ފިނިޕޭޖް

"މަހޭ ނެތިދާނޭ": އަދިވެސް ހޭނެތޭވަރުވޭ!

ޝީރާނީ އާއި ގިޔާސް އެކުގައި ފެނުނު ލަވަތަކުގެ ތެރެއިން އަދިވެސް އެންމެ ހިޓް ލަވަ އަކީ އޭރުވެސް މީހުން ހޭ ނެތޭވަރުކޮށްލި، "މަހޭ ނެތިދާނޭ" އެވެ. މިއީ މީހުން ދެބަސްވާ ކަމެއް ވެސް ނޫނެވެ. ސޮފާ ތައުފީގާއި، ނިޒާމް ކިޔާފައިވާ މި ލަވައަކީ މުޅި މާހައުލު ބަދަލުކޮށްލެވޭނެ ވަރުގެ ތަފާތު އިހުސާސްތަކެއް ގެނުވާ މޮޅު ވެސް ލަވައެކެވެ.

ދިވެހިންގެ ތެރޭގައި "މަހޭ ނެތިދާނޭ" ވައިގަ ހިފީ ނުވަދިހައިގެ އަހަރު ތަކުގެ ތެރޭގަ އެވެ. ގިޔާސްގެ ގިޔާސްވަންތަ ތަފާތު ސްޓެޕްތައް ލަވައިގައި ފެންނައިރު، މިއީ އެ ދުވަސްވަރު ނެރުނު ލަވަތަކުގެ ތެރެއިން އާދަޔާ ހިލާފި މަގުބޫލު ކަމެއް ލިބުނު ލަވަ އެކެވެ.

މަހޭ ނެތިދާނޭ ލަވައިގެ މައިގަނޑުގައި ބުނާގޮތަށް ދެ މީހުންވެސް ހޭ ނެތޭ ވަރަށް ނަށަމުން ޖެއްސި ބަނޑިތަކަކީ މިއަދުވެސް ދިވެހިން އެ ލަވަ ބަލާ އެއް ސަބަބެވެ. އެ ލަވައިގެ ޖޯޝު ފަނޑު ނުވެ މިއަދުވެސް އޮތީ ލަވައިގެ މިއުޒިކާއި ބީޓާ އެއްވަރަށް ޖެއްސި މޮޅެތި ސްޓެޕްތަކުންނެވެ.

ސަލްޓަން ޕާކުގައި ކުރިން އޮތް ފެހި މާހައުލުގައި ޝިރާނީ އާއި ގިއާސް ރޫޅޭ ވަރަށް ނަށަމުން ދިޔައިރު އަދިވެސް އެއީ ގިޔާސްގެ ދެގޮތެއް ނުވާ ސްޓެޕް ތަކެކެވެ.

ޝީރާނީގެ ރޫ ޖެއްސި ބޯވަޅު އެޅި ހެދުމާއި، ގިޔާސްގެ ޖިންސު ބެގީ އަކީ ނުވަދިހައިގެ އަހަރުތަކުގައި ރާއްޖޭގައި ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނުވި އެއް ސްޓައިލެވެ. ލަވައިގެ މެދުތެރެއިން ޝިރާނީ ލައިގެން ހުންނަ ހުދު ޖެކެޓު/ވެސްޓް ވެސް އޭރު ވެގެން ދިޔައީ މާލެ އާއި އަތޮޅުތަކުގައި ޓްރެންޑްވި ފެޝަނަކަށެވެ. ދިވެހިން ބަލައިގަތީ ހަމަ އެކަނި ލަވައިގެ ތަފާތު ސްޓެޕްތަކެއް ނޫނެވެ. ދެ ތަރިންގެ ހެދުން އެޅުމުގެ ސްޓައިލަށް ވެސް ދިވެހިން ހިތުން ރުހުމުން އޭރު މަރުހަބާ ކިޔެވެ.

ނުވަދިހައިގެ ދުވަސްވަރު ދިވެހިން ނެރުނު ލަވަތަކުގައި ނެށުމުގެ ތަފާތު ކުލަވަރެއް ޖެހެން ފެށީ ގިޔާސް ދައްކަން ފެށި މިކަހަލަ ސްޓެޕް ތަކުންނެވެ. ލަވަތައް ކޮރިއޯގްރާފް ކުރަމުންދިޔަ ގިޔާސްގެ ސްޓައިލް ބޮޑަށް ވައްތަރުވަނީ، ބޮލީވުޑްގެ އޭރުގެ އެންމެ މަގުބޫލު ޖީތެންދުރާގެ ސްޓައިލާ އެވެ. އޭނާގެ ލަވަތަކުގައި ގެންގުޅޭ ކަހަލަ ގޮތްގަނޑެއް ގިޔާސް ގެންގުޅުނު ކަމަށް އިހުގެ ލަވަތަކަށް ލޯބިކުރާ ބައެއް މީހުން ވެސް ބުނެ އެވެ.

"މަހޭ ނެތިދާނޭ" ލަވައިގެ ޖޯޝާއި ފޯރި ނުގެއްލި މިއަދާ ހަމައަށް އައިސްފައިވާއިރު، މި ލަވައިގެ ރިމިކްސްއެއް ހެދިޔަސް ރިމިކްސްގައި ވެސް މި ލަވައިގެ އަސްލުވަންތަކަން ދައްކުވައި ދެ އެވެ. ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ފްރެންޗައިސް ޝޯވ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި މުއައްޒިން އާއި އިޝާން މި ލަވަ ހުށަހެޅިއިރު ވެސް މި ލަވައިގެ "ސިގްނޭޗާ" ސްޓެޕްތައް ޖައްސާލަ އެވެ. ޔަގީނުންވެސް ގިޔާސް އާއި ޝިރާނީ އެ މަންޒަރު ބަލާނީ އޭރުގެ ފޮނި ހަނދާންތައް އާ ކުރަމުންނެވެ.

ލަވައިން ޝިރާނީގެ ރީތި ކަމުގައިޖެހި ދީވާނާ ވަމުންދިޔަ ގިޔާސް ޝީރާނީ އާއެކުގައި މިއަދު ނުފެނުނު ކަމުގައި ވިޔަސް، މި ލަވައިގެ ސަބަބުން އެ ޖޯޑު ވެގެން ދިޔައީ އޭރުގެ އެންމެ މަގުބޫލު އެއް ޖޯޑަށެވެ. މިއީ މިކަހަލަ ފޯރިގަދަ ލަވަތަކަށް ދިވެހިންގެ ހިތް ލަންބުވާލި އެއް ލަވައެވެ. މިއުޒިކާއި ރާގާ އެއްވަރަށް މިއަދުވެސް ނަށާ ދިވެހިން މި ލަވައިގެ ސްޓެޕްތަކަށް ފައި ހަމަ ކުރެވޭތޯ ބަލަ އެވެ. އެކަމަކު ގިޔާސް އާއި ޝިރާނީ އާ އެއްވަރަށް ވަރުބަލި ކަމެއްނެތި، ހޭ ނުނެތި ނެށޭނެ ކަމާމެދު ޝައްކެވެ.