ށ. ޅައިމަގުގެ އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖަހައި ގެއްލުން ދިން މައްސަލަ އަދާލަތު ޕާޓީއިން ކުށްވެރިކޮށް އެ އަމަލު ހިންގި މީހުނަށް އަވަހާ ފިޔަވަޅު އަޅަން ގޮވާލައިފި އެވެ.
މި ހާދިސާއާ ގުޅިގެން އަދާލަތު ޕާޓީއިން މިއަދު ނެރުން ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޖުތަމައުގެ ކޮންމެ މީހަކަށްވެސް އަމާންކަމާއި ރައްކާތެރިކަން ލިބެން ޖެހޭއިރު، އެފަދަ ލާއިންސާނީ އަމަލުތައް ހިންގުން އިސްލާމް ދީނުގައި ވަރުގަދަޔަށް ކުށްވެރިކޮށްފައިވާ ކަމަށާއި އެފަދަ އަމަލުތަކަކީ އަންހެނުން ބާރުވެރި ކުރުމަށާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެހެނަކަމުން ހަލީމާ މޫނަށް ކެމިކަލް ޖެހި މައްސަލަ ކުއްވެރިކުރާ ކަމަށާއި އެ މައްސަލާގައި ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް އަދާލަތު ޕާޓީއިން ބުންޏެވެ. އަދި ބުނީ ކެމިކަލް ޖެހުމުގެ މައްސަލަތަކަށް އަވަހަށް ފިޔަވަޅު ނޭޅިއްޖެ ނަމަ އެފަދަ އަމަލުތައް ނުހުއްޓި އިތުރުވެގެން ދާނެ ކަމަށްވެސް އެ ޕާޓީއިން ބުންޏެވެ.
އިއްޔެ ރޭ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ވަނީ އުމުރުން 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ހައްޔަރުކޮށްފަ އެވެ. އަދި މި ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ ކޮން ބާވަތެއްގެ ކެމިކަލް އެއް ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ހަލީމާއަށް ފަރުވާ ދިން ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނި ގޮތުގައި ޖެހި ކެމިކަލްގެ ސަބަބުން އޭނާއަށް އެހާ ބޮޑު އަނިޔާއެއްވެފައި ނުވާ ކަމަށެވެ.