ރިޕޯޓް

ކުއްލި އަދި ބޮޑެތި މަރުތައް 2016 ގައި ގިނަ!

ދެހާސް ފަނަރަ ވަނަ އަހަރެކޭ އެއްގޮތަށް 2016 ވެސް ފާހަގަކުރެވެނީ މަރުގެ މައްސަލަތައް ގިނަ އަހަރެއްގެ ގޮތުގަ އެވެ. މުޅި ގައުމު ކައްކުވާލި މަރުގެ މައްސަލައަކުން 2015 އަށް އަލްވަދާއު ކިއުމަށްފަހު އާ އަހަރަށް ކުރިމަތިލީ މަރުގެ މައްސަލަތައް މަދުވާނެ ކަމުގެ ފޮނި އުންމީދުގަ އެވެ. ނަމަވެސް އާ އަހަރު ފެށި ހަފްތާއެއް ނުވެ އުޅެނިކޮށް ލިބުނީ މަރެއްގެ ހަބަރެވެ.

ސިއްސުވާލި މަރުތައް

މިިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އިރުއަރައިގެން އައި އިރު އެންމެ ހޫނުކޮށް ދެކެވެމުން އައި ވާހަކަ އަކީ މާލޭ ދޫހިމެރި މަގު ގޯޅިއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ލ. ގަން ތުނޑީ، ބާބުލް އަވާލީ، ހައްވާ ޒުހާ 23، ގެ ވާހަކަ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ގޭބަންދުގައި ހުރި ޒުހާ މަރާލާފައިވާ ކަމަށް ފުލުހުން ބުނާއިރު ޒުހާ މަރާލި ކަމުގެ ތުހުމަތު އެޅިފައި އޮތީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ ބޮލުގަ އެވެ. ސުމޮން އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވެނީ ޖިންސީ ގުޅުން ހިންގުމަށްފަހު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. ޒުހާގެ ޕޯސްޓްމޯޓަމް ރިޕޯޓު ދައްކާ ގޮތުގައި އޭނާ މަރާލާފައިވަނީ ކަރުގައި ހިފާ ނޭވާ ހާސްކޮށްލައިގެންނެވެ. ސުމޮންވެސް ވަނީ އޭނާ ޒުހާގެ ކަރުގައި ހިފި ކަމަށް ޝަރީއަތުގައި އިއުތިރާފު ވެފަ އެވެ. މި މައްސަލައިގެ އަޑުއެހުންތަކުގައި ސުމޮން އާ ދެކޮޅަށް ހެކިބަސް ނަގާފައިވާއިރު ސުމޮން މިހާރުވަނީ ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދަން އެދި ދައުލަތުގެ ހަރަދުގައި ވަކީލަކު ހޯދައިދިނުމަށް އެދިފަ އެވެ.

މިިދިޔަ ޖެނުއަރީ މަހު ހދ. ކުޅުދުއްފުށީގައި ސިޒޭރިއަން ހެދުމަށްފަހު ލޭމަނާ ނުވެގެން މަރުވި އައިޝަތު ފަރިޔާލްގެ މަރުގެ މައްސަލައަކީ ވެސް ފާހަގަކޮށްލެވޭ މައްސަލަ އެކެވެ. ފަރިޔާލު މަރުވީ ލޭ މަނާ ނުވެ ހާލު ސީރިއަސްވެ، މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.

ޒުހާގެ މަރަށްފަހު ދެން އެންމެ ގިނަ ބައެއްގެ ސަމާލުކަމަށް އައީ ށ. ނޫމަރާގައި މަންމަގެ ޝިކާރައަކަށްވި އުމުރުން ހަތަރު އަހަރު ފާތިމަތު ޝައިހާ ފަޔާޒުގެ މަރުގެ މައްސަލަ އެވެ. ޝައިހާ މަރާލާފައިވަނީ ހަށިގަނޑުގެ 10 ތަނަކަށް ވަޅި ހަރައިގެންނެވެ. އެއީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެންނެވެ. ޝައިހާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފައިވެ އެވެ. އެ މައްސަލައިގައި ޝައިހާ މަންމަގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

މާޗު މަހުގެ ދެ ވަނަ ދުވަހު އައްޑޫ ސިޓީގައި ވިޔަފާރިވެރިޔަކު މަރާލާފައި އެއްލައިލާފައި އޮއްވާ ފެނުނު މައްސަލައަކީ ވެސް ފާހާގަކޮށްލެވޭ މަރެކެވެ. އައްޑޫ ސިޓީ، ހިތަދޫ ބުރުނީގޭ، އުމުރުން 47 އަހަރުގެ އަލީ އަބްދުﷲ މަރާލާފައި އޮއްވާ ފެނުނީ އެ ރަށު އަލަ އޮޅެއްގެ ތެރެއިންނެވެ. މި މައްސަލައިގައި ތިން މީހެއްގެ މައްޗަށްވަނީ ދައުވާ އުފުލާފަ އެވެ. އަލީ އަބްދުﷲ މަރާލާފައިވާ އޮއްވާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. މި މައްސަލާގައި ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ.

މިިދިޔަ އަހަރު ތެރޭ ހިނގި ބޮޑެތި މަރުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ އަކީ މިިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ހިންގި މާރާމާރީއެއްގައި މަރާލާފައިވާ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އަދި މ. ސަރުމާގެ ފާތިރު މުހައްމަދުގެ މަރުގެ މައްސަލަ އެވެ. މި ދެކުދިންނަކީވެސް އުމުރުން 14 އަހަރުގެ ދެކުދިންނެވެ. ވައިކަންމަތި އަދި އީގަލްސް ނަމަކަށް ކިޔާ ދެ ގޭންގެއް ދެމެދުގައި ހިނގި މި މާރާމާރީގައި މަރުވި ފާތިރުވަނީ އިރުޝާނު މަރާލުމުގައި ބައިވެރިވެފަ އެވެ.

ރާއްޖެ ސިއްސުވާލި އެއް މަރަކަށް ސެޕްޓެމްބަރު ތިން ވަނަ ދުވަހު ހެނދުނު ސްރީލަންކާގައި ރޭލެއް ދަށުވެ އުމުރުން 21 އަހަރުގެ އިޒުހާމް މުހައްމަދުގެ މަރު ވެ އެވެ. އިޒްހާމް މަރުވެފައިވަނީ ރައްޓެހިންތަކަކާއެކު ޗުއްޓީއަށް ލަންކާއަށް ގޮސް އުޅެނިކޮށްނެވެ. އިޒުހާމުގެ މަރާއި ގުޅިގެން އޭނާ އާއެކު ލަންކާއަށް ގޮސް އުޅުނު ރައްޓެހިންތައްވަނީ ލަންކާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.

އެކްސިޑެންޓުތަކުގައި މަރުވި މީހުން ގިނަ

މިދިޔަ އަހަރު ފާހަގަ ކުރެވެނީ ނުރައްކާތެރި އެކްސިޑެންޓުތައް ގިނަ އަހަރެއްގެ ގޮތުގަ އެވެ. އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު ފާހަގަކޮށްލެވޭހާ ގިނަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ ހިނގި އެކްސިޑެންޓެއްގައި 10 އަހަރުގެ ފިިރިހެން ކުއްޖަކު ވަނީ މަރުވެފަ އެވެ. އުމުރުން 10 އަހަރުގެ އަމާނުﷲ އަލީ މަރުވެފައިވަނީ ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑު ކުންފުނީގެ ލޯޑަރެއް ދަށުވެ ބޮޑެތި އަނިޔާތައް ލިބިގެނެވެ. ލޯޑަރު ދަށުވުމުގެ ސަބަބުން އަމާނުﷲގެ ބޮލަށް ބޮޑެތި ޒަހަމްތައް ލިބުނު އިރު ދެ ލޮލަށާއި މޫނަށް ވެސް ގެއްލުންތައް ލިބުނެ އެވެ. އަމާނުﷲ މަރުވެފައިވަނީ، އިތުރު ފަރުވާއަށް ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓައި ސީރިއަސް އަނިޔާތަކެއް ލިބި އުމުރުން 22 އަހަރުގެ ޒުވާނަކުވަނީ މަރުވެފަ އެވެ. މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަހްމަދު އަފްރާން މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކަކަށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ.

މާޗު މަހުގެ ހަތަރު ވަނަ ދުވަހު ހުޅުމާލޭ އެންޒީ ފެކްޓްރީގައި ތެރޭގައި ބޭނުން ކުރި ޕިކަޕެއް ފަހަތަށް ޖެއްސުމުގެ ތެރޭގައި އެ ވެހިކަލުން ޖެހި މުވައްޒަފަކު ވަނީ މަރުވެފަ އެވެ. މިއީ އެ ފެކްޓްރީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެކެވެ.

ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 28 އަހަރުގެ އަންހެނަކުވެސް ވަނީ މަރުވެފަ އެވެ. ރައްޓެއްސަކާއެކު ދުއްވާލަން ނުކުމެ އުޅެނިކޮށް ނިރޮޅު މަގު އުތުރުން ދެކުނަށް ސައިކަލު ދުއްވަމުން ދަނިކޮށް ފަހަތުން އައި ކާރެއް ސައިކަލުގައި ޖެހިގެނެވެ. އެކްސިޑެންޓް ހިނގިއިރު ޝިއުނާ އިނީ ސައިކަލުގެ ފަހަތުގަ އެވެ. މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިން މުހައްމަދު ޝާހިދުއަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އައްޑޫ ފޭދޫ ބޮޑު މަގުގައި ހުންނަ ރެސްޓޯރެންޓެއްގެ ކައިރި ހިނގި އެކްސިޑެންޓެއްގައި ފޭދޫ ސްކޫލްގެ ޓީޗަރަކުވެސް ވަނީ މަރުވެފަ އެވެ. ފޭދޫ ސްކޫލްގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރަމުން ދިޔަ ފާތިމަތު ސާދާ އެކްސިޑެންޓްވީ ސައިކަލު އަނބުރާލި ގަޑީ ފަހަތުން އައި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ. ސާދާ މަރުވީ ބޮލަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުންނެވެ.

އެހެނިހެން މަރުތައް

މިިދިޔަ އަހަރުގެ ތެރޭގައި އިތުރު ކުއްލި މަރުތަކެއްވެސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި މޭ މަހުގެ ފަސް ވަނަ ދުވަހު ޒަހަމް ކޮށްލާފައި އައިޖީއެމް ހޮސްޕިޓަލް ކައިރިއަށް އެއްލާލާފައި އޮތް ޏ. ފުވައްމުލަކު ދޫނޑިގަމު ނާޝިދު މޫސާ ވަނީ މަރުވެފަ އެވެ. ނާޝިދު ފެނިފައިވަނީ އެދުވަހު ހެނދުނު 09:30 ހާއިރު އެވެ. އޭނާ ފެނުނު އިރު ހޭވެސް ނެތެވެ. ނާޝިދުގެ ބޮލާއި ކަނދުރާއަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު ސިކުނޑިއަށްވެސް ވަނީ ލޭ އެޅިފަ އެވެ.

ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހު ސަފާރީއެއްގެ ވާ ނައްޓަން މޫދަށް އެރި އުޅުނު މީހަކުވަނީ މަރުވެފަ އެވެ. އޭނާ މަރުވެފައިވަނީ ފުޅި އަޅައިގެން 80 މީޓަރަށް ފީނަމުން ދަނިކޮށް ފުޅިން ވައި ހުސްވެގެންނެވެ.

މާޗު މަހުގެ ތިން ވަނަ ދުވަހު ހަދަމުންދާ އިމާރާތަކުން ވެއްޓުނު ދަގަނޑުގަނޑަކުން ޖެހި ބިދޭސީއަކަށް އަނިޔާވެ 10 ދުވަސް ފަހުން އެމީހާ ވަނީ މަރުވެފަ އެވެ. އެމީހާ މަރުވެފައިވަނީ ހޭނާރާ އޮވެ އެވެ.

އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ދިވެއްސަކު ވަނީ ލަންކާގައި ކަރަންޓުގައި ޖެހިގެން މަރުވެފަ އެވެ. މިހާދިސާގައި މަރުވި ނާއިލް އަލީ ނާހިދަކީ ގައުމީ ފުޓުބޯޅަ ޓީމުގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅޭ ކުޅުންތެރި އެކެވެ.

މިިދިޔަ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ރަންބުސްތާނުގެ 10 ވަނަ ބުރިން ވެއްޓި 83 އަހަރުގެ ފިރިހެނަކުވަނީ މަރުވެފަ އެވެ. އޭނާ ވެއްޓިފައިވަނީ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއަށެވެ. އެމީހާގެ ބޯ ފަޅައިގެން ގޮސް، ގައިގަ އެކި ތަންތަނުން ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރި ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.

ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެސްޓީއޯ ޓްރޭޑް ސެންޓަރު މަތިން ވެއްޓި އުމުރުން 35 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. މިހާދިސާ ގައި މަރުވި މ. އީނާޒް، މުހައްމަދު ހައިލަމް އަކީ ނަފްސާނީ ބައްޔަށް ބޭސް ކުރަމުންދިޔަ މީހެކެވެ.

އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ފަސް މަހުގެ ތުއްތު ކުއްޖަކުވެސް މަރުވެފަ އެވެ. އެކުއްޖާ މަރުވެފައިވަނީ ކުއްޖާއަށް ނޭވާ ނުލެވިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ތިލަފުށި ބޭރުގައި އޮއްވާ އަލިފާން ރޯވި މިފްކޯގެ މަސްބޯޓު "ބަރޯސާ" ގައި ހުއްޓާ އެ ބޯޓުގެ ފަޅުވެރިއަކުވަނީ އަނދައިގެން މަރުވެފަ އެވެ. ބަންގްލަދޭޝް އަށް ނިސްބަތްވާ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ބޯޓުގެ ތެރެއިންނެވެ. އެ ބޯޓުގައި އަލިފާން ރޯވިއިރު ބޯޓުގައި 19 ފަޅުވެރިން ތިއްބެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ށ. ފުނަދޫގައި ވަނީ 12 އަހަރުގެ ކުއްޖަކުވަނީ މަރުވެފަ އެވެ. އެކުއްޖާ މަރުވީ ރަށުގެ މަގުމަތީ ހުރި ހޮޅިދަނޑިއަކަށް އައިސްފައި ހުރި ކަރަންޓްގައި ޖެހިގެންނެވެ.

އެންމެ ގިނައީ ގެނބިގެން މަރުވި މީހުން

މިދިޔަ އަހަރުގެ ތެރޭގައި ގެނބިގެންވެސް ގިނަ އަދަދެއްގެ މީހުންވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ފަތުރުވެރިންވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ބ. ކިހާދޫ ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކާއި ނ. އިރުފުށި ރިސޯޓުގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެއަކު ހިމެނެ އެވެ. އަދި އައްޑު އަތޮޅުގައި އޮންނަ ޝަންގްރިއްލާ ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިޔަކާއި އއ. ނިކަ ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވި ފަތުރުވެރިޔަކާއި ކެނަރީފް ރިސޯޓް މޯލްޑިވްސްގައި މޫދަށް އެރިއުޅެނިކޮށް ގެނބުނު ފަތުރުވެރިއަކުވެސް ހިމެނެ އެވެ. މީގެ އިތުރުން ޅ. ފިހާޅޮހި ރިސޯޓުންވެސް ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިޔަކު ވަނީ ގެނބިގެން މަރުވެފަ އެވެ.

ފަތުރުވެރިންގެ އިތުރުން ދިވެހިންވެސް މިދިޔަ އަހަރުގެ ތެރޭގައި ގެނބިގެން މަރުވެފައި އެބަހުއްޓެވެ. އެގޮތުން މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުން މޫދަށް އެރި އުޅުނު ފޭދޫ އޮއިވާލި، އުމުރުން 21 އަހަރުގެ އިސްއީލް ސާމިހް ސައީދު ވަނީ ގެނބިގެން މަރުވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އއ. އުކުޅަސް ކައިރީގައި އޮންނަ މާތިލައަށް ފީނަން ގޮސްއުޅުނު، އެ ރަށު އިރުމަތީގެ، އަލީ ފިޒާލް ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ގދ. ރަތަފަންދޫއިން އެއަތޮޅު ނަޑެއްލާ އަށް ދާން ދިޔަ މީހަކުވެސް ވަނީ ގެނބިގެން މަރުވެފަ އެވެ. އެމަހުގެ ނުވަ ވަނަ ދުވަހުވެސް ވަނީ މީހަކު ގެނބިގެން މަރުވެފަ އެވެ. އެއީ ށ. ބިލެތްފަހީގެ ނެރުތެރެއިން ވަންނަން އައި ދޯންޏެއް ނެރުގެ ފައިކައްޓަށް އެރުމުން ދޯނި ފުންކުރުމުގެ މަސައްކަތް ކުރަން އުޅުނު މުހައްމަދު ސިރާޖެވެ. އޭނާ މަރުވީ ނެރުގެ ފައިކަށީމަތީ ހުއްޓާ އައި ރާޅުވަރިއެއްގައި މޫދަށް ވެއްޓި ގެނބިގެންނެވެ. މިދިޔަ ނޮވެމްބަރުގެ 22 ވަނަ ދުވަހު ހދ. ނޭކުރެންދޫގައި އުމުރުން 23 އަހަރުގެ އަންހެން ކުއްޖަކުވެސް ވަނީ ގެނބިގެން މަރުވެފަ އެވެ. ނޭކުރެންދޫ ރެސްޓްވިލާ، މަރިޔަމް ވިޝާމާ މަރުވެފައިވަނީ ރަށު ބަނދަރާ ކައިރި ހިސާބުގެ ފުންތަނަކަށް އެރި އުޅެނިކޮށެވެ. މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހއ. ދިއްދޫގައިވަނީ މޫދަށް އެރި އުޅުނު އުމުރުން 55 އަހަރުގެ އަންހެނަކުވެސް ގެނބިގެން މަރުވެފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި މަރުވެފައި ތިއްބާ ފެނުނު މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. މާލޭގެ ދެ ގެއަކުން މަރުވެފައި އޮތް ދެ ބިދޭސީން ވަނީ ފެނިފަ އެވެ. ބަންގްލަދޭޝް މީހަކާއި ސްރީލަންކާ މީހެކެވެ. އއ. ހަލަވެލި ރިސޯޓެއްގެ ކޮޓަރިތެރޭންވެސް މިދިޔަ އަހަރު ވަނީ މަރުވެފައި އޮތް ބިދޭސީއެއް ފެނިފަ އެވެ. ޖަރުމަނަށް ނިސްބަތްވާ އެމީހާ މަރުވެފައި އޮއްވާ ފެނުނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެމީހާ ރާއްޖެ އައިސް އުޅުނީ ޗުއްޓީ ހޭދަކޮށްލަން ކަމަށްވެ އެވެ. މީގެ އިތުރުން މ. ޕްރޮމިސް ގެއިން އުމުރުން 60 އަހަރުގެ ދިވެއްސަކު މަރުވެފައި އޮއްވާ ފެނިފައިވެ އެވެ. އެމީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ފުލުހުންވަނީ ބުނެފަ އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ހދ. ކުޅުދުއްފުށީ ގެއެއްގެ ތެރެއިންވެސް ވަނީ މަރުވެފައި އޮތް މީހަކު ފެނިފަ އެވެ. އެމީހާ މަރުވެފައިވަނީ އޯވަޑޯޒް ވެގެން ކަމަށް ބެލެވެ އެވެ.

ގެއްލިގެން ހޯދަމުން ދިޔަ ފަސް މީހަކު މިދިޔަ އަހަރު، މަރުވެފައި އޮއްވާ ފެނިފައިވެ އެވެ. އޭގެ ތެރޭގައި މިދޔަ މެއި މަހު ހދ. ފިނޭގައި ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ އެރަށު ވައިލެޓް ހައުސް އުސްމާނު އަލީ ފެނުނީ އެ ރަށުގެ ދަނޑެއްގައި ގަސް އިންދަން ކޮނެފައިވާ ވަޅުގަނޑެއްގެ ތެރެއިންނެވެ.

މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ރ. އަލިފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު އެރަށު ހުސްނޫވިލާ ފަރުހާދު މުހައްމަދުވެސް އޭގެތެރޭގައި ހިމެނެ އެވެ. އުމުރުން 35 އަހަރުގެ އެމީހާ މަރުވެފައި އޮއްވާ ފެނުނީ އަލިފުށީ އިރުމަތީ ގޮނޑުދޮށުން، އޭނާ ހޯދުުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކަށެވެ.

ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އައްޑޫ ސިޓީގެ މަރަދޫ ބަނދަރުމަތިން ވަނީ ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިފަ އެވެ. ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ އަހުމަދު އަލީ މަރުވެފައިވަނީ ހިނގާފައި ދަނިކޮށް ވެއްޓި ބޮލަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން ކަމަށް މަރަދޫ ސިއްހީ މަރުކަޒުން ބުނެފައިވެ އެވެ. މި މީހާއަކީ މަރަދޫ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅޭ މީހެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ތ. ވަންދޫއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފަ އެވެ. އުމުރުން 81 އަހަރުގެ އެމީހާ ފެނިފައިވަނީ ރަށުގެ ވަލު ތެރޭގައި އޮއްވަ އެވެ. މީގެ އިތުރުން އެމަހުގެ 28 ވަނަ ދުވަހުވެސް ވަނީ ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިފަ އެވެ. އައްޑޫ ސިޓީގެ ހުޅުމީދޫގެ އިސްމެހެލޭ މޫދު ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ 39 އަހަރުގެ ފިރިހެނެކެވެ.