ހަބަރު

ތެލުގެ ސާޗާޖު ދެގުނައަށް ވުރެ ބޮޑުކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ތެލުގެ ސާޗާޖު ގޮތުގައި ނަގާ އަދަދު ދެ ގުނައަށް ވުރެއް ބޮޑުކޮށްފި އެވެ. މިއީ އެ ކުންފުނިން މަހެއް ތެރޭގައި އެ ސާޗާޖު ބޮޑު ކުރި ދެވަނަ ފަހަރެވެ.

ސްޓެލްކޯގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު 19 އިން ފެށިގެން ތެލުގެ ސާޖާޖު ގޮތުގައި ޔުނިޓަކަށް ނަގަމުން އަންނަނީ ހަތަރު ލާރި އެވެ. ނަމަވެސް މިދިޔަ މަހު 16 ވަނަ ދުވަހު އެ އަދަދު ވަނީ 12 ލާރިއަށް ބޮޑުކޮށްފަ އެވެ. އަދި މި މަހު ނުވަ ވަނަ ދުވަހުން ފެށިގެން ސާޗާޖުގެ ގޮތުގައި 27 ލާރި ނަގާނެ ކަމަށާއި އެކުންފުންޏަށް ތެޔޮ ގަންނަން ލިބެނީ 8.91 ރުފިޔާ އަށް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މި އަހަރު ކުރީކޮޅު ސްޓެލްކޯއަށް ތެޔޮ ގަންނަން ލިބޭ އަގު ދަށްވަމުން ދިޔަކަމުގައިވީ ނަމަވެސް އޭޕްރިލް މަހުން ފެށިގެން މިހާތަނަށް އައީ އެ އަގު ބޮޑުވަމުންނެވެ.

ސާޗާޖަށް މިގެނައި ބަދަލާއެކު މިހާރު 1،000ރ އަރާ ކަރަންޓު ބިލަށް 200ރ އިތުރުވާނެ އެވެ.

މިއަހަރު ކުރީ ކޮޅު ކަރަންޓުގެ އަގުތަކަށް ގެނައި ބަދަލާއެކު އާންމުންގެ ޝަކުވާ ބޮޑުވެ، 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓުތަކުގެ އަގު ދަށްކުރި އެވެ. ނަމަވެސް، އެވަރުންވެސް ކަރަންޓު ބިލު ބޮޑުކަމުގެ ޝަކުވާތަކާއި ގުޅިގެން، އަގަށް ހެޔޮ ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އަދި މިހާތަނަށް ޓެރިފް ރޭޓުތަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.