ހޮލީވުޑް

އެންމެފަހުން، ޑިޒްނީ އިން "ފްރޯޒެން 2" އިއުލާނުކޮށްފި

ކްއީން އެލްސާ އަށް މޮޔަވެފައި ތިބި ހުރިހައި ކުދިންނަށް އުފާވެރި ޚަބަރެކެވެ. "ފްރޯޒެން" ފިލްމުގެ ދެ ވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަން ޑިޒްނީ އިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ވޯލްޓް ޑިޒްނީ އިން މި ޚަބަރު އާންމުކުރީ އެ ކުންފުނީގެ ޝެއާހޯލްޑަރުންގެ ބައްދަލުވުމެއްގައި އިއްޔެ އެވެ. ޑިޒްނީ އިން "ފްރޯޒެން 2" އިއުލާނުކޮށްފައިވާއިރު މި ފިލްމަށް ވަރަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

"ފްރޯޒެން" ގެ ފޭނުން އޭގެ ދެ ވަނަ ފިލްމަކަށް ގޮވާލަމުން ދިޔައިރު ވެސް ޑިޒްނީ އިން މީގެ ދެ ވަނަ ފިލްމެއް ގެނެސްދޭނެކަން އޮތީ މާ ކުރިން ވެސް ޔަގީންވެފަ އެވެ. އެއީ "ފްރޯޒެން" ވަރުގެ ބޮޑު ވިޔަފާރިއެއް މިއިން ޒަމާނަކު ވެސް ޑިޒްނީ އަށް ކުރެވިފައި ނެތީމަ އެވެ.

މި ފިލްމުން ޑިޒްނީ އަށް އޮސްކާ އެވޯޑް ހޯދައި ދިން އިރު ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރު ނަގައިގެން "ފްރޯޒެން" ވަނީ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމުގެ ރިކޯޑް މުގުރައި، އާ ރިކޯޑެއް ގާއިމުކޮށް އެ ރިކޯޑް މުގުރަން އުނދަގޫވާ ވަރަށް ގަނޑުކޮށްފަ އެވެ.

"ފްރޯޒެން" ގެ ދެ ވަނަ ފިލްމެއްގެ މަސައްކަތް ޑިޒްނީ އިން ކުރަމުން އަންނައިރު މި ހަފުތާ ބަންދުގައި "ފްރޯޒެން ފޯއެވާ" ގެ ނަމުގައި ކުރު ފިލްމެއް ވެސް ނެރޭނެ އެވެ.