ދުނިޔެ

ބޯކޯ ހަރާމުގެ ވަފާތެރި ކަމަށް އައިއެސް އިން މަރުހަބާ ކިޔައިފި

ބޯކޯ ހަރާމޭ ކިޔުނު ނައިޖީރިއާގެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސަމާލުކަން ހޯދަން ފާޑުފާޑުގެ ސްޓަންޓްތައް ޖައްސަމުން ގެންދާތާ މިހާރު އެތައް ދުވަހެކެވެ.

ބޯކޯ ހަރާމުން އައިއެސްގެ އަނިޔާވެރިކަން ކޮޕީކޮށް މީހުންގެ ކަރުބުރިކުރަމުން ގޮސް އެންމެފަހުން އެމީހުންނަށް ބައިއަތު ހިފުމުން އައިއެސް އިން މި ވަނީ އެކަން ބަލައިގަނެ ނިކަން ހޫނު މަރުހަބާއެއް ބޯކޯ ހަރާމަށް ކިޔައިފަ އެވެ.

އައިއެސް އާއި ބޯކޯ ހަރާމްގެ ގުޅުން ރަސްމީވެގެން ދިއުމަކީ ހުޅަނގު އެފްރިކާގެ ސަލާމަތަށް ކުރިމަތިބި އިތުރު ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އައިއެސްއާ މި ގުޅުނު ބޯކޯ ހަރާމަކީ، ނައިރީޖިއާގެ އުތުރު ބިތުގައި އިސްލާމީ ދައުލަތެއް ގާއިމުކުރުމަށް ނައިޖީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ޖަމާއަތެކެވެ.

އައިއެސް އަކީ މިހާރު ވެސް މިފަދަ ދައުލަތެއް ގާއިމުކޮށް އިސްލާމީ ހިލާފަތެއް ވެސް އިއުލާނުކޮށްގެން އުޅޭ ޖަމާއަތެކެވެ. އައިއެސްގެ ބާރު ގަދަކޮށްފައި ވަނީ އިރާގުގެ މޫސަލް އާއި ސީރިއާގެ ދެކުނު ބިތުގަ އެވެ.

މެދުއިރުމަތީގެ އިތުރުން އައިއެސްގެ ފިޔަގަނޑު ހުޅަނގު އެފްރިކާ އަށް ފަތުރާލާފައިވާއިރު އެމީހުން ދަނީ ދެކުނު އޭޝިއާގައި ވެސް ބާރުގަދަކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންގެ ހަނގުރާމަވެރިންނާ ގުޅުމަށް ވެސް މިފަހުން މަސައްކަތްކޮށްފައިވެ އެވެ.

އައިއެސް އިން އެމީހުންގެ އިސްލާމީ ދައުލަތް އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެއަށް ފަހު ބުނަމުން ދަނީ މުޅި އިސްލާމީ އުންމަތް ވެސް ތަބާވާން ޖެހޭނީ އެމީހުންނަށް ކަމަށެވެ.