އެމްޓީސީސީ

ޅައިމަގު ބަނދަރުގެ ބޮޑުބައި ނިމިއްޖެ

Aug 14, 2022

ށ. ޅައިމަގުގައި މިހާރު ތަރައްގީކުރަމުން ގެންދާ ބަނދަރު މަޝްރޫއުގެ އަޕްޑޭޓެއް އެމްޓީސީސީ އިން ދީފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ 54 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން މިއަދު ބުންޏެވެ. އަދި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށެވެ.

މީގެ އިތުރުން 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1380 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ވެސް ހަދާނެ ކަމަށެވެ. އަދި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށެވެ.

ޅައިމަގު ބަނދަރު ހެނދުމުގެ މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.