ދިވެހި ސިނަމާ

އެވޯޑުން ފިލްމީ ދާއިރާ ބައިބައިވެގެން ނުވާނެ!

ރޭގެ އެވޯޑް ހަފުލާގައި އެވޯޑްތައް ބެހިގެން ދިޔަ ގޮތް ހަނދާންނައްތާލާފައި އެންމެ ފުރަތަމަ ވެސް ޝަރަފްވެރި ގައުމީ ފިލްމު އެވޯޑެއް އެނބުރި އައީތީ އެކަމަށް ޝުކުރުކޮށް އުފާކުރަމުން އެންސީއޭ އާއި ވެރިންނަށް ތައުރީފު އޮއްސަމުން ފަށައިގަންނަމާ ހިނގާށެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ސަރުކާރުން ގައުމީ ފިލްމު އެވޯޑްސް އަލުން ތައާރަފްކުރީ މިދިޔަ އަހަރު އެވެ. ރާއްޖޭގެ ފިލްމީ ހަޔާތުގައި ދޭ އެންމެ ޝަރަފްވެރި މި އެވޯޑަކީ ހަގީގަތަށް ބުނާ ނަމަ އަބަދުވެސް، އޭގެ ހުރިހާ ޒަމާނެއްގައި ވެސް ފިލްމީ ދާއިރާގައި ފިތުނަ ފަސާދައަށް ފުރުސަތުދީ، ދާއިރާ ބައިބައިކޮށް ހަލަބޮލިކޮށްލާ އެވޯޑެކެވެ. -- ދިރުނބާ ކޮޅުން ދައްކާ މަންޒަރަކީ އަދި ދިރުނބާކޮޅު ވާހަކައަކީ ވެސް މިއީ އެވެ.

ނިމިގެން ދިޔަ ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސް އަށް ދަރުބާރުގެ ތައްޔާރުކޮށް ރަތް ދޫލައިގެ މަރުހަބާއަކަށް ތައްޔާރުވަމުންދިޔައިރު މިބުނާ ބައިބައިވުމާއި ހިޔާލުތަފާތުވުމުގެ ބޮޑު މަންޒަރު ރަނގަޅަށް ފެނިގެންދިޔަ އެވެ. މި އެވޯޑުގެ ޑްރާމާގަނޑު ބޮޑުވެ، ދާއިރާގެ ނަގައި ކިޔާލެވޭ ބައެއް ސެލެބްރިޓީން އެވޯޑްސް ހަފުލާ ބޮއިކޮޓް ކުރި ކުރުމަކީ ވެސް ނުފެންނަ ކަމަށް ހަދާލައިގެން ތިބެވޭ ވަރަށް ވުރެ ހުތުރު މަންޒަރެކެވެ.

ހަގީގަތުގައި މި މައްސަލާގައި ގޯސްވަނީ އެނބުރި އައި ގައުމީ ފިލްމު އެވޯޑެއް ނޫނެވެ. އަދި އެވޯޑްތައް ބެހިގެން ދިޔަ ގޮތެއް ވެސް ނޫނެވެ. އެވޯޑް އިންތިޒާމްކުރި ފަރާތެއް ވެސް ނޫނެވެ. ފިތުނަ ފަސާދައަށްޓަކައި މި ޝަރަފްވެރި އެވޯޑް ކަތިލާ މައްސަލާގައި ހަގީގީ ޒިންމާ ނަގަން ޖެހޭ ބަޔަކީ ފިލްމީ ދާއިރާގެ ނުފޫޒުގަދަ އަތްތަކެކެވެ. އެމީހުން އަދަދުން ކިތަންމެ މަދު ނަމަވެސް ވިހައިގެ ވަކިން ދޭ އެންމެ ހަމަލާއަކުން ވެސް މުޅި ފިލްމީ ދާއިރާ މަރައިލަފާނެ އެވެ.

އެކަމަކު ފިލްމީ ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް އެހީތެރިވެ އަގު ވަޒަން ކުރުމަށް ސަރުކާރުން އާ ހިތްވަރެއްލާފައި ގެނައި އެވޯޑްގެ ނާޖާއިޒު ފައިދާ މިގޮތަށް ބަޔަކަށް ނެގި ދީގެން ނުވާނެ އެވެ. ފިލްމީ ދާއިރާ ބައިބައިކޮށް މި ދާއިރާގެ ކުރިއެރުމަށް ފައިން އަރަން ބޭނުންކުރާ ހަތިޔާރަކަށް ގައުމީ ފިލްމު އެވޯޑްސް ހެދިޔަ ދީގެން ނުވާނެ އެވެ.

ދިވެހި ސިނަމާ އާއި އެ ސްކްރީނަށް ހައްގު ޝަރަފްވެރި އެވޯޑްތަކަކީ ވަކި ބަޔަކަށް ލިބެން ޖެހޭ އެއްޗެހިތަކަކަށް ވިޔަ ދީގެން ނުވާނެ އެވެ. އެކަމަކު ފެންނަ މަންޒަރު ތަރުޖަމާކޮށްލުމުން ދޭހަވަނީ އެވޯޑް ދޭން ޖެހޭނީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަމެވެ. އެހެންކަމަށްވެއްޖެ ނަމަ ގައުމީ ފިލްމު އެވޯޑްސްގެ ނަން "ރުއްސާ އެވޯޑަށް" ބަދަލުކުރަންވީ އެވެ.

މިފަހަރު އެނބުރީ ކޮން ގޭސްގަނޑެއް!

ވަޅުޖެހިފައި އޮތް މި އެވޯޑްސް އަލުން އަނބުރާ ސްޓޭޖަށް ގެނެސް އޮފުކުރި އެންމެ މުހިންމު އެއް ނަމަކީ ފިލްމީ ދާއިރާ އިން އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރެއްގެ މަގާމަށް ވަޑައިގެންނެވި އަބްދުﷲ މުއާޒު (މުއާ) އެވެ.

މިފަހަރު މި އެވޯޑާ އެކު ފިލްމީ ކުޑަކުޑަ އާއިލާ ބައިބައިކޮށްލީ ނޮމިނޭޝަންސްތައް އިއުލާނު ކުރިއިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް މުއާގެ ނަން ނޮމިނޭޓްވި ހިސާބުންނެވެ. އެކަމަކު ހައްގު ނޮމިނޭޝަނެއް އޭނާ އަށް ވެސް ލިބެން ޖެހޭނެއެއް ނޫން ހެއްޔެވެ؟ އަނެއްކޮޅުން މުއާ އެ ފިލްމެއްގައި އެ ރޯލެއް ކުޅުނީ އެންސީއޭގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުރެގެނެއް ވެސް ނޫނެވެ.

އެހެންވީމަ އިންސާފުން ހުރިހާ ކަމެއް ގެންދަން ޖެހޭ ނަމަ ހަގީގަތުގައި ވެސް އެވޯޑް ރޭހުން މުއާއަށް ފުރުސަތު ދޭން ޖެހެ އެވެ. ނަމަވެސް ޕޮޒިޓިވް ސިކުނޑިއަކުން ވިސްނަން ބަޔަކު މީހުން ބޭނުން ނުވީމަ މުއާގެ ބޮލުގައި ހުރިހާ އިލްޒާމެއް އަޅުވައި އެވޯޑް ހަފުލާ އެއްކޮށް ގޯސްކޮށްލީ އެވެ.

އެންމެފަހުން އެ ވިހަ ސިކުނޑިތަކަށް ހިތްހަމަޖެހުމެއް ލިބުނީ މުއާ އަށް އެވޯޑެއް ނުލިބޭކަން ޔަގީންވުމުންނެވެ. ދެން އެއަށް ފަހު މިއަށް ވުރެ މޮޅު އެވޯޑް ހަފުލާއެއް ނުބާއްވާ ކަމަށް ބުނެ ޓްވީޓުޖަހަން ފެށީ އެވެ.

މިއީ ވަކި ބަޔަކު ގަސްދުގައި އެވޯޑްސް ކަތިލައި ފިލްމީ ދާއިރާ ހަލަބޮލިކޮށްލަން މަސައްކަތްކުރާކަން ސާފުކޮށް ދޭހަކޮށްދޭ ކަމެކެވެ. އަމިއްލަ ފައިދާއަށްޓަކައި އެވޯޑް ގުރުބާންކުރަން މަސައްކަތްކުރާކަމުގެ ހެއްކެކެވެ.

ނަމަވެސް މިފަހަރު ބަޔަކު މީހުން މި ކެއްކި މައްސަލަގަނޑު އެއްފަރާތްކޮށްލާފައި ވީހާ ވެސް ޕޮޒިޓިވް ސިކުނޑިއަކުން ވިސްނައިފި ނަމަ ނިމިގެން ދިޔަ އެވޯޑް ހަފުލާއަކީ ފިލްމީ ދާއިރާ އަށް އަދި މި ކުޑަކުޑަ އާއިލާ އަށް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފައިދާ އާއި މަންފާ ގެނެސްދޭނޭ ކާމިޔާބު ހަފުލާއެކެވެ.

މައްސަލައަކީ އަބަދުވެސް ކޮންމެ އެވޯޑަކާ ދިމާކޮށް "ގޭސްގަނޑެއް" އަނބުރަން ޖެހޭތީ އެވެ.

އެވޯޑަކީ އެންމެން ރުއްސޭނެ އެއްޗެއް ނޫން!

މިއީ ވެސް އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ނަމަވެސް ދިވެހި ފިލްމީ ދާއިރާގެ މަސްލަހަތު އޮންނަ ގޮތަށް ބަލަނީ ނަމަ އެވޯޑެއް ދޭން މި ޖެހެނީ އެންމެން ރުހޭނޭ ގޮތަކަށެވެ. އެންމެނަށް ވެސް އޭގެ ނަތީޖާ ކަމުދާނޭ ގޮތަކަށެވެ. އެކަމަކު އެހެން ހަދަންވެއްޖެ ނަމަ އޭގައި އެވޯޑެއްގެ ކުލަ ވެސް ހަގީގަތުގައި ނުޖެހެ އެވެ.

އެވޯޑަކީ އެންމެނަށް ދޭ އެއްޗެއް ނޫނެވެ. އަދި އެންމެން ރުއްސަން ދޭ އެއްޗެއް ވެސް ނޫނެވެ. ފިލްމީ ދާއިރާގެ ހަރު ސިކުނޑިތަކުން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިއީ އެވެ. އެވޯޑް އެވޯޑަކަށް ވަނީ އެ ރޭހުގައި ބަލިވާނެ ބަޔަކާއި މޮޅުވާނޭ ބަޔަކު ވެސް ތިބެގެންނެވެ.

މި ހަގީގަތް ގަބޫލުކޮށް ފިލްމީ ދާއިރާ މިހާރަށް ވުރެ ޕްރޮފެޝަނަލް ނުވަނީ ނަމަ މިގޮތަށް ބާއްވާ ކޮންމެ އެވޯޑް ހަފުލާއަކާއެކު، ފިލްމެއްހާ ކުޑަކުޑަ މި އާއިލާ ދާނީ ހެޑަށް އޮޅި ހަލާކުވަމުންނެވެ. ހިތްހަމަނުޖެހޭ ގޮތަށް އެވޯޑަށް ނޮމިނޭޓްވުމުން ނުވަތަ ނޮމިނޭޝަނެއް ނެތޭ ކިޔާފައި ހަފުލާ ބޮއިކޮޓްކޮށް ޑްރާމާ ކުޅުމަކީ ވެސް ހަގީގީ ދުނިޔޭގައި ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.

ހިތްހަމަނުޖެހޭ ކަންކަން ރަނގަޅުކުރެވޭނީ ވެސް ހިތްހަމަނުޖެހޭ މީހުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްގެންކަން ދަންނަން އެބަޖެހެ އެވެ. ނުބައި ނުފޫޒާއި ނުބައި ބާރު ބޭނުންކޮށް ފިލްމީ ދާއިރާ އަށް ގެއްލުން ދިނުމުގެ ބަދަލުގައި އެންމެ ބުއްދިވެރި ގޮތަކީ މި ދާއިރާގައި ހުރި މައްސަލަތަކާ އެކު ވެސް އެންމެ ކުރިއަށް ދިއުމެއް ނޫން ހެއްޔެވެ؟

އެވޯޑްގައި ބަލިވުން ހިތްވަރަކަށް ނެހެދެންވީ ސަބަބެއް ވެސް ނެތެވެ. އެކަމަކު ބައިބައިވުމަކަށް ފުރުސަތުދީ އެކަހެރިވެ ނުގަންނާށެވެ. ތަބަކަށްލާފައި އެވޯޑް ދެވޭ ފެންވަރަށް މަސައްކަތެއް ޕްރޮފެޝަނަލްވާނީ އެ މަސައްކަތެއްކުރަން ހުންނަ މީހާ ވެސް އެވަރަށް ޕްރޮފެޝަނަލްވެގެންނެވެ.