ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބަތަލާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނިއުމާ މުހައްމަދު ވަނީ އެކަން ބޮޑު ސްކްރީނާއި އެވޯޑް ސްޓޭޖުގައި އެތައް ފަހަރެއްގެ މަތިން ސާބިތުކޮށްދީފަ އެވެ. ޝަރަފްވެރި ގައުމީ ފިލްމު އެވޯޑްސްގެ ހަތް ވަނަ ހަފުލާއާ އޭނާ ކުރިމަތިލަނީ ވެސް ރިކޯޑަކާ އެކުގަ އެވެ.
އޭނާ އަށް މިރޭ އެންމެ މޮޅު އެކްޓްރެސްގެ އެެވޯޑް ލިބިއްޖެ ނަމަ ގައުމީ އެވޯޑްސްގައި ތިން އަހަރެއްގެ މަތިން އެންމެ މޮޅު ބަތަލާގެ ޝަރަފު ހާސިލުކުރެވުނީ އެވެ.
މިރޭގެ ހަފުލާގައި އެންމެ މޮޅު ފިލްމަށް ވާދަކުރާ "ސަޒާ" އާއި ފާތިމަތު ނަހުލާގެ "މިހަށިން ފުރާނަ ދަންދެން" އިން މިފަހަރު އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނިއުމާ ވާދަކުރާއިރު މި އެވޯޑް އޭނާ އެންމެ ފުރަތަމަ ހާސިލުކޮށްފައި ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި "ކަލާޔާ ނުލާ" އިންނެވެ.
އެއަށް ފަހު ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ފިލްމު އެވޯޑްސް މިދިޔަ އަހަރު އެނބުރި އައުމުން އޭގައި ވެސް އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވިފައި ވަނީ ނިއުމާ އެވެ. އެއީ އޭނާގެ އަމިއްލަ ނަމުން ނަން ދީގެން ޑައިރެކްޓްވެސް ކުރި "ނިއުމާ" އިންނެވެ.
މިރޭގެ ހަފުލާއާކުރިމަތިލާއިރު ބޮޑު އުއްމީދެއްގައި ހުއްޓަސް ނިއުމާ ބުނަނީ އެވޯޑް ނުލިބުނަސް ހިތްހަމަޖެހޭނެ ކަމަށެވެ.
"ވަރަށް އުފާވޭ އެވޯޑަށް އަނެއްކާވެސް ނޮމިނޭޓްވީމަ. އެކަމަކު ވަރަށް ވާދަވެރި މި ކެޓަގަރީގައި ތިބި އެހެން މީހުން ވެސް،" ނިއުމާ ބުންޏެވެ.
"ލިބުނަސް ނުލިބުނަސް އުފާވާނެ. އަޅުގަނޑަށް ނުލިބި މި ކެޓަގަރީ އަށް ނޮމިނޭޓްވި އެހެން ކޮންމެ މީހަކަށް ލިބުން ވެސް އަޅުގަނޑު ބަލަނީ އަޅުގަނޑަށް ލިބުން ކަހަލަ ކަމެއްގެ ގޮތުގައި."
ނިއުމާއާ އެކު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ދެން ވާދަކުރަނީ "ލޫދިފާ" އިން މަރިޔަމް އަފީފާ އާއި "ލަވް ސްޓޯރީ" އިން އާމިރާ އިސްމާއިލް އަދި "ފަތިސްހަނދުވަރުގެ ފެށުން" އިން ފާތިމަތު ފަރީލާ އެވެ. މީގެ ތެރެއިން އަފީފާ އަކީ "ވާލޯބި އެނގޭނަމަ" އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ކުރިން ހާސިލުކޮށްފައިވާ ތަރިއެކެވެ.
މިރޭގެ ހަފުލާގައި ބައިވެރިވުމަށް ނިއުމާ ކެތްމަދުވެފައި ހުއްޓަސް އޭނާ ބުނަނީ ރެޑް ކާޕެޓަކުން ނުފެންނާނެ ކަމަށެވެ. އެއީ ފައިގެ އޮޕަރޭޝަނެއްކޮށް އަދިވެސް މުޅިން ރަނގަޅުނުވާތީ ކަމަށް އޭނާ ބުންޏެވެ.
"ރެޑް ކާޕެޓުން ނުފެނުނަސް ހަފުލާ އަށް ދާނަން،" ނިއުމާ ބުންޏެވެ.