ދިވެހި ސިނަމާ

ގައުމީ ފިލްމު އެވޯޑްސް "ލޫދިފާ" އަށް

  • އެންމެ މޮޅު ޑައިރެކްޓަރަކީ މޫމިން ފުއާދު
  • އެންމެ މޮޅު އެކްޓަރަކަށް ކޮޕީ އިއްސެ
  • އެންމެ މޮޅު ބަތަލާއަކީ އަފީފާ

ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަށް މިރޭ "ލޫދިފާ" ހޮވައިފި އެވެ.

ދަރުބާރު ގޭގައި ބޭއްވި މި ހަފުލާގައި ލޫދިފާގެ ޓީމާ މި އެވޯޑް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ހުސެއިން ނޫރައްދީން އާއި އަހުމަދު އިކްރާމް އެވެ.

އެންމެ މޮޅު ފިލްމަކަށް "ލޫދިފާ" ހޮވުނުއިރު އެންމެ މޮޅު ޑައިރެކްޓަރަށް ހޮވިފައި ވަނީ މި ފިލްމުން މޫމިން ފުއާދު އެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑް މި ފިލްމުން ކޮޕީ އިސްމާއިލް ރަޝީދު ގެންދިޔައިރު ހަމަ މި ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ މަރިޔަމް އަފީފާ އަކީ އެންމެ މޮޅު ބަތަލާ އެވެ.

މީގެ އިތުރުން ވެސް މިރޭގެ ޝަރަފްވެރި ގިނަ ވަނަތައް ގެންދިޔައީ "ލޫދިފާ" އެވެ. އެގޮތުން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް މި ފިލްމުން މޫމިނަށް ލިބުނުއިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް މި ފިލްމު ލިބުނީ ރަވީ ފާރޫގަށެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކީ ފިލްމުގައި ތަފާތު ރޯލެއް ކުޅެފައިވާ ފާތިމަތު އާޒިފާ (އަޒޫ) އެވެ.

ގައުމީ ފިލްމު އެވޯޑްސްގެ މި ހަފުލާ "ލޫދިފާ" ގެ ޓީމުން ނިންމާލީ ނޮމިނޭޓްވި ކެޓަގަރީތަކުން ޖުމްލަ 10 އެވޯޑް ކާމިޔާބުކޮށްގެންނެވެ. މި ފިލްމު ޖުމްލަ 19 ކެޓަގަރީއަކުން އެވޯޑްތަކަށް ވާދަކުރި އެވެ.

ޖުމްލަ 12 އެވޯޑަކަށް ވާދަކުރި ރަވީ ފާރޫގްގެ މަޝްހޫރު ފިލްމު "އިނގިލި" ހަފުލާ ނިންމާލީ ހުސްއަތާ އެވެ. "އިނގިލި" އަކީ ސާކް ފިލްމު ފެސްޓިވަލްގައި ތިން ވަނަ ހާސިލުކޮށްފައިވާ ފިލްމެކެވެ.

ޑާކް ރެއިންގެ ފަތިސްހަނދުވަރުގެ ފެށުން އިން ފަސް އެވޯޑް ކާމިޔާބުކުރިއިރު ހުސެއިން މުނައްވަރުގެ "ސަޒާ" މުހިންމު ތިން އެވޯޑެއް ކާމިޔާބުކޮށްފައިވެ އެވެ.

މިފަހަރުގެ ލައިފް އެޗީވްމަންޓް އެވޯޑް އަރުވާފައި ވަނީ ދިވެހި ސިނަމާގެ އެންމެ ތަޖުރިބާކާރު އެއް ޑައިރެކްޓަރު ކަމުގައިވާ އަމްޖަދު އިބްރާހީމަށެވެ.

މިއީ ގައުމީ ފިލްމު އެވޯޑްސްގެ ހަތް ވަނަ ހަފުލާ އެވެ. މިފަހަރުގެ އެވޯޑްތައް ހާއްސަކޮށްފައި ވަނީ 2011 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދު ސިނަމާތަކަށް ނެރެފައިވާ ފިލްމުތަކަށެވެ.

އެވޯޑްތައް ހާސިލުކުރި ފަރާތްތަކުގެ ފުރިހަމަ ލިސްޓް އިއުލާނުކުރި ތަރުތީބުން ތިރީގައި މި އޮތީ އެވެ.

އެންމެ މޮޅު ލިރިކްސް:
ތިޔަމޫނަށް ލޯ - މުހައްމަދު އަބްދުލް ޣަނީ - މިހަށިން ފުރާނަ ދަންދެން

އެންމެ މޮޅު ލަވަ:
ފަސްޖެހުމެއް ނެތި – މުހައްމަދު ފުއާދު – ލޫދިފާ

އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ:
ޝިފާ ތައުފީގު – ޒުވާން ތިޔަ ނަން ހިތުގާ – ފަތިސް ހަނދުވަރުގެ ފެށުން

އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ:
މުހައްމަދު އަބްދުލް ޣަނީ – ލޯބިވާއޭ – ހިތް ޔާރާ ދީފާ

އެންމެ މޮޅު ކޮރިއޯގްރެފީ:
ރަވީ ފާރޫގް – ތިޔަ މޫނަށް ލޯ – މިހަށިން ފުރާނަ ދަންދެން

އެންމެ މޮޅު އާޓް ޑައިރެކްޝަން:
މޫމިން ފުއާދު – އިސްމާއިލް ރަޝީދު – ހުސެން މުނައްވަރު – ލޫދިފާ

އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން:
އައިމިނަތު ނަސްރީނާ – އަހުމަދު ސައީދު – ފިލްމު ލޫދިފާ

އެންމެ މޮޅު މޭކަޕް:
ހަސަން އާދަމް – ފަތިސްހަނދުވަރުގެ ފެށުން

އެންމެ މޮޅު ވިޝުއަލް އިފެކްޓްސް:
އަހުމަދު ޝިނާން – ފަތިސްހަނދުވަރުގެ ފެށުން

އެންމެ މޮޅު ސައުންޑް މިކްސިން:
އަލީ ޝިފާއު – ފަތިސްހަނދުވަރުގެ ފެށުން

އެންމެ މޮޅު ސައުންޑް އެޑިޓިން:
އަލީ ޝިފާއު – ފަތިސްހަނދުވަރުގެ ފެށުން

ބެކްގްރައުންޑް މިއުޒިކް:
މުހައްމަދު އިކްރާމް – ސަޒާ

އެންމެ މޮޅު ސިނެމެޓޯގްރެފީ:
ހުސެއިން މުނައްވަރު – ސަޒާ

އެންމެ މޮޅު އެޑިޓިން:
އަލީ މުސްތަފާ – ސަޒާ

އެންމެ މޮޅު ސްކްރީންޕްލޭ:
މޫމިން ފުއާދު – ލޫދިފާ

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް:
ފާތިމަތު އާޒިފާ – ލޫދިފާ

އެންމެ މޮޅު ސަޕޯޓިން އެކްޓަރު:
ރަވީ ފާރޫގް – ލޫދިފާ

އެންމެ މޮޅު އެކްޓްރެސް:
މަރިޔަމް އަފީފާ – ލޫދިފާ

އެންމެ މޮޅު އެކްޓަރު:
ކޮޕީ އިސްމާއިލް ރަޝީދު – ލޫދިފާ

ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް:
އަމްޖަދު އިބްރާހިމް (އަމްޖޭ)

އެންމެ މޮޅު ޑައިރެކްޓަރު:
މޫމިން ފުއާދު - ލޫދިފާ

އެންމެ މޮޅު ފިލްމު:
ލޫދިފާ