ގަލްފް ކްރާފްޓުގެ އުޅަނދު ފަަހަރު ބަންނަ އިރު އުރީދޫ ވެހިކަލް ލޮކޭޓިން ޑިވައިސް ހަރުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ޓެރީ ސްޓެމަތާކް އެވެ.
މި އެއްބަސްވުމުގެ ދަށުން، ގަލްފް ކްރާފްޓުގެ ލޯންޗް ފަހަރު ބަންނައިރު، އުޅަނދުގައި އުރީދޫ ވެހިކަލް ލޮކޭޓިން ޑިވައިސް ހަރުކުރެވޭނެ އެވެ. އާއްމުކޮށް މިހާރު މި ޑިވައިސް ހަރުކުރަނީ ބަނުމުގެ ކުރިންނެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ މި އިސް ނެގުމާއެކު އުރީދޫން ހިދުމަތް ދޭ އެހެން ގައުމުތަކުގައި ބަންނަ އުޅަނދު ފަހަރުގައި ވެސް ލޮކޭޓިން ޑިވައިސް ހަރުކުރެވޭނެ ކަމަށާއި، މިއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ގަލްފް ކްރާފްޓަކީ އުޅަނދު ފަހަރު އެންމެ ފުޅާ ދާއިރާއެއްގައި ބަންނަ އެއް ކުންފުނި. މި އެއްބަސްވުމުގެ ދަށުން އުޅަނދު ބަންނައިރު، ވެހިކަލް ޓްރެކިން ސިސްޓަމް ހަރު ކުރެވިގެން ދިއުމަކީ ލިބޭނެ ބޮޑު ކުރިއެރުމެއް،" ވިކްރަމް ވިދާޅުވި އެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން، ގަލްފް ކްރާފްޓްގެ މެނޭޖަރު ޓެރީ ވިދާޅުވީ މިއީ އެ ކުންފުނީގެ ހިދުމަތްތައް އެންމެ މަތީ ހަރުފަތައް ގެންދިއުމަށް ފެށޭ މުހިންމު މަސައްކަތެއް ކަމަށެވެ.
"ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތް ދިނުމަކީ އެންމެ މުހިންމު ކަންތައް. އެކަން ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" ޓެރީ ވިދާޅުވި އެވެ.
އުރީދޫން ރާއްޖޭގައި ފޯނުގެ ހިދުމަތް ދޭން ފެށުމާއެކު، އެ ކުންފުނިން ދަނީ ތަފާތު އާ ހިދުމަތްތަކެއް ތައާރަފު ކުރަމުންނެވެ. މީގެ އިތުރުން އެ ކުންފުންޏަށް ލޭންޑް ލައިން އިންޓަނެޓުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބުމާއެކު، މިހާރު ދަނީ އިންޓަނެޓުގެ ހިދުމަތް ވެސް ދެމުންނެވެ.