ދިވެހި ސިނަމާ

މިރޭ އެންމެ އަގުބޮޑު ހެދުމެއްގައި ފެންނާނީ އަޒޫ!

ދިވެހިން އޮސްކާ އަކީ ގައުމީ ފިލްމު އެވޯޑްސް އެވެ. އެހެންވީމާ އަހަރަކަށް ވުރެ އަހަރެއް މި އެވޯޑެއްގެ ފޯރި ގަދަވަމުން އަންނައިރު އޮސްކާ އާއި ބައިނަލްއަގުވާމީ އެހެން މަޝްހޫރު އެވޯޑް ހަފުލާތަކުގެ ރެޑްކާޕެޓުން ވެސް ފެންނަ ފެންވަރުގެ ފެޝަން ޓްރެންޑްސްތައް ގައުމީ ފިލްމު އެވޯޑްސްގެ ރެޑް ކާޕެޓުން ވެސް މި ވަނީ ފެންނަން ފަށައިފަ އެވެ.

އެގޮތުން މިރެއަކީ ވެސް ހާއްސަ ރެ އެކެވެ. ރާއްޖޭގެ އޭ ލިސްޓްގެ އެކްޓަރުންނާއި އެކްޓްރެސް އިން މިރޭގެ ކުލަގަދަ ހަފުލާ އަށް ތައްޔާރުވަމުން އަންނައިރު އެންމެ ގިނަ ބަޔަކު ބަލައިލުމަށް ކެތްމަދުވެފައި ވަނީ ރެޑްކާޕެޓްގެ ހެދުންތަކެވެ. އެވޯޑްތައް ލިބެނީ ކޮން ބަޔަކަށްތޯ ބެލުމަށް ވުރެން ވެސް މިހާރު މި ހެދުންތަކެއްގެ ފޯރި އުޅެނީ މާ ގަދަކޮށެވެ.

އެގޮތުން ޚަބަރު ލިބޭގޮތުގައި މިރޭގެ ރެޑް ކާޕެޓުން ފެނިގެންދާނެ އެންމެ އަގުބޮޑު ހެދުމަކީ މަޝްހޫރު ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއިލް، ހަމަ އެވަރަށް މަޝްހޫރު ބަތަލާ، ފާތިމަތު އާޒިފާ (އަޒޫ) އަށް ޑިޒައިންކޮށް ފަހައިދީފައިވާ ހެދުމެވެ. ޖާދު ބުނީ އަޒޫ އަކީ އަބަދުވެސް އޭނާ އަށް ހާއްސަ ކުއްޖެއް ކަމަށާއި އެހެންކަމުން މިފަހަރުގެ ހެދުމަކީ ވެސް ހަދިޔާއެކެވެ.

މި ހެދުމުގެ އަގު އެންމެ ކުޑަކޮށް ވެސް 25،000ރ. އަށް އަރާނެ ކަމަށް ޖާދު ލަފާކުރެ އެވެ. އެކަމަކު އޭނާ ބުނީ ސީދާ ހެދުމަށް ޚަރަދުވި ވަރެއް ވެސް ނޭނގޭ ކަމަށާއި އަތުން ދިޔަ ވަރެއް އޭނާ ނުވެސް ބަލާ ކަމަށެވެ.

"އަޅުގަނޑަށް މިހާތަނަށް އެވޯޑް ހަފުލާތަކަށް ތައްޔާރުކުރެވުނު ހެދުންތަކުގެ ވަރަށް ތަފާތު ހެދުމެކޭ މިއީ ބުނެލާހިތްވަނީ،" ޖާދު ބުންޏެވެ.

އެވޯޑް ހަފުލާގެ ރެޑްކާޕެޓަށް އެންމެން ކެތްމަދުވެފައިވާއިރު މިއީ ޖާދު އާއި ރާއްޖޭގެ މަޝްހޫރު އެހެން ފެޝަން ޑިޒައިނަރުންގެ ހެދުންތަކާއި ކުޅަދާނަކަން ވެސް ފެނިގެންދާނޭ ހަފުލާއެކެވެ. ނަމަވެސް ޔަގީނަށް ވެސް މި ހަފުލާގައި ވެސް ގިނަވާނީ ޖާދުގެ ހެދުންތަކެވެ.

އަޒޫގެ އިތުރުން އެންމެ މޮޅު ބަތަލާ އަށް ވާދަކުރާ ނިއުމާ މުހައްމަދުގެ ހެދުމަކީ ޖާދު އާއި ޖުމާގެ ޑިޒައިންއެކެވެ.

މީގެ އިތުރުން އާމިރާ އިސްމާއިލް އާއި ނާޝިދާ މުހައްމަދު އަދި ފާތިމަތު ރިޝްފާގެ އިތުރުން މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ވެސް މިރެއަށް ރީތިކޮށް ހެދުން ލައްވައިދޭނީ ޖާދު އެވެ.