އުރީދޫގެ ވައިބާ ސްޓިކާއަކީ ދިވެހިބަސް ޑިޖިޓަލް ވެގެން ދިޔަ ކަމެކެވެ. އެ ކުންފުނިން މި ފަހަރު އަނެއްކާ ވެސް މިވަނީ މުޅިން އާ ވައިބާ ސްޓިކާ ތަކެއް ތައާރަފުކޮށްފަ އެވެ. މި ފަހަރު އުރީދޫގެ ވައިބާ ސްޓިކާ ބައިގެ ނަމަކީ "ދިވެހި އޮލަ ވާހަކަ" އެވެ. މުޅިން އާ 25 ސްޓިކާ ވަނީ ތައާރަފްކޮށްފަ އެވެ.
"ދިވެހިންނަކީ އަބަދު ވެސް އޮލަ ވާހަކަ ދައްކާ ބައެއް. ހާއްސަކޮށް ކުރީ ޒަމާނުގައި ހޮޅުއަށިތަކުގައި. މިހާރު ސޯޝަލް މީޑިޔާގައި. އެހެންވެ އުރީދޫން މި ކޮށްދިން ކަމަކީ މި ވާހަކަތައް ޑިޖިޓަލް ކޮށް ގެނެސް ދިނުން،" އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވި އެވެ.
އުރީދޫން އެންމެ ފުރަތަމަ ނެރުނު ވައިބާ ސްޓިކާ ސެޓު ވެގެން ދިޔައީ ގިނަ ބަޔަކު ހައިރާން ކޮށްލި ކަމަކަށެވެ. މި ފަހަރުގެ ވައިބާ ސްޓިކާ ސެޓު ހެދުމުގައި އެ ފަހަރުގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކޮށްފައިވެ އެވެ. މިގޮތުން މި ފަަހަރު ނެރުނު، 25 ސްޓިކާގެ "އޮލަ ވާހަކަ ސްޓިކާ" ސެޓު ފަރުމާ ކޮށްފައިވަނީ ދިވެހި ބަހުގެ އެކަޑަމީގެ އެހީތެރި ކަމާއެކުގަ އެވެ.
މި ފަހަރުގެ ސްޓިކާ ސެޓުގައި ތަފާތު ވާހަކަތައް ހިމެނެ އެވެ. އޭގެތެރޭގައި "މަޑުކޮށްލާ" "ބާއްޖަވެރި ރޭގަނޑެއް" އަދި "ކައިފިން ތަ" އަދި "ވައިސަރީ"ގެ އިތުރުން "ނާހަމަ ދެތެއް" އަދި "މަހީހީ ހަލާކު" ފަދަ ގިނަ ސްޓިކާތަކެއް ހިމެނެ އެވެ.
"މި ފަހަރުގެ ސްޓިކާ ޑިޒައިންކޮށް ބަސްތައް ކަނޑައެޅުމުގައި ދިވެހި ބަހުގެ އެކަޑަމީގެ އެހީތެރިކަން ވެސް ހޯދިން،" އުރީދޫ ޕްރޮޑަކްޓް ޓީމްގެ އިސްކޮށް މަސައްކަތް ކުރައްވާ އަހުމަދު ނޫމާން ވިދާޅުވި އެވެ.
ނޫމާން ވިދާޅުވީ ކުރީގެ ވައިބާ ސްޓިކާ ސެޓު ހަފުތާއަކު އެއް މިލިއަން މީހުން ޑައުންލޯޑް ކުރި ކަމަށެވެ. އަދި މި ވައިބާ ސެޓު ހަމައެކަނި ބޭނުން ކުރަނީ ރާއްޖޭގައި އެކަނި ނޫންކަން އުރީދޫ ޓީމުން ފަހުރުވެރިކަމާއެކު ފާހަގަ ކުރެ އެވެ.
ދިވެހިންނާ ދާދި އެއްގޮތް ކަންތައް ތަކެއް ހުރި މަލިކުގައި ވެސް މި ވައިބާ ސްޓިކާ ސެޓު ބޭނުން ކުރެ އެވެ. އެހެންވެ މިއީ ދިވެހި ބަހަށް ލިބިގެންދާ ބޮޑު ކާމިޔާބީ އަކަށް ނޫނީ ނުވާނެ އެވެ.
"ރާއްޖޭން ބޭރުންވެސް ގިނަ ބަޔަކު ޑައުންލޯޑް ކުރޭ. ހާއްސަކޮށް ބޭރުގައި ތިބޭ ދިވެހިން،" ނިޔާޒު ވިދާޅުވި އެވެ.
މި ފަހަރުގެ ވައިބާ ސްޓިކާތައް ފަރުމާ ކޮށްފައިވަނީ މަހެއް ބޭނުންކޮށްގެންނެވެ. އެހެންވެ މުޅި ސްޓިކާ ސެޓުގައި ވެސް ކާޓޫނެއްގެ ސިފައިގައި ފެނިގެންދާނީ މި މަހެވެ.
"މި ފަހަރު ވައިބާ ސްޓިކާ ސެޓު މި ނެރުނީ ޗުއްޓީއާ ދިމާކޮށް. ގިނަ ބަޔަކު މިތިބީ ރާއްޖޭން ބޭރުގައި އެހެންވެ މި ސްޓިކާ ސެޓު ބޭނުންކޮށްގެން ވާހަކަ ދައްކައި ލެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.