ޅައިމަގު

ކެމިކަލް ޖެހި މައްސަލަ ލަސްނުކޮށް ޕީޖީއަށް ފޮނުވާނެ: ޕޮލިސް

Dec 25, 2016

ށ. ޅައިމަގުގައި އަންހެނުންގެ ކޮމެޓީގެ ރައީސާ، އެރަށު އަލިވިއު، ހަލީމާ އާދަމްގެ މޫނަށް ކެމިކަލްކަމަށް ބެލެވޭ އެއްޗެއް ޖެހި މީހުންގެ މައްސަލައިގެ ތަހުގީގު އަވަހަށް ނިންމާ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހަލީމާގެ މޫނަށް ކެމިކަލް ޖަހައިގެން ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގުގައި ކުރިއެރުންތައް ހޯދިފައިވާ ކަމަށާއި ހަލީމާގެ މޫނަށް ޖަހާފައި ވަނީ ލައްފިލުވާ ކަމަށް އެނގިފައިވާ ކަމަށެވެ. އަދި ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތަހުގީގު ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގެ ތުހުމަތަށް ޅައިމަގުން ހައްޔަރުކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ އެކަކަށް 10 ދުވަސް އަނެއް މީހާއަށް ހަފުތާއެއްގެ މުއްދަތު ދީފައެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މި މައްސަލަ ބަލަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ފުލުހުން މިހެން ބުނި އިރު މި މައްސަލަ ސީރިއަސްކޮށް ބަލައި އަވަހަށް ފިޔަވަޅު އަޅައި ދިނުމަށް އެކި ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ. މި މައްސަލަ ސީރިއަސް މައްސަލައަކަށް ވެފައިވާއިރު ހަލީމާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ކެމިކަލު ޖެހުމުގެ ސަބަބުން ހަލީމާގެ ލޮލަށް ކޮންމެ ވެސް ވަރަކަށް އަސަރުކޮށްފައިވެއެވެ. މާދަމާ ހަލީމާ ހޮސްޕިޓަލުން ދޫކޮށްލާނެ އެވެ.