ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓްގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް

އިބްރާހިމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ. އެއާޕޯޓްގެ ނަން ބަދަލުކުރާނީ އަންނަ އަހަރުން ފެށިގެންނެވެ. -- ވެލާނާއަކީ ބޭރާ ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރުގެ ކޮލީ ނަމެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް މިގޮތަށް ނިންމެވީ، މިއަދު ރާއްޖެ ދެކެމުންދާ ތަރައްގީ އާއި، ސަރުކާރުން ކުރިޔަށް ރާއްވަވާފައިވާ އިގުތިސޯދީ އެޖެންޑާއާ ފައިހަމަކުރެވޭ ގޮތަށް، އަދި އެ ތަރައްގީއަށް މަގުފަހިކޮށްދޭ ތަނަކަށް އެއާޕޯޓު ބަދަލުކުރެއްވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމަށް އެއާޕޯޓްގެ ނަން ހަމަޖެއްސެވީ މިހާރު އެއާޕޯޓަށް ގެނެވެމުންދާ އުމްރާނީ ތަރައްގީއާއި، ދިވެހިރާއްޖޭގެ ބްރޭންޑް އިމޭޖް ރަމްޒުކޮށްދޭ، ފަސޭހަ، އަދި ކުރިއެރުމާއި ތަރައްގީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް ބަދަލުކުރެއްވުމަށްޓަކައެވެ." ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، އެއާޕޯޓުގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްގީއަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާތީއާއި، "ވެލާނާ" މި ނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމަކަށްވުމާއެކު، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާގޮތަށް އެއާޕޯޓުގެ ނަން ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށްވާތީ މި ނަން ކިޔުމަށް ނިންމެވީ ކަމަށެވެ.

މި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެބޮޑު މަޝްރޫއު މިއަދުގެ ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. ރައީސް އޮފީހުން ބުނީ، އެ މަޝްރޫއަކީ އިގްދިސޯދީ ގޮތުން ރާއްޖެ ބަދަލުކޮށްލައްވަން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތައް ރަމްޒުކޮށްދޭ ބޮޑު މަޝްރޫއުއެއް ކަމަށެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުވެސް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނޭ ކުރިއެރުމުގެ އިތުރުން، ސަރުކާރުގެ އަމާޒަކީ، ރާއްޖެއަކީ، މި ސަރަހައްދާއި، އަދި ދުނިޔޭގެ އެހެން ހިސާބުތަކާ ގުޅުވައިދޭ ވައިގެ ޓްރާންސިޓް ޕޮއިންޓަށް ހެއްދުން ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ރާއްޖެ ކުރިއަރަމުން މިދާ ދުވެލީގައި، ރާއްޖެއަށް އިތުރު މީހުންނާއި އިންވެސްޓްމަންޓްތައް ގެނައުމުގައި އެއާޕޯޓެއް ކުޅެންޖެހޭ ދައުރުކަމުގައިވާ އިގްތިސޯދު ބައްޓަންކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އެއް ސިނާއަތުކަމުގައި މި އެއާޕޯޓް ވެގެން ދިޔުމެވެ. އަދި ރާއްޖޭގެ އިގްތިސޯދީ މިނިވަންކަން ދިވެހިން އަމިއްލައަށް ބައްޓަންކުރުމުގެ ސިޔާސަތު ދެމެހެއްޓުމެވެ." ރައީސް އޮފީހުން ބުންޏެވެ.