މިއުޒިކް

ޖީބަށް އަތް ޖަހާލައިގެން: މިއީ ޝަލަބީގެ އިސްޓައިލް!

Dec 23, 2016
5

މިއީ މޯލްޑިވިއަން އައިޑޮލްގެ ތަރި އަދި އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ ޓްރޭޑް މާކު ސިފަ އެކެވެ. ސްޓޭޖުމަތީގައި ލަވަ ހުށަހަޅައިދޭއިރު އޭނާ އަކީ މަޑުމައިތިރި ސިފަތަކާއި މޫވްސްތަކަށް ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެކެވެ.

ނަމަވެސް މިހުރިހާ ސިފަތަކުގެ ތެރެއިން ވެސް ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ އެއް ހަރަކާތެއް އޭނާ އަބަދުވެސް ސްޓޭޖުގައި ދައްކަ އެވެ. ކޮޅަށް ހުރެގެން ލަވައެއް ހުށަހަޅައިދޭ ނަމަ އާންމުކޮށް ޝަލަބީ ފެންނާނީ އެއް އަތް ޖީބަށް ޖަހާލައިގެން ނިކަން އަރާމުގައި، އޭނާގެ އަމިއްލަ ދުނިޔެ އަކަށް ގެއްލިހުރެ ލަވަކިޔަމުންގެންދާ މަންޒަރެވެ.

ނިމިގެން ދިޔަ ގައުމީ ފިލްމު އެވޯޑްސްގެ ސްޓޭޖު މަޝްހޫރު އަނެއް ލަވަކިޔުންތެރިޔާ ޔާމިން ރަޝީދާއެކު އޭނާ ފަޅުފިލުވައިދިންއިރު ވެސް ޝަލަބީގެ ޕާފޯމަންސްގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، ލަވަ ހުށަހަޅައިދިންއިރު އާދައިގެ ޖީބަށް އަތް ޖަހާލައިގެން ހުރި ހުރުމެވެ.

ޝަލަބީގެ މި އިސްޓައިލް ފޮޓޯތަކުން ބަލައިލާށެވެ.

ބައެއް މީހުން ބުނާ ގޮތުން ނަމަ ޝަލަބީ އާންމުކޮށް ޖީބަށް އަތް ޖަހާލައިގެން ހުންނަނީ މަޑުމައިތިރި ލަވަތައް ހުށަހަޅައިދިނުމުގަ އެވެ. އެކަމަކު ބައެއް މީހުން ބުނާ ގޮތުން ނަމަ ޖީބަށް އަތް ޖަހާލައިގެން ސްޓޭޖުމަތިން އެގޮތަށް ފެނުމަކީ ޝަލަބީގެ "ފޮނި" ކަމެކެވެ. ނަމަވެސް ޝަލަބީ އަކީ ފޮނި ފިރިހެނެކޭ ބުނެވޭނެ ހަމަ އެއްގޮތެއް ވެސް ނެތްކަން އޭނާގެ ގާތް ރައްޓެހިންނާއި ހަގީގީ ފޭނުންނަށް ވެސް އެނގޭނެ އެވެ.

ފަހަރެއްގައި ޝަލަބީ ޖީބަށް އަތް ޖަހާލައިގެން ހުންނަ މަންޒަރު އަބަދު ފެންނަނީ އާންމު ދިރިއުޅުމުގައި ވެސް މަޑުމައިތިރި މިޒާޖެއްގެ ޒުވާނަކަށްވީމަ އެވެ. އޭނާ އަކީ ލަވަ ހުށަހަޅައިދިނުމުގައި އާންމުކޮށް ފޯރި ނަގައި ނަށައި އަޑުގަދަކޮށް ހަދާ އާޓިސްޓެއް ނޫނެވެ. މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުން ވެސް އެކަން ފާހަގަކުރެވުނެވެ.

އަދި ގައުމީ ފިލްމު އެވޯޑްސްގެ ހަފުލާގައި ޔާމީނާއެކު ހުށަހަޅައިދިން ލަވަތަކުން ވެސް ފާހަގަކުރެވުނެވެ. އެކަމަކު އެރޭ ޝަލަބީ އާއި ޔާމީން އެންޑް ފްރެންޑްސްގެ އެ ޕާފޯމެންސްގައި ވީގޮތް އެނގުނީ ކޮން ބަޔަކަށްތޯ ވެސް ސުވާލުކޮށްލަން ޖެހެ އެވެ. ގައުމީ ފިލްމު އެވޯޑްސްގައި ޝަލަބީ އާއި ޔާމީން ހުށަހަޅައިދިން ލަވަތަކަކީ މިހާތަނަށް ގައުމީ އެވޯޑްސް ހާސިލުކޮށްފައިވާ ފިލްމުތަކުން ހޮވާލާފައިވާ ލިސްޓެކެވެ.

ކޮންމެއަކަސް މި ޕާފޯމަންސެއްގައި ވެސް ޝަލަބީ ހުރީ އޭނާގެ ގޮތުގަ އެވެ. ޖީބަށް ދެ އަތް ޖަހާލައިގެން ހުރުން އެއީ ހަމަ ޝަލަބީގެ އިސްޓައިލަކީ އެވެ.

ޝަލަބީގެ އެހެން އިސްޓައިލް ސިފަތަކީ ކޮބައި ހެއްޔެވެ؟ އަތް ދިގު ގަމީހާއި ދިގުކޮށްފައިވާ އިސްތަށިގަނޑާއި ޒަމާނީ މަތިމަހެވެ. ކަޅުކުލައާ ވެސް ރައްޓެހިހެން ހީވެ އެވެ. އަދި ވަރަށް އާންމުކޮށް ގޮޅިޖެހި ގަމީހުގެ ފެޝަނުގައި ވެސް ފެނެ އެވެ.