އެމްއެމްއޭ

ބޭރަށް ފުރާ ދިވެހިންނަށް އެމްއެމްއޭއިން ވަގުތުން ޑޮލަރު ދޫކުރަން ފަށައިފި

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވަގުތުން ޑޮލަރު ދޫކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފި އެވެ. ވަގުތުން ޑޮލަރު ދޫކުރަން ފެށި އިރު މިދިޔަ މަހު 20 ވަނަ ދުވަހުން ފެށިގެން އެމްއެމްއޭއިން އަމަލު ކުރަމުން އައީ ޓިކެޓަށްދޭ ޑޮކިއުމަންޓުތައް ހުށަހެޅުމުން އެ ދުވަހުގެ އެހެން ވަގުތެއްގައި ޑޮލަރު ދޫކުރާ އުސޫލެކެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްއޭގެ އިންފޮމޭޝަން އޮފިސާ މަންސޫރް ޒުބެއިރު މިއަދު ވިދާޅުވީ ފަހަކަށް އައިސް ޑޮލަރު ގަންނަން ދާ މީހުންގެ އަދަދު މަދުވެފައިވާތީ ކަސްޓަމަރުންނަށް ހިދުމަތް އަވަސް ކޮށް ދިނުމަށް ވަގުތުން ޑޮލަރު ދޫކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް މީހުންގެ އަދަދު ބޮޑު ތަނުން ގިނަ ވެއްޖެ ނަމަ ކުރިން އަމަލު ކުރަމުން އައި ގޮތަށް ބަދަލުކުރާނެ ކަމަށެވެ.

"އާންމު ގޮތެއްގައި އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު އެމްއެމްއޭއަށް ޑޮލަރު ގަންނަން އަންނަ މީހުން ގިނަވެ ބާރުބޮޑު ވާނެ. [ހަފުތަގެ] މެދުތެރެ ދާނީ ވަރަށް ލުއިކޮށް. އެހެންވެ ކަސްޓަމަރުންނަށް ފަސޭހަކޮށްލައި ދިނުމަށް އަޅުގަނޑުމެން މި ބަދަލު ގެނެއީ،" ޒުބެއިރު ވިދާޅުވި އެވެ.

އަންނަ ބުދަ ދުވަހަކީ މިއަހަރު ހުރިހާ ބެންކުތަކާއި އެމްއެމްއޭއިން ހިދުމަތް ދޭ އެންމެ ފަހު ދުވަހެވެ. އެގޮތުން އެ ދުވަހު ބާރު ބޮޑުވާނެ ކަމަށް ލަފާކޮށްފައި، ވަގުތުން ޑޮލަރު ދޫކުރާނީ ކޮންމެހެންވެސް ބޭނުންވާ ފަރާތްތަކަށް ކަމަށް ޒުބެއިރު ވިދާޅުވި އެވެ.

ޑޮލަރު ވިއްކުން އެމްއެމްއޭއަށް ބަދަލުކޮށްފައިވާ އިރު މިއަދާ ހަމަޔަށް 12.9 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވެ އެވެ. ޑޮލަރު ދޫކޮށްފައި ވަނީ 9505 ކަސްޓަމަރުންގެ 29،022 ޓިކެޓަކަށެވެ. މަރުކަޒީ ބޭންކުން ޑޮލަރު ވިއްކުމުގެ މަސައްކަތް ކުރާނީ އަންނަ ޖެނުއަރީ އަށެއްގެ ނިޔަލަށެވެ. އޭގެ ފަހުން ބޭރަށް ފުރަންދާ މީހުންނަށް ޑޮލަރު ވިއްކުމުގެ އިންތިޒާމް ކުރިޔަށް ގެންދާނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ނަމަވެސް އެ އުސޫލާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.