެ ޝޫޓިންނިމި އެދެމީހުންގެ ގުޅުން އާންމުވުމުން ރޭކާ ބޭނުންވީ އަމީތާބްއާއި ކައިވެނިކުރަންށެވެ. ނަމަވެސް ދެވަނަ އައިންބެއްގެ ގޮތުގައި ހުންނަންބޭނުން ނޫންކަމަށް ރޭކާ ބުނެފައިވެއެވެ. އަދި އެހިސާބުން އަމީތާބް އޭނާ ދޫކޮށްލީކަމަށްވެއެވެ.