chattelegramwhatsappviber google-plus twitter facebook

ދިވެހި ސިނަމާ

"އިނގިލި" ހުސްއަތާ ނުކުންނަން ޖެހުނު ސަބަބަކީ ކޮބާ؟

ފިލްމު "އިނގިލި" ގެ ޑައިރެކްޓަރު ރަވީ ފާރޫގް. --އަވަސް ފޮޓޯ: އަފްޝީން ނަސީރު

ގައުމީ ފިލްމު އެވޯޑްސް ރޭ ނިމިގެންދިޔައިރު ލަގޮނޑި ފަޅައިގެން ދިޔައީކީ އެއްވެސް އެވޯޑަކަށް ނޮމިނޭޓް ނުވި މަޝްހޫރު ދެ އެކްޓަރުން ކަމުގައިވާ އަލީ ސީޒަން އާއި މުހައްމަދު މަނިކެއްގެ ނޫނެވެ. އެ ހަފުލާގައި ރޮއްވާލީ ޖުމްލަ 12 އެވޯޑަކަށް ވާދަކުރި މަޝްހޫރު ފިލްމު "އިނގިލި" އާއި އޭގެ ކުޑަކުޑަ ޓީމެވެ.

ހަފުލާ ނިމި އެމީހުންގެ ލޯމަތީގައި އިނގިލި އަޅަން ޖެހުނުއިރު ހުސްއަތާ ރޭގެ ހަފުލާ މި ފިލްމުން ނިންމާލަން ޖެހުމަކީ އެ ފިލްމަށް ތައުރީފުކުރި މީހުންނާއި އުއްމީދުކުރި އެންމެންގެ އަނގަމަތީގައި ވެސް އިނގިލި އެޅުން ކަހަލަ ކަމެކެވެ.

އެހެންވީމަ މަހުދީ އަހުމަދު ލިޔެ، ރަވީ ފާރޫގެ ޑައިރެކްޝަނަށް ހުސެއިން މުނައްވަރު ކެމެރާކުރި "އިނގިލި" މިވަރުގެ ބަދުނަސީބަކަށްވާން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟

މި ފިލްމު ހަމަ އެވަރަށް ވެސް ގޯހީ ހެއްޔެވެ؟ ނުވަތަ ފިލްމުގެ ބަދުނަސީބަށްވީ އޭގެ ސަޕޯޓިން އެކްޓަރު ހެއްޔެވެ؟

އެކަމަކު މި ސުވާލުތަކަށް ޖަވާބު ހޯދުމުގެ ކުރިން، މި ފިލްމު ވާދަކުރި ކެޓަގަރީތަކަށް ބަލައިލަމާ ހިނގާށެވެ.

އިނގިލި ޓީމުގެ މެމްބަރު އަދި ސިނެމެޓޯގްރަފާ ހުސެއިން މުނައްވަރު: އޭނާ ވަރަށް ގިނަ ސުވާލުތަކެއް އުފެއްދި. --އަވަސް ފޮޓޯ: އަފްޝީން ނަސީރު
  • އެންމެ މޮޅު ފިލްމު
  • އެންމެ މޮޅު ޑައިރެކްޝަން
  • އެންމެ މޮޅު އެކްޓަރު
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރު
  • އެންމެ މޮޅު ސްކްރީންޕްލޭ
  • އެންމެ މޮޅު ސިނެމެޓޯގްރެފީ
  • އެންމެ މޮޅު ސައުންޑް މިކްސިން
  • އެންމެ މޮޅު އެޑިޓިން
  • އެންމެ މޮޅު ސައުންޑް މިކްސިން
  • އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން
  • އެންމެ މޮޅު އާޓް ޑައިރެކްޝަން
  • އެންމެ މޮޅު މޭކަޕް

"އިނގިލި" އެ ވަނީ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑްތަކަށް ނޮމިނޭޓްވެފަ އެވެ. ނަމަވެސް އެންމެން ސިއްސުވާލުމަށް ފަހު މި ހުރިހާ ކެޓަގަރީއަކުން ކަޓައިގެން ދިޔައީ އެވެ. ޔަގީނަށް ވެސް "އިނގިލި" ގެ ކުޑަކުޑަ ޓީމު ރޭގެ ހަފުލާއަށް ދިޔައީކީ ހުސްއަތާ އެނބުރި ދާން ޖެހޭނެ ކަމަށް ހީކޮށްގެނެއް ނޫނެވެ.

އެމީހުން އެތަނަށް ދިޔައީ މުހިންމު ގިނަ އެވޯޑްތަކެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެންނޭ ބުނެވިދާނެ އެވެ. ސަބަބަކީ އެމީހުންގެ މި ފިލްމަށް ބައިނަލްއަގުވާމީ ތައުރީފު ވެސް އޮހިފައިވުމުންނެވެ.

"އިނގިލި" އަކީ ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރިކޮށް، މި ސަރަހައްދުގެ ފެންވަރު ރަނގަޅު ފިލްމުތަކަކާ ވާދަކޮށް ފެސްޓިވަލްގެ ތިން ވަނަ ހާސިލުކޮށްފައިވާ ފިލްމެކެވެ. އޭގެ އިތުރަށް އެ ފިލްމުގައި ލީޑްރޯލު ކުޅެފައިވާ އެކްޓަރު ކޮޕީ އިސްމާއިލް ރަޝީދު ވަނީ އޭނާގެ ރޯލުން ސާކް ފެސްޓިވަލް ގުގުމާލައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް އެފަހަރު ހާސިލުކޮށްފަ އެވެ.

ގައުމީ ފިލްމު އެވޯޑްސްގެ މުހިންމު އެވޯޑްތަކަކަށް މި ފިލްމު ނޮމިނޭޓްވުމުން އުއްމީދުތަކެއް ބޮޑުވެ، ބައެއް އެވޯޑްތަކަށް ނޮމިނޭޓްނުވުމުން ސުވާލުތަކެއް އުފައްދަން ކެރުނީ ވެސް މި ސަބަބާ ހެދި އެވެ.

އެކަމަކު ބޮޑު ސުވާލަކީ މިއީ އެވެ. "ލޫދިފާ" އަށް ވުރެން "އިނގިލި" މޮޅު ހެއްޔެވެ؟

"އިނގިލި" ގެ ޑައިރެކްޓަރު އެވޯޑަކާ ހަވާލުވަނީ: އެކަމަކު އެ ފިލްމަކުން އޭނާ އަށް އެވޯޑެއް ނުލިބޭ. --އަވަސް ފޮޓޯ: އަފްޝީން ނަސީރު

ލޫދިފާ އަށް ހުރިހާ އެވޯޑެއް ވެސް ހައްގު!

އެކަމަކު "ލޫދިފާ" އަކީ ސާކް ފެސްޓިވަލްގައި ބައިވެރިކޮށް "އިނގިލި" ފަދައިން އެވޯޑް ލިބިފައިވާ ފިލްމެއް ނޫނެވެ. އަދި ގަބޫލުކުރަން ޖެހޭ އަނެއް ކަމަކީ ސާކް ފިލްމު ފެސްޓިވަލްގައި "ލޫދިފާ" ބަލިވީ "އިނގިލި" އާ ވާދަކޮށެއް ވެސް ނޫން ކަމެވެ.

އެހެންވީމަ މިފަހަރު ފެނިގެން މި ދިޔައީ "ލޫދިފާ" އައިސް "އިނގިލި" އާ ވާދަކޮށް ގާތްގަނޑަކަށް ހުރިހާ އެވޯޑްތަކެއް ދަމައިގަނެގެން ގެންދިޔަ ތަނެވެ. ހަގީގަތަކީ، "ލޫދިފާ" އަށް ވުރެން މޮޅު އަދި އެވަރަށް ފުރިހަމަ އެހެން ފިލްމެއް ނިމިގެން ދިޔަ ގައުމީ ފިލްމު އެވޯޑްސްގެ ރޭހުގައި ނެތް ކަމެވެ.

"ލޫދިފާ" އަށް ލިބުނު ޝަރަފާއި އެވޯޑްތަކާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ. އެއީ މިފަހަރުގެ ރޭހަށް ބަލާއިރު ހުރިހާ އެވޯޑެއް ވެސް ހަމަ ހައްގު ފިލްމެކެވެ. އެކަމަކު "އިނގިލި" އަށް އެއްވެސް އެވޯޑެއް ނުލިބުމަކީ ވެސް ނުދައްކައި ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ.

އަނެއްކޮޅުން އެ ފިލްމުގެ ބައިނަލްއަގުވާމީ ހައިބަތު މި ބަހުސަށް ބާރު އަޅަ އެވެ. ނަމަވެސް ކޮންމެ ކޮންމެ ސުވާލުތަކަކީ އެންމެ ހިތްހަމަޖެހޭނޭ ޖަވާބުތަކެއް ލިބޭ ސުވާލުތަކަކަށް ނުވެދާނެ އެވެ.

"އިނގިލި" އަށް އެވޯޑެއް ނުލިބިގެން އުފެދުނު ސުވާލުތަކަށް ގައުމީ ފިލްމު އެވޯޑްސް ދިން ޖަވާބަކީ "ލޫދިފާ" އެވެ. މި ޖަވާބު ފުރިހަމަވެފައި ވަރުގަދަ އެވެ.

ދެން ދައްކަން އޮތީ ކުރިން ވެސް ދެއްކި ވާހަކަ އެވެ. "އިނގިލި" މިއީ ހަމަ ހަގީގަތުގައި ވެސް ބަދުނަސީބު ފިލްމަކަށެވެ.

އެ ފިލްމުގެ ވާހަކަ އަކީ ހޮލީވުޑްގެ ފިލްމެއްގެ ކޮޕީއެއްކަން އޭގެ ޕްރޮޑިއުސަރުންގެ ޓީމަށް އެނގުނީ އޮރިޖިނަލްއެއް ކަމަށް ހީކޮށް ނިކަން ފޯރީގައި ފިލްމު ޝޫޓްކޮށް ނިންމަން ދަނިކޮށެވެ. އެ ބަދުނަސީބާ އެކު ފިލްމުގެ މަސައްކަތް ވަޅުޖެހުނީ އެވެ. އާ ހިތްވަރެއް ލާފައި ފިލްމު ނިންމައިގެން ސިނަމާ އަށް ގެނައުމުން ކުރިމަތިވީ އަނެއް ބަދުނަސީބެވެ.

"އިނގިލި" ވީ ފްލޮޕެވެ. އެންމެފަހުން ޝަރަފްވެރި ގައުމީ އެވޯޑްސްގައި މި ފިލްމުގެ ބަދުނަސީބަކަށްވީ އެއަށް ވުރެ ފުރިހަމަ އެހެން ފިލްމެކެވެ. ނުވަތަ ފިލްމުގެ ސަޕޯޓިން އެކްޓަރެވެ.

"އިނގިލި" އަށް އެއްވެސް އެވޯޑެއް ނުލިބުނީ އެއިން ސަޕޯޓިން އެކްޓަރުގެ އެވޯޑަށް ވާދަކުރި އެކްޓަރު އަދި މިހާރުގެ އެންސީއޭގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒުއާ އެކު މަސްލަހަތު ފުށުއަރާތީ ކަމަށް ވެސް ވެދާނެ އެވެ.

  • މުދިމި

    ވަރަށް ފާޑަކަށް ރޭވިގެން ބޭއްވުނު ޖަލްސާއެއް. މިމީހުނާ ނުވެސް ބެހި ދުރުގައި ތިބި މީސްމީހުންނަށް މާދުރާލައި ފޯނުކޮށް، ދާނަންހޭ އަހާފައި، ދައުވަތު ކާޑެއް ނުފޮނުވުނު. އެބެލީ ބޯގިނަކުރެވޭތޯ ވަކި ގޮތަކަށް. ހަމަވީމާ ކާޑު ނުފޮނުވީ. ކަޑައިގެވެސް ކަޑަ. މަވާ ސަލާން

    4
    4
    REPLY
    CLOSE
  • މުސްތަފާ

    ނަދީމް ގެ މި ލިޔުން ވަރަށް ދިރާސީ އެވެ. މި ޙަފްލާގެ ރިވިޔު އަކަށް ވަރަށް ފުދެއެވެ. ނިންމާލަމުން ތިޔަ ފާހަގަ ކުރި "ސިޔާސީ" ޕޮއިންޓް، މުޅި ލިޔުމުގެ ފޭރާން ޚަރާބު ކޮށްފި އެވެ. މަސްލަހަތަކީ ބޭރުފުށުން ފެންނަ ފެނިލުން ތަކެއް އެކަންޏެށް ނޫނެވެ. ޢާންމުންގެ ތެރެއަށް މި ކަހަލަ "ވެދާނެ" / "ކަންނޭގެ" ޒާތުގެ ސަބަބާއި ޚިޔާލު ދޫކުރުން އެއީ އަޅުގަޑު ދެކޭ ގޮތުގައި މުހިއްމު ކަމަކަށް ނުވުމުގެ އިތުރުން، ދަށް ފެންވަރެއްގެ ވެސް ކަމެކެވެ. މި ދެންނެވީ، ނަދީމް ގެ މި ރިޕޯރޓް ގެ ވާހަކަ އެވެ. އެހެން ނަމަވެސް އެއީ ވަރަށް "އަތް މުނި މުނި ކަވާ" ކަމެކެވެ. އަޅުގަނޑު އުޅެނީ މި ދާއިރާއާއި ވަރަށް ހިތާކޮށެވެ. ސަރުކާރުގެ މަތީ ވަޒީފާ ތަކުގައި، އަދި މިއަދު އަމިއްލަ މަސައްކަތުގައި އުޅެމުން ވެހެވެ. މިހެންވެ މި ވާހަކަ ދެންނެވީ އެވެ.

    8
    6
    REPLY
    CLOSE
  • ހުސްއަތް

    ކަޑަވީމަ ދޯ ހުސްއަތާ ނުކުންނާނީ؟

    10
    5
    REPLY
    CLOSE
  • ނަ

    ފިލްމު ކުޅުމަކީ އިސްލާމް ދީނުގައި ހަރާމްކުޔރަްއްވާފައިވާކަންތައްތައް

    15
    3
    REPLY
    CLOSE
  • އަހްމަދު

    ހަޤީޤަތަކީ، އިނގިއްޔަށްވުރެ ލޫދިފާ މޮޅުކަން. ސާކުގަ ތިބޭ ދިވެހި ސަގާފަތާ މުޖުތަމަޢު ނޭނގޭ ޖަޖުންނަށް އިނގިލި ކަމުގޮސްދާނެ. އެކަމަކު ލޫދިފާ މާ ދިވެހި މުޖުތަމަޢު އާއި ގުޅިފައި ޑައިރެކްޝަނާއި ހުށަހަޅައިދިނުންވެސް މޮޅު.

    18
    1
    REPLY
    CLOSE

ފަހުގެ ޚަބަރު