ދިވެހި ސިނަމާ

މިފަހަރު އެވޯޑް ނުލިބިއްޖެ ނަމަ އެއީ ވަރަށް ބޮޑު ޖޯކެއް: ކޮޕީ އިއްސެ

Dec 21, 2016
1

ދިވެހި ސިނަމާގެ ތޮށިގަނޑު ފަޅާލާފައި ގޮސް މިހާތަނަށް ބައިނަލްއަގުވާމީ ސްޓޭޖުގައި ބެލުންތެރިން އާޝޯހުކޮށް، ބައިނަލްއަގުވާމީ ފިލްމު ފެސްޓިވަލަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ހަމައެކަނި ފަރާތަކީ މިރޭގެ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރާ ކޮޕީ އިސްމާއިލް ރަޝީދު (އިއްސެ) އެވެ.

މިފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑް ނުލިބިއްޖެ ނަމަ އެކަން ވެގެންދާނީ ޖޯކަކަށޭ އޭނާ ބުނަނީ މިހެންވެގެން ކަމަށް ވެދާނެ އެވެ.

"ވަރަށް ބޮޑު ޖޯކަކަށް ވާނީ މިފަހަރު އެވޯޑް ނުލިބިއްޖެ ނަމަ. އަށް ގައުމުގެ އާޓިސްޓުންނާ ވާދަކޮށް އިނގިލި އިން އިންޓަނޭޝަނަލް އެވޯޑެއް ލިބިފައި ހުރީމަ މިފަހަރު އިތުބާރު ވަރަށް ބޮޑު،" ފިލްމު އިނގިލި އިން ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ އިއްސެ ބުންޏެވެ.

އެއަށް ފަހު ސަމާސާ ރާގެއްގައި އިއްސެ ބުނީ އޭނާ އެވޯޑް ހާސިލުކުރަމުން ގެންދަނީ މަތިން ތިރިއަށް ކަމަށެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑް އޭނާ ފިލްމު އިނގިލި އިން ސާކް ފެސްޓިވަލްގައި ހާސިލުކޮށްފައިވާއިރު ރައީސްގެ އަތްޕުޅުން ވަނީ ގައުމީ އިނާމު ވެސް ލިބިފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ފިލްމު އެވޯޑްސްގައި ވެސް ޝަރަފްވެރި އެވޯޑް ލިބިފައި އެބަހުއްޓެވެ.

ނަމަވެސް މިހާތަނަށް ވެސް އޭނާ އަށް އަތުނުޖެހި އޮތް އެވޯޑަކީ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ. މިރޭ އޭނާ މި އެވޯޑަށް ވާދަކުރަނީ "އިނގިލި" އާއި "ލޫދިފާ" އިންނެވެ. މިއީ އަޅާކިޔަން އުނދަގޫވާވަރުގެ ވަރުގަދަ ދެ ޕާފޯމެންސެއް އޭނާ ދީފައިވާ ދެ ފިލްމެވެ.

މި ދެ ފިލްމުން އެންމެ މޮޅު އެކްޓަރަށް ވާދަކުރާއިރު މީގެ ކުރިން އޭނާ އަށް ވަނީ "ހޭލާ" އިން ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބިފަ އެވެ.

އިއްސެ ބުނީ "އިނގިލި" އާއި "ލޫދިފާ" ގެ ތެރެއިން އޭނާ އަށް ބޮޑަށް އުއްމީދުކުރެވެނީ "އިނގިލި" އިން ކަމަށެވެ. އެކަމަކު އާޚިރުގައި ހުސް އަތާ އެވޯޑް ހަފުލާ ނިންމާލަން ޖެހުނަސް އެކަމާ ދެރަ ނުވާނެ ކަމަށް ވެސް ބުންޏެވެ.

"ދެން ވަރަށް އުފާވި ލޫއްޕެ އާއި ސައީދު ނޮމިނޭޓްވީމަ މިފަހަރު އެންމެ މޮޅު އެކްޓަރުންގެ ކެޓަގަރީއަށް. ކޮންމެ މީހަކަށް ލިބުނަސް އިއްސެ އުފާވާނެ. އެހެން މީހަކަށް ލިބުން ވެސް އެއީ އުފަލެއް،" އިއްސެ ބުންޏެވެ.

މިމޭރުމުން ވާހަކަ ދައްކަމުން އޭނާ ބުނީ މިރޭގެ ހަފުލާ އަށް ދާން އޭނާ ތައްޔާރުވެފައިވާ ކަމަށާއި ފިލްމީ ދާއިރާގެ މަޝްހޫރު އަދި ފުންނާބު އުސް އެހެން ތަރިން ވެސް ހަފުލާ ބޮއިކޮޓްކުރުމުގެ ބަދަލުގައި އެތަނަށް ދާން ޖެހޭނެ ކަމަށެވެ.

"އެވޯޑް ނައިޓާ ދިމާކޮށް ފިލްމީ ދާއިރާ ބައިބައިވުމަކީ ވަަރށް ދެރަ ކަމެއް. އެކަމަކު ހަފުލާއަށް ނުދިއުން އެއީ ދެން އެމީހެއްގެ އަމިއްލަ ނިންމުމެއް. އަޅުގަނޑު ދެކޭ ގޮތުގައި އެވޯޑް ހަފުލާ އަށް ނުދިއުމަކީ އަންޕްރޮފެޝަނަލް ކަމެއް. ވަކިން ހާއްސަކޮށް ޔޫއްޕެމެން ކަހަލަ ފުންނާބުއުސް ތަރިން މިފަދަ ހަފުލާތަކުގައި ބައިވެރިވާން ޖެހޭނެ،" އިއްސެ ބުންޏެވެ.