ހޮލީވުޑް

ސްކޯސޭޒީގެ ގޭންގްސްޓާ ފިލްމަކަށް ރޮބަޓް ޑެ ނީރޯ ޒުވާންވަނީ

ހޮލީވުޑްގެ އެންމެ މަޝްހޫރު "ގޯޑްފާދާ" އޭނާގެ އަސްލު ސިފައިގައި ބޮޑުސްކްރީނަށް އެނބުރި އަންނަނީ އެވެ. މާފިއާ ފިލްމުތައް އުފެއްދުމަށް އެފަދަ ދެ ވަނައެއް ނެތް ޑައިރެކްޓަރު މާޓިން ސްކޯސޭޒީ އުފެއްދުމަށް އިއުލާނުކޮށްފައިވާ ގޭންގްސްޓާ އާ ފިލްމު "ދަ އައިރިޝްމޭން" ގައި ރޮބަޓް ޑި ނީރޯ ފެނިގެންދާނީ އޭނާގެ ރަން ދުވަހުގެ ސިފައިގަ އެވެ. -- ގާތްގަނޑަކަށް 30 އަހަރުގެ ޑެ ނީރޯގެ ސިފައިގަ އެވެ.

"ދަ އައިރިޝްމޭން" ގެ ޕްރޮޑިއުސަރެއް ކަމުގައިވާ ގަސްޓޮން ޕެވްލޮވިޗް ބުނެފައި ވަނީ މި ފިލްމަށް ޑެ ނީރޯ ޒުވާންކުރާނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށާއި މިހާރު ވެސް ބައެއް މަންޒަރުތައް ޝޫޓްކޮށް އެގޮތަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. ފިލްމުގައި މި އެކްޓަރު އޭނާގެ ޒުވާން ރަންޒަމާނުގެ ސިފައިގައި ދެއްކުމަށް ބޭނުންކުރާނީ ފިލްމު އޭންޓް މޭންގައި މައިކަލް ޑަގްލަސް ވެސް ޒުވާންކޮށް ދެއްކި ޓެކްނޮލޮޖީ އެވެ.

"މީގައި ޕްރޮސްތެޓިކް މޭކަޕެއް ބޭނުމެއް ނުކުރާނެ. ޕްރޮސްތެޓިކް މޭކަޕަށް ވުރެ މަތިން ދިއުމުގެ ގާބިލުކަން ޓެކްނޮލޮޖީ މި ވަނީ ލިބިގަނެފައި. މިހާރު ވެސް ބައެއް ޓެސްޓްތަކެއް އަހަރެމެން ހަދައިދިން. އެ މަންޒަރުތަކުގައި (ޑެ ނީރޯ) 20 އަހަރަށް، 40 އަހަރަށް އަދި 60 އަހަރަށް ވެސް މުސްކުޅިކޮށްލެވުނު،" ޕެވްލޮވިޗް ބުނެފައިވެ އެވެ.

"މިސާލަކަށް ހިޔާލަށްގެންނަވާ ދަ ގޯޑްފާދާ ދޭއްގައި ޑެ ނީރޯ ފެނިގެން ދިޔަ ގޮތް. ގާތްގަނޑަކަށް އެ ވަރަށް ޒުވާން ސިފައެއްގައި މި ފިލްމުން ވެސް އޭނާ ފެނިގެންދާނީ."

ރޮބަޓް ޑެ ނީރޯ އަށް މިހާރު 73 އަހަރެވެ. ޑޯން ކޯލިއޯނީގެ ރޯލު ކުޅެގެން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ ހާސިލުކުރި "ދަ ގޯޑްފާދާ 2" ކުޅުނުއިރު ޑެ ނީރޯ އަށް 31 އަހަރެވެ.

ސްކޯސޭޒީގެ ގޭންގްސްޓާ އާ ފިލްމު ހާއްސަވާ ހަމައެކަނި ސަބަބަކީ ޑެ ނީރޯ ޒުވާންކޮށްގެން މި ފިލްމަށް ގެނައުމެއް ނޫނެވެ. މިއީ ސްކޯސޭޒީގެ ގޭންގްސްޓާ ފިލްމުތަކުން އާންމުން ފެނި ބެލުންތެރިންގެ ހިތް ދެވުނު ގިނަ މަޝްހޫރު ތަރިންތަކެއް އެކުގައި އެނބުރި އަންނަ ފިލްމެކެވެ.

އެގޮތުން ޖޯ ޕެސްކީ އާއި ހާވީ ކެއިތުލް ފަދަ އެކްޓަރުން ހިމެނެ އެވެ. ނަމަވެސް މި ފިލްމަކީ ސްކޯސޭޒީއާ ހޮލީވުޑްގެ އެހެން ވަރުގަދަ ސްޓާރަކާ ވެސް މުޅިން އަލަށް ބައްދަލުކޮށްދޭނެ ފިލްމެކެވެ. އެއީ މަޝްހޫރު އަލް ޕަޗީނޯ އެވެ.

އަލް ޕަޗީނޯ އާއި ޑެ ނީރޯ މީގެ ކުރިން ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.

ސްކޯސޭޒީގެ އާ ފިލްމު ލިޔަނީ އޮސްކާ ހާސިލުކޮށްފައިވާ ސްކްރީންރައިޓަރު ސްޓީވް ޒިލިއަން އެވެ. އޭނާ އަކީ އޮސްކާ ހާސިލުކުރި ސްޓީވެން ސްޕީލްބާގްގެ "ޝިންޑްލާސް ލިސްޓް" އާއި ރިޑްލީ ސްކޮޓްގެ "އެމެރިކަން ގޭންގްސްޓާ" ފަދަ ފިލްމުތައް ގެނެސްދިން ލިޔުންތެރިއެކެވެ.