އިކްނޮމިކް މިނިސްޓްރީގެ ހިދުމަތްތަކުގެ އައްޑޫ ގޮފި މިއަދު ހުޅުވައިފި އެވެ. މި ގޮފި އައްޑު އަތޮޅު ހިތަދޫގައި މިއަދު ހަވީރު ހުޅުވައި ދެއްވީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހަމަދު ޖުނައިދެވެ.
ހިތަދޫގައި އިކޮނޮމިކް މިނިސްޓްރީން ގާއިމް ކޮށްފައިވާ އޮފީސް ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އައްޑު އަތޮޅުގައި ހުޅުވި މިނިސްޓްރީގެ ގޮފިން އެ މިނިސްޓްރީން ދޫކުރާ ވިޔަފާރީގެ ގިނަ ހިދުމަތްތަކެއް މިހާރު ލިބޭނެ ކަމަށާއި، މީގެ އިތުރުން ޓްރާންސްޕޯޓުގެ ބައެއް ހުއްދަތައް ވެސް ދޫކުރަމުން ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި މިއޮތީ މިހާރު ގާތްގަނޑަަށް މާލޭގައި މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް އައްޑޫން ފޯރުކޮށް ދޭން. އެކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން މި ގެންދަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޮންލައިންކޮށް ދެމުން އަންނަ ގިނަ ހިދުމަތްތައް ވެސް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ލިބޭނެ ކަމަށެވެ.
"އިންޓަނެޓް މެދުވެރިކޮށް މާލޭގައި ދެވޭ ކަހަލަ ބައެއް އެޕްރޫވަލްސް މި ކޮޅުން [އައްޑޫ] އިން ވެސް މަހެއް ނުވަތަ ދެ މަހެއްގެ ތެރޭގައި ފެއްޓޭނެ ކަމަށް މި ބަލަނީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އައްޑޫ ގޮފިން ޓްރާންސްޕޯޓް ހިދުމަތްތަކާއި އިމިގްރޭޝަނާއި ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ހިދުމަތްތައް ވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ، އެންޓަޕްރައިޒް ޑިވްލޮޕްމަންޓް (އީޑީ) އިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިޒްނަސް ސެންޓަރުތައް ހުޅުވަމުންނެވެ. މި ތަންތަނުން ވިޔަފާރިއަށް މީހުން ހޭލުންތެރި ކުރުވުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަ އެވެ.