މޯލްޑިިވިއަން އައިޑޮލް ސީޒަން ދޭއް އިއުލާންކޮށް އޮޑިޝަންތައް ފެށުމާއެކު އެންމެން މި ތިބެނީ އެ ޝޯ ދައްކަން ފަށާނެ އިރެއްގެ އިންތިޒާރުގަ އެވެ. ނަމަވެސް ދެން މާ ގިނަ ދުވަހަކު މި އިންތިޒާރެއްގައި ތިބޭކަށް ނުޖެހޭނެ އެވެ.
ކާމިޔާބު އޮޑިޝަންސްތަކަކަށް ފަހު އއ. މަތިވެރީގައި ތިއޭޓާ ރައުންޑް ޝޫޓްކޮށް ނިންމާލުމަށް ފަހު އައިޑޮލްގެ ޓީމު މިހާރު މަސައްކަތް ކުރަމުން ދަނީ ޝޯގެ ޕްރިމިއާގެ އެންމެ ފަހު ތައްޔާރީއަށެވެ.
ޖުމްލަ 43 ބައިވެރިންނާ އެކު އައިޑޮލްގެ ފުރަތަމަ ރައުންޑު ކަމަށްވާ ތިއޭޓާ ރައުންޑުގެ ދެ ބައި ވެސް ޝޫޓްކޮށްފައި ވަނީ މަތިވެރީގެ ފަޅު ތެރޭގަ އާއި އެ ރަށާ ކައިރީގައި އޮންނަ ފިނޮޅެއްގަ އެވެ. އެހެންކަމުން މިދިޔަ ސީޒަނަށް ވުރެން ވެސް މިސީޒަނުގެ ހިތްގައިމުކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ތިއޭޓާ ރައުންޑަށް ބައިވެރިން ވަނީ މިފަހަރު ނިކަން ރަނގަޅަށް ތައްޔާރުވެފަ އެވެ. ކުދިންގެ އުއްމީދުތައް ވެސް އެހާމެ ފޮންޏެވެ. ތިއޭޓާ ރައުންޑުން ވަކިވެގެން ދިޔަސް ދާނީ އުފަލުން ކަމުގައި އެމީހުން ބުންޏެވެ. ގޯލްޑެން ޓިކެޓް ލިބުމަކީވެސް ކުރިއެރުމެއް ކަމަށް މި ކުދިން ގަބޫލުކުރެ އެވެ.
"ވަރަށް ހީވޭ މި ރައުންޑު ނިންމާފަ ޕިއާނޯ ރައުންޑަށް ދެވޭނެ ހެން. ވަރަށް ތައްޔާރުވެގެން މިހިރީ. އެހެންވީމަ ހީވޭ ރަނގަޅުވާނެ ހެން. ދެން ލެޓްސީ ދޯ ވާ ގޮތެއް،" މިއީ ނިކަން ދުރުން އޮޑިޝަންގައި ވާދަކޮށް ގޯލްޑަން ޓިކެޓް ހޯދާފައިވާ ބައިވެރިއެއްގެ ވާހަކަ އެވެ. ހުރިހާ ބައިވެރިންވެސް ތިބީ މިވަރަށް ތައްޔާރުވެގެންނެވެ. ނަމަވެސް އެއްބައި ކުދިން މިހިސާބުން ވެސް މުބާރާތާއި ވަކިވާނެ އެވެ.
މަތިވެރީގެ ފަޅު ތެރޭގައި އޮންނަ ހިތް ފަސޭހަ ފިނޮޅުގައި 43 ބައިވެރިން ގްރޫޕް ލަވަތަކެއް ހުށަހަޅައިދިންއިރު މި ބައިން 19 ކުދިން މުބާރާތާއި ވަކިވެގެން ދާނެ އެވެ. ތިއޭޓާ ރައުންޑުގެ ދެ ވަނަ ބައި ރަށުގެ ފަޅު ތެރޭގައި ކުރިއަށް ގެންދިޔައިރު 24 ކުދިން ވާދަކޮށް އަށް ކުއްޖަކު މުބާރާތާއި ވަކިވެގެން ދާނެ އެވެ.