ކަނޑު އުޅަނދުފަހަރުގެ އިންޝޫރެންސާ ބެހޭ މައުލޫމާތުދީ ހޭލުންތެރި ކުރުވުމަށް "ނިޔާމަ" ނަމުގައި އެލައިޑް އިންޝޫރެންސް އިން ކެމްޕޭނެއް ފަށައިފި އެވެ.
ނިޔާމަ ކެމްޕޭނަކީ އަންނަ އަހަރުން ފެށިގެން އޮޑިދޯނި ފަހަރުގެ އިންޝޫރެންސް ލާޒިމް ކުރުމަށް ސަރުކާރުން ނިންމައި، އެ މަސައްކަތުގެ އެކްސްކްލޫސިވް އިންޝުއަރާއަކަށް ސަރުކާރުން އެލައިޑް އިންޝޫރެންސް ހަމަޖައްސާފައިވާތީ އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާއި އާންމުންނަށް ފޯރުކޮށްދިނުމުގެ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން މައުލޫމާތު ދޭން ރާއްޖޭގެ އެކި ހިސާބުތަކަށް އެލައިޑުން ދަތުރުކުރާނެ އެވެ.
މިއަދު މޫކައި ސުއިޓްސް ގައި އެލައިޑުން ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕޭން އިފްތިތާހުކޮށްދެއްވީ ކުންފުނީގެ ޖެނަރަލް މެނޭޖާ އަހުމަދު ރިޔާޒީ އެވެ.
އެލައިޑުގެ މާކެޓިން މެނޭޖާ ނިއުޝާދު ޝަރީފް ވިދާޅުވީ އެކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލް މެދުވެރިކޮށް ނެގޭ ހަލް އިންޝޫރެންސަކީ ކަނޑުމަތީގައި އުޅަނދަށް ދިމާވާ އެކި ނުރައްކަލުން އޮޑިވެރިޔާއަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ޔަގީންކޮށްދޭ ޕްލޭނެއް ކަމަށެވެ. އޭގެ އެހީގައި އުޅަނދާއި އޭގެ އާއިލާތަކާއި ފަސިންޖަރުންނަށް ދިމާވާ ހާދިސާގެ ބަދަލު ލިބިދެވޭނެ ކަމަށެވެ.
ކަނޑުދަތުރުކުރާއިރު ދިމާވާ ގުދުރަތީ ކާރިސާތަކާއި ދިމާވާ ނުރައްކާތެރި އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ހަލް އިންޝޫރެންސް ޕްލޭންގެ ތެރެއިން ކަވާ ކުރާނެ އެވެ. އޭގެ ތެރޭގައި އުޅަނދުފަހަރު ފަރަށް އެރުމުގެ ބޮޑެތި ހާދިސާ ތައްވެސް ހިމެނެ އެވެ.
"އާންމުކޮށް މި ދިމާވަނީ ފަރަށް އެރުމުގެ ހާދިސާތައް. ހަމަ ފަރަށް އެރުމަކުން އަދި އިންޝޫރެންސް ކަވާއެއް ނުކުރާނެ، ނަމަވެސް ބައެއް ފަހަރު ފަރަށް އަރާ އުޅަނދަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ... ހިތްގައިމު ތަންކޮޅަކީ، ދޯންޏެއް ފަރަށް އެރުމުން އެ ދޯނި ފުންކުރުމަށް ދާ ހަރަދު ވެސް މި އިންޝޫރެންސުން ކަވާ ކުރާނެ،" ނިއުޝާދު ވިދާޅުވި އެވެ.
ނިއުޝާދު ވިދާޅުވީ ނިޔާމަ ޕެކޭޖުގެ އަގުވެސް ކުރީގެ ޕެކޭޖްތަކާ ބަލާއިރު ވަރަށް ބޮޑުތަން ހެޔޮކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޮޑިވެރިންނަށް ޕެކޭޖް ނެގުމުން އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.
ނިޔާމަ ޕެކޭޖްގެ އަގުތައް އުޅެނީ ތިން ކެޓަގަރީއެއްގަ އެވެ. ފަސް އަހަރު ވެފައިވާ އޮޑިއެއް ނަމަ އަގު އުޅޭނީ 0.65 - 0.55 ޕަސެންޓް ގެ ރޭޓްތަކުގަ އެވެ. މިއީ ކުރިއާ އަޅާ ބަލާއިރު 35 ޕަސެންޓް ހެޔޮ އަގެކެވެ.
ހަލް އިންޝޫރެންސްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އާއި ޕޯސްޓް އޮފީސްގެ ބްރާންޗްތައް އަދި އެސްޓީއޯގެ ހުރިހާ ފާމަސީއަކުން ދެ އެވެ.