ފިނިޕޭޖް

ކޮޕީ އިއްސެ އެންމެފަހުން ހައްގު މަގާމަށް!

ކޮޕީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އެކްޓިން ކެރިއަރުގައި މިހާތަނަށް ނުލިބި އޮތް ޝަރަފްވެރި އެވޯޑް ރޭ އެންމެފަހުން ހާސިލުވެގެން ދިޔައީ އެވެ. މިހާރު އޭނާ އަކީ އޮފީސް ޓެލެ ޑްރާމާ މުބާރާތުން ފެށިގެން ގައުމާއި މި ސަރަހައްދުގައި ވެސް އެކްޓަރެއްގެ ގޮތުގައި ޝަރަފްވެރި އެވޯޑްތަކެއް ހާސިލުކޮށްފައިވާ ފަންނާނެކެވެ.

އޭނާގެ އެކްޓިން ކެރިއަރު އަރައިގެން ގޮސް ހަވާގައި ޖެހުނީ އެވެ.

އޮފީސް ޓެލެ ޑްރާމާ މުބާރާތް ނުކުޅެންވެގެން ފިލައިގެން އުޅެނިކޮށް ގަދަކަމުން އޭނާ ކެމެރާގެ ކުރިމައްޗަށް ނެރެގެން އެންމެ ފަހުން އޭނާ ނެރުނު ހުނަރުވެރިކަމުން މިއަދު ނުލިބޭ ކާމިޔާބީއެއް ނެތެވެ. އޮފީސް ޓެލެޑްރާމާ މުބާރާތް ނިމިގެން ދިޔައިރު އޭގައި އޭނާ ވަރުގެ ދެ ވަނަ އެކްޓަރަކު ނެތެވެ.

އެންމެފަހުން ގިނަ ގޮންޖެހުންތަކަކަށް ފަހު ޝަރަފްވެރި ގައުމީ އެވޯޑްސް ވެސް ހާސިލުކުރީ އެވެ. މިއަދު އޭނާގެ އަތުގައި ގައުމީ ދެ އެވޯޑްސް އެބައޮތެވެ. އެއީ ފިލްމު "ހޭލާ" އިން ހާސިލުކުރި ސަޕޯޓިން އެކްޓަރުގެ އެވޯޑާއި ހަމަ އެ ފިލްމުގެ އެއް ޑައިރެކްޓަރު ކަމުގައިވާ މޫމިން ފުއާދު ފަހުން އޭނާ ޑައިރެކްޓްކުރި "ލޫދިފާ" އިން ރޭ ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ.

ޔަގީނަށް ވެސް ކޮޕީ އިއްސޭގެ ފިލްމީ ހަޔާތުގައި ހުރިހާ ވެސް ޝުކުރެއް ހާއްސަވަނީ މޫމިނަށެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އިސްމާއިލް ރަޝީދަކީ އެންމެ ފުރަތަމަ ފިލްމީ ދާއިރާ އިން ބޭނުންނުވެގެން ބާކީކޮށްލާފައި ހުރި އެކްޓަރެކެވެ. ކޮޕީ އިއްސެގެ ހުނަރުވެރިކަމަށް ފިލްމީ ދާއިރާ ހޭލީ މޫމިން 2006 ވަނަ އަހަރު ނެރުނު ފިލްމު "ހޭލާ" ގައި ދައްކުވައިދިން އާދަޔާހިލާފު މޮޅު އެކްޓިން އަށް ފަހު އެވެ.

މިއަދު އޭނާގެ އަތުގައި ގައުމީ އިނާމްގެ އިތުރުން ސާކް ފެސްޓިވަލްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް އެބައޮތެވެ.

  • ނަން: އިސްމާއިލް ރަޝީދު
  • އުފަން ތާރީޚް: 20 އެޕްރީލް 1976
  • ފިލްމީ ދާއިރާ އަށް ނުކުތީ: 1996 ވަނަ އަހަރު
  • ފުރަތަމަ ފެނިލުން: ޒިންމާ (ޓެލެޑްރާމާ)
  • އެންމެ ކާމިޔާބު ފިލްމުތައް: ލޫދިފާ، ސަޒާ، އިނގިލި
  • އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ: އޮފީސް ޓެލެޑްރާމާގެ އެންމެ މޮޅު އެކްޓަރު، ގައުމީ އެވޯޑް، މޯލްޑިވްސް ފިލްމު އެވޯޑް
  • އަންހެނުން: މާރިޔާ އިބްރާހިމް
  • ދަރިން: އަލީ ލުފާފް، އާދަމް ލިޖްލާލް

ކޮޕީ އިއްސެއަކީ ތިއޭޓާ އެކްޓަރެއްގެ ގޮތުގައި އަދި ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ކޮޕީ މުހައްމަދު ރަޝީދުގެ ދަރިއެކެވެ. ކުޑައިރު، ބޮލީވުޑްގެ ތަރި، އަމީތާބު ބައްޗަން ހެދިގެން އޭނާ ގޭތެރޭގަ އާއި ހިސާބުގަނޑުގައި ސައިކަލު ދުއްވައި އުޅުނެވެ. އަދި ބައްޕައާ އެކު ރަށްރަށަށް ގޮސް ސްޓޭޖު ޝޯތަކުން މަޝްހޫރުކަން ހޯދި މޫނެކެވެ. މިހެން އުޅެމުން އެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ކެމެރާގެ ކުރިމައްޗަށް އެރީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި ވަޒީފާ އަދާކުރިއިރު، އޮފީސް ޑްރާމާ މުބާރާތަށް އެތަނުން އުފެއްދި ޑްރާމާ "ޒިންމާ" ގެ ސަޕޯޓިން ރޯލެއް ކުޅުމަށެވެ. އޭނާ ކުޅުނީ ކޮމެޑީ ރޯލެކެވެ. މިއީ އެކުގައި އުޅުނު މުވައްޒަފުން ވަރަށް ބުނެ ކިޔައި އާދޭސްކޮށްގެން އޭނާ ކުޅުނު ރޯލެކެވެ.

އެ ޑްރާމާ އިން، އެންމެ މޮޅު ކޮމޭޑިއަންގެ އެވޯޑް ލިބުނު ހިސާބަކީ އެކްޓަރެއްގެ ގޮތުގައި އިސްމާއިލް ރަޝީދު ފައްކާކޮށްފައިވާ ކާމިޔާބު ކެރިއަރުގެ ފެށުމެވެ. ކޮޕީ އިއްސެގެ ގޮތުގައި ފިލްމީ ދާއިރާ އަށް މަޝްހޫރުވެފައިވާ އިސްމާއިލް ފިލްމު ކުޅެން ފެށުމުގެ ކުރިން ފުރަތަމަ ވިދައި ބަބުޅަމުން ދިޔައީ އޮފީސް ޓެލެޑްރާމާ މުބާރާތުގަ އެވެ.

އެގޮތުން ދެ ފަހަރެއްގެ މަތިން އެންމެ މޮޅު ކޮމޭޑިއަންގެ އެވޯޑާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވެ އެވެ. މި އެވޯޑްތަކާ އެކު އޭނާ ދެން ނުކުތީ ފިލްމީ ދާއިރާ އަށެވެ. ނަމަވެސް ފިލްމީ ދާއިރާ އިން އެންމެ ފުރަތަމަ އޭނާ އެކަހެރިކޮށްލީ "ސިފަ ރީތި އެކްޓަރަކަށް ނުވާ ކަމަށް ބުނެ" އެވެ. ފަހުން އޭނާ ފިލްމީ ދާއިރާ އަށް ނެރެދިނީ އޭނާގެ ބައްޕަގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން އުފެއްދި ފިލްމަކުންނެވެ. އެއީ "އެދި އެދި ހޯދީމޭ" އިންނެވެ.