ދިވެހި ސިނަމާ

ދެ ލައްކައެއްހާ ރުފިޔާގެ ޝޯތައް މެދުކަނޑާލާފައި ސުނީތާ ވެސް ރެޑް ކާޕެޓަށް

އެފަދަ ދެ ވަނައެއް ނުވާ ނެށުންތެރިޔާ، ސުނީތާ އަލީގެ ކެރިއަރުގައި މިއީ "ހައި ސީޒަނެކެވެ." އޭނާގެ ނަށާ ކަލަންޑަރުގެ ދުވަސްތަކާއި ގޮޅިތައް މީގެ ދެ ތިން މަސް ދުވަސް ކުރިން ފުލްވެ، ފުރި ނިމިއްޖެ އެވެ. -- ހިތާނީ މޫސުމުގައި އޭނާ ދޭ ޝޯތައް އާދައިގެ ޝޯތަކެއްގެ ގޮތުގައި ގުނެން ނެތީމަ އެވެ.

އެކަމަކު ޝަރަފްވެރިވި ގައުމީ ފިލްމު އެވޯޑްސްގެ ކުލަގަދަ ނައިޓަށް ސުނީތާ ވެސް މި ވަނީ އޭނާގެ ފޯރިގަދަ ޝޯތައް މެދުކަނޑާލާއި ސީދާ ރެޑްކާޕެޓަށް ހެދުން ފަހައި މޭކަޕްކޮށް ނަލަހެދިފަ އެވެ. މިރޭގެ ރެޑްކާޕެޓުގައި ސުނީތާ، ޕްރިޔާންކާއެއް ނުވަތަ ސުނިޔާންކާއެއްގެ ގޮތުގައި ފެނުނަސް އޭނާ ބުނަނީ ފިލްމީ ދާއިރާގެ ލޯތްބަށްޓަކައި މި ރެއަށް އޭނާ ގުރުބާންކޮށްލަނީ ދެ ލައްކައެއްހާ ރުފިޔާގެ ޝޯތަކެއް ކަމަށެވެ.

ސުނީތާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތަކުގެ ގޮތުގައި އޭނާ ގުނަމުން ގެންދާ މި އަހަރުގެ ހިތާނީ ސީޒަނުގެ ޝޯތައް ރަސްމީކޮށް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މި ރެއާ ހަމަ އަށް އޭނާ ހޭވައްޓާލާފައި ގާތްގަނޑަކަށް ކޮންމެ ރެއަކުހެން، ކޮންމެވެސް ގެއެއްގައި އެކަނިމާއެކަނި ނަށާ ޝޯތަކެއް ދީފައިވެ އެވެ.

"ނޮވެމްބަރުގެ 16 އިން ފެށިގެން މި ރެއާ ހަމަ އަށް ގާތްގަނޑަކަށް ފަސް ވަރަކަށް ރޭ ދާނީ ޝޯއެއް ނުކުޅެވި،" ސުނީތާ ބުންޏެވެ.

މި ހިތާނީ މޫސުމުގައި އޭނާ ގަޑިއިރަކަށް ޝޯއެއް ކުޅެދެނީ 6،000ރ. ގެ އަގަކަށެވެ. އެކަމަކު އޭނާ ބުނީ ބައެއް ހާލަތްތަކުގައި ހިލޭސާބަހަށް ވެސް ބައެއް ޝޯތައް ކުޅެދީފައި ހުންނާނެ ކަމަށެވެ.

މިވަރުން ވެސް ސުނީތާއަކީ އެހެން އެންމެނަށް ވުރެން ވެސް ތަފާތު މީހެއްކަން އެނގިގެން އެބަދެ އެވެ. އޭނާ ނަށައި އާންމު މުނިފޫހިފިލުވައި ދެމުންދާތާ މިހާރު 22 އަހަރުވީ އެވެ. އުމުރުން 16 އަހަރުގައި ސްޓޭޖަށް އަރައި ނަށަން ފެށިގޮތަށް އަދިވެސް އެ ހިތްގައިމު މޫވްސްތަކަށް ފޫހިކަމެއް ނުވަތަ ފަޅުކަމެއް ނާދެ އެވެ.

ސުނީތާ އާންމުކޮށް ޖައްސަނީ އެއް ސްޓެޕްސްތަކެކޭ ވެސް މީހުން ބުނެ އުޅެ އެވެ. އެކަމަކު ވެސް ހަމަ ސުނީތާ ވަރެއް ނެތެވެ.