މާލޭގެ ގޭގެއިން ކުނި އުކާލުމުގެ މަޝްރޫއުގެ ފުރަތަމަ ބުރުގައި މިއަދު ގޭގެއިން ކުނި އުކާލަން ފަށަން ވެމްކޯ އިން ތައްޔާރުވެއްޖެ އެވެ. މިއަދު ކުނި އުކުން ފެށުމަށް ހަމަޖެހިފައިވަނީ ހެންވޭރު ކަލާފާނު ސްކޫލް ހިމެނޭ ކޮށިން އިރު އޮއްސި 6:00 ޖަހާއިރު އެވެ.
މާލޭގެ ގޭގެ އިން ކުނި އުކާލުމުގެ ފުރަތަމަ ބުރު މިއަދު ފަށައި އަންނަ ޖޫން މަހުގެ ނިޔަލަށް ހިދުމަތް މުޅި މާލެ އަށް ފުޅާކުރުމަށް ވެމްކޯއިން ނިންމާފައިވާއިރު، ކުނި އުކާލުން ފެށުމަށް ވެމްކޯއިން މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ޕްރޮގްރާމް މެދުވެރިކޮށް ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވާން ހުޅުވާލާފަ އެވެ. އެގޮތުން މިއަދު ކުނި ކަލެކްޓު ކުރަން ފަށައިގަންނާނީ ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި ނަން ނޯޓުކުރި ފަރާތްތަކުގެ ގޭގެއިން ކަމަށް ވެމްކޯ އިން ބުންޏެވެ.
މާލޭގެ ވޭސްޓް ކަލެކްޝަން ސާވިސް ނުވަތަ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ދޭން ނިންމާފައި ވަނީ މާލެ 10 ޒޯނަކަށް ބަހާލައިގެން، ބޭނުންވާ ބަޔަކު ރަޖިސްޓްރީކޮށްގެންނެވެ. ރަޖިސްޓްރީކުރާ ގެތަކުގެ ކުނި އުކައިދޭނީ އިމާރާތަކުން 100 ރުފިޔާ އަދި ކޮންމެ ގޭބިސީއަކުން 150 ރުފިޔާ ނަގައިގެންނެވެ.
ވެމްކޯ އިން ބުނީ، މިއަދު ކުނި ކަލެކްޝަންގެ މަސައްކަތް ފަށައިގަންނަ އިރު ފުރަތަމަ ޒޯންގައި ހިމެނޭ ގެތަކަށް ވެމްކޯގެ ޓީމުތަކުން ކުނި ހޯދަން ދާނެ ކަމަށެވެ. މިއީ އަޖުމަ ބެލުމުގެ މަޝްރޫއަކަށް ވާތީ ދިމާވާ މައްސަލަތައް ހައްލުކުރަމުންދާނެ ކަމަށާއި، އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ، ފުރަތަމަ ބުރުގައި 51 ގެއަކަށް ކުނި އުކައިދިނުމުގެ ހިދުމަތްދޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ވީހާވެސް އަވަހަށް ހައްލެއް ހޯދައި ދިނުމަކީ މިވަގުތު ވެމްކޯގެ އެންމެ ބޮޑު މަޝްރޫއަށް ވާއިރު، މިއަދު ފަށައިގަންނަ މަސައްކަތް އަންނަ ޖޫން މަހުގެ ކުރިން މުޅިން ނިންމާނެ ކަމަށާއި، ދެން އެންމެ ބޮޑު މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ ތިލަފުށީގައި އަންދާ އެންދުން ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ. އެ މަސައްކަތް ކުރުމަށް 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަން ވެމްކޯ މިހާރު ވަނީ ތައްޔާރު ވެފަ އެވެ.
މާލޭގެ ކުނި އުކާލުމުގެ ހިދުމަތް ފަށަން ވެމްކޯ އިން ވަނީ ކުނި އުކާލުމުގައި އުޅޭ މީހުން ބައިވެރިކޮށްގެން މާކެޓް ސާވޭއެއް ހަދައިފަ އެވެ. އަދި ހިދުމަތް ދިނުމަށް ބޭނުންވާ ކޮމްޕެކްޓާ ޓްރަކާއި ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އުޅަނދުތައް ހޯދަން ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.