ދިވެހި ސިނަމާ

ދިވެހި ސިނަމާ 2016: އެންމެ ބޮޑީ ނަހުލާގެ ޑްރާމާ

ދިވެހި ސިނަމާގެ އެންމެ އަގުބޮޑު "ރައުސްމާލަކީ" މި ތަނުގައި ތިބި އެކްޓަރުންނެވެ. ދެބަސް ވެވެން ނެތް ހަގީގަތަކީ ދެކުނު އޭޝިއާ އަދި ދުނިޔޭގައި ވެސް ނަގާކިޔަން އޮތް އިންޑިއާގެ އެންމެ މަޝްހޫރު އެއް ފިލްމު އިންޑަސްޓްރީ ކަމުގައިވާ ބޮލީވުޑާ ވާދަކޮށްލެވޭ ވަރުގެ ދިވެހި އެކްޓަރުންތަކެއް މިއަދު މި ކުޑަކުޑަ އޮލިމްޕަހުގެ ރިހި އިސްކިރީނަށް އައިސްފައިވާ ކަމެވެ.

ނަމަވެސް 2016 އަކީ ދިވެހި ސިނަމާގެ އެންމެ ބޮޑެތި އެކްޓަރުންނާއި އެންމެ މޮޅެތި ޑައިރެކްޓަރުންގެ ހުނަރުވެރިކަން ބެލުންތެރިންނާ ހަމަ އަށް އައި އަހަރެއް ނޫނެވެ. އެގޮތުން ނަމެއް ދެ ނަމެއް ފާހަގަކޮށްލާ ނަމަ، ސާކް ފިލްމު ފެސްޓިވަލްގައި "އިނގިލި" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ދިވެހިންގެ އެންމެ މޮޅު އެކްޓަރު ކޮޕީ އިސްމާއިލް ރަޝީދު މި އަހަރު ބޮޑު ސްކްރީނުން ނުފެނުމަކީ ހަގީގަތުގައި ވެސް އޮލިމްޕަހަށް ވެރިވި ފަޅުކަމެކެވެ.

އޭނާ ތަރިއަކަށް ހަދައި "ހޭލާ" އާއި "ލޫދިފާ" ފަދަ ފިލްމުތަކުން ދިވެހި ސިނަމާގައި ބެންޗުމާކެއް ގާއިމުކުރި ކުޅަދާނަ ރައިޓަރު އަދި ޑައިރެކްޓަރު މޫމިން ފުއާދަށް ވެސް އާ ފިލްމަކާއެކު އެނބުރި ނާދެވުމަކީ ފިލްމީ ދާއިރާއަށް ލިބުނު ދެރައަކަށް ނޫނީ ނުމެވެ އެވެ. ހަމަ އެވަރަށް މަޝްހޫރު އަބްދުލް ފައްތާހު އާއި ތަޖުރިބާކާރު އަމްޖަދު އިބްރާހިމްގެ މަސައްކަތެއް ވެސް ނުފެނެ އެވެ. އެކަމަކު ވެސް 2015 އަކީ ދިވެހިންގެ ފިލްމީ ހަޔާތުގައި ބަލި އަހަރެކޭ ބުނެވޭކަށް ނެތެވެ.

ބޮޑެތި ތަރިންނާއި ޑައިރެކްޓަރުން ބޮޑެތި ފިލްމުތަކާއެކު އެނބުރި އައި އަހަރަކަށް ނުވިޔަސް މިއީ ވަރަށް އުއްމީދީ ކަންތައްތަކެއް ހާސިލުވެ، އުއްމީދުން ފުރިގެންވާ އެތައް މަންޒަރަކާއި ޕާފޯމަންސްތަކެއް ފެނިގެން ދިޔަ އަހަރެކޭ ބުނެވިދާނެ އެވެ.

މިހައި ހިސާބުން ފިލްމީ ދާއިރާގެ މި އުއްމީދީ އަހަރަށް އަވަސް ކަޅިއެއް އެއްލައިލަމާ ހިނގާށެވެ.

މިއީ ނަހުލާގެ އަހަރެއް!

މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ދެކެ ރުޅިއަޔަސް ބިވިޔަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ އެވެ. -- މިއީ ހަމަ ރަނގަޅަށް ވެސް ނަހުލާގެ އަހަރެކެވެ. ރަނގަޅުވާނީ، "ނަހުލާގެ ބޮޑު އަހަރެކޭ" ބުނިއްޔާ އެވެ. ސަބަބަކީ ފިލްމީ ދާއިރާގެ އެންމެ އާދައިގެ ސުރުހީތަކުން ފެށިގެން އަހަރުގެ އެންމެ ބޮޑު ސުރުހީތަކުގައި ވެސް އޮތީ އޭނާގެ ނުފޫޒު ކަމަށްވުމެވެ.

ދިވެހި ފިލްމީ ދާއިރާގައި ހަމަ ހަގީގަތުގައި ވެސް ނަހުލާހާ ނުފޫޒުގަދަ ދެ ވަނަ މީހަކު ނެތެވެ. ޕޮޒިޓިވް ކަންކަމަށް ބެލިޔަސް ނުވަތަ ނެގެޓިވް ކަންކަމަށް ބެލިޔަސް އެންމެ ފުރަތަމަ ލިޔަން ޖެހޭ ނަމަކީ މިއީ އެވެ.

އޮލިމްޕަހަށް މި އަހަރު ނަހުލާ އެނބުރި އައީ ގާތްގަނޑަކަށް ހަތް އަހަރުގެ ބޮޑު މެދުކެނޑުމަކަށް ފަހު އެވެ. އެކަމަކު އޭނާ ގެނެސްދިން "4426" ގެ ކާމިޔާބާއި ނުފޫޒަށް ބަލާއިރު މިދިޔަ ހައެއްކަ އަހަރު ނަހުލާ ފިލްމީ ދާއިރާގައި ނެތްކަމުގެ އިހްސާސެއް ނުކުރެވުނެވެ. އޭނާ އެނބުރި އައީ މީގެ އަހަރުތަކެއް ކުރިން ނެރުނު މަޝްހޫރު "ކަލާޔާނުލާ" އާއި "ޔޫސުފް" ގެ ބާރު މިނުގަ އެވެ. -- އަދި "4426" އޭ ކިޔުނު އާދަޔާހިލާފު ބާރެއް ވެސް ހިފައިގެންނެވެ.

ނަހުލާ އާއި ޒުވާން ޑައިރެކްޓަރު އަހުމަދު ޝިނާންގެ މި ފިލްމު ވަނީ ޔަގީނަށް ވެސް އަހަރުގެ އެންމެ މޮޅު ފިލްމުގެ ރޭސް ނިކަން ފަސޭހަކަމާ އެކު ފަތަހަކޮށްފަ އެވެ. އަދި އެންމެ ގިނަ ހައުސްފުލް ޝޯ ދައްކައި މި އަހަރުގެ "ބޮކްސް އޮފީހުގައި" އެންމެ ބޮޑު މާލީ ފައިދާއެއް ނެގި ޑައިރެކްޓަރަކީ އަދި ޕްރޮޑިއުސަރަކީ ވެސް ހަމަ ނަހުލާ އެވެ.

އެހެންކަމުން މިއީ ނަހުލާގެ އަހަރެއް ކަމަށް މިހުރިހާ ކާމިޔާބީތަކާއި ސަބަބުތަކެއް ހެކިވެ އެވެ. އަދި އަހަރެމެން މި އުޅެނީ "ބީ" އޭ ކިޔުނު ފިލްމެއް އިއުލާނުކޮށްގެން ނަހުލާ ހޯދި ސަމާލުކަމުގެ ވާހަކަ ނުވެސް ދައްކަ އެވެ.

އެންމެ މޮޅު އެކްޓަރަކީ ސަޕްރައިޒެއް

ކުރިން ވެސް ބުނި ފަދައިން މިއީ ބޮޑެތި އެކްޓަރުންނާއި ނަން މަޝްހޫރު ހުނަރުވެރިންގެ އަހަރެކޭ ބުނެވޭކަށް ނެތެވެ. މަޝްހޫރު އެކްޓަރުން ކަމުގައިވާ އަލީ ސީޒަން އާއި ޔޫސުފް ޝަފީއުމެން ފަދަ އެކްޓަރުން ފެނިގެން ދިޔަ ނަމަވެސް އެމީހުންގެ އާދަޔާހިލާފު ޕާފޯމަންސްތަކެއް ފެނިގެނެއް ނުދެ އެވެ. އެމީހުން ވެސް ގަބޫލުކުރާނެ ހަގީގަތަކީ މިއީ އެވެ.

ނަަމަވެސް ދިވެހި ސިނަމާގެ ބޮޑު ސްކްރީން ފަތަހަކޮށްލި އެހެން އެކްޓަރަކު މި އަހަރު ފެނިގެންދިޔަ އެވެ. އެއީ އާންމުކޮށް އެވަރެޖު އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އިބްރާހިމް ޖިހާދު (ޖިމީ) އެވެ. ބިރުވެރި ފިލްމު "4426" ގައި އޭނާ ކުޅެފައިވާ ކެރެކްޓާއަކީ ޔަގީނަށް ވެސް ފަހުގެ ތާރީޚެއްގައި ދިވެހި ސިނަމާއިން ފެނިގެން ދިޔަ އެންމެ ވަރުގަދަ އަދި އެންމެ މޮޅު އެއް ރޯލެވެ. ދިވެހި ފިލްމުތަކުން ފެންނަ ޕާފޯމަންސްތަކަކީ ފަސޭހައިން ހަނދާން ނެތިގެންދާ ވަރުގެ މަސައްކަތްތަކެއް ނަމަވެސް ޖިމީގެ އެ އެކްޓިން އަކީ ހަނދާނުން ފޮހެލަން އަދި ބަލައި ފޫހިކޮށްލަން އުނދަގޫވާވަރުގެ ޕާފޯމަންސެކެވެ.

ޖިމީގެ އެ އާދަޔާހިލާފު ޕާފޯމަންސަކީ ޔަގީނަށް ވެސް މި އަހަރު ފެނިގެންދިޔަ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު ސަޕްރައިޒެވެ.

ޖިމީ އަށް ފަހު އަަހަރުގެ މޮޅު ފިލްމު ހޮވަނީ ނަމަ ފަސޭހަކަމާ އެކު އެ ހޮވުމަކަށް ވާނީ އޭނާގެ މި އާދަޔާހިލާފުކަމެއް ފެނިގެންދިޔަ "4426" ކަމާ މެދަކު ވެސް ސުވާލެއް ނުއުފެދެ އެވެ. އެއީ ދުނިޔޭގެ ސިނަމާ އަށް އޮރިޖިނަލް ރަހަތަކެއް ނެތަސް، ދިވެހި ސިނަމާ އަށް އޮރިޖިނަލްކަމެއް ގެނެސްދިން ބިރުވެރި ފިލްމެކެވެ. މީގެ ކުރިން ދިވެހިން ނުބަލާ ކަހަލަ ނުވަތަ ނުބަލާ ފެންވަރުގެ ދިވެހި ބިރުވެރި ފިލްމެކެވެ.

ނަހުލާ އާއި ޝިނާންގެ މި ފިލްމަކަށް އަހަރުގެ އެންމެ މޮޅު ފިލްމުގެ ޝަރަފު ނުދޭންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

ދެން އެންމެ ކަމުދިޔައީ ކޮން ފިލްމުތަކެއް؟

މި އަހަރަކީ ވެސް އާދައިގެ މަތިން މޮޅު ފިލްމާއި ކަޑަ ފިލްމާއި ވަރަށް ފީކަޅާ ފިލްމުތަކެއް ވެސް ބެލުންތެރިންގެ އުނގަށް ބަންޑުންވި އަހަރެކެވެ. އަހަރު ފަށައި ދިނީ އަހުމަދު ނިމާލު ޑައިރެކްޓްކޮށް އަލީ ސީޒަން ލީޑް ރޯލު ކުޅެފައިވީ ފިލްމެއް ކަމުގައިވާ "އެރެޔަށް ފަހު" އެވެ. އެކަމަކު ދެން ނުކުތް އެހެން ފިލްމުތަކަށް ވެސް ބަލައިލަމާ ހިނގާށެވެ.

  • ނޭގި ޔާރު ވަކިވީ
  • ވާށޭ މަށާ އެކީ
  • ހައިދަރު
  • ވަފާތެރި ކެހިވެރިޔާ
  • 4426
  • ވީބޭވަފާ
  • ބައިވެރިޔާ

މި ފިލްމުތަކަށް ބަލާއިރު ބެލުންތެރިންގެ މެދުގައި އެންމެ ބޮޑު މަގްބޫލުކަމެއް ހޯދީ ދެ ފިލްމަކީ ނަހުލާގެ "4426" އާއި ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ކޮމެޑީ ފިލްމު ނުވަތަ ހޮލީވުޑްގެ "ނައިން މަންތުސް" ގެ ރިޕް-އޯފް "ވާށޭ މަށާ އެކީ" އެވެ. މި ދެ ފިލްމަށް ފަހު ސިފައިންގެ ބޮޑު ފިލްމު "ހައިދަރު" އަކީ ވެސް މި އަހަރުގެ ބޮޑެތި ފިލްމުތަކުގެ ތެރެއިން ޖާގަ ދޭން ޖެހޭ ފިލްމެކެވެ. އެކަމަކު ސިފައިން މި ފިލްމެއް އުފެއްދި ހަގީގީ ބޭނުން ގިނަ ބަޔަކަށް ނޭނގުމެއްގެ ތެރޭގައި އޮތްއިރު ފިލްމުގެ މަގުސަދު ހާސިލުވިކަމެއް ދެނަހުރި ބެލުންތެރިޔަކު ނެތެވެ.

މުއާގެ އެނބުރި އައުމާއި ގައުމީ ފިލްމު އެވޯޑްސްގެ ޑްރާމާ

މި އަހަރަކީ ފިލްމީ ތަރި އަދި އެންސީއޭގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒަށް "ރޯލާކޯސްޓާ" އެއްގެ އިހްސާސްކުރެވުނު އަހަރެކެވެ. އެކަމަކު އެއަށް ވުރެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ކޯޑިނޭޓަރުކަން ގެއްލުމަށް ފަހު މުއާޒު އެނބުރި އެ މަގާމަށް އައިސް ދެން ބޭއްވި ގައުމީ ފިލްމު އެވޯޑްސް އަށެވެ. -- ހަގީގަތަށް ބުނާ ނަމަ މިވަރުގެ ބޮޑު ޑްރާމާއެއް މުޅި އަހަރު ވެސް ދިވެހި ސިނަމާއަކުން ފެނިގެނެއް ނުދެ އެވެ.

މި އެވޯޑްސްގައި އެވޯޑަކަށް މުއާޒު ނޮމިނޭޓްވެގެން މުޅި ފިލްމީ ދާއިރާ ހީވީ ދެޔޯއަކަށް ބަދަލުވެ އެ ފަކީރު ކައިލިހެންނެވެ. ނަން މަޝްހޫރު ބައެއް ތަރިން މުއާޒު އާއި އެވޯޑްސްގެ ނޮމިނޭޝަންސްތަކާ މެދު ހިތްހަމަނުޖެހިގެން ހަފުލާ ބޮއިކޮޓްކުރިއިރު 2011 ވަނަ އަހަރާއި 2013އާ ދެމެދުގެ ފިލްމުތަކަށް ހާއްސަކުރި މި ހަފުލާގެ ފޮނިކޮޅު ބޯލީ މޫމިން ފުއާދުގެ މާސްޓަޕީސް ޑްރާމާ "ލޫދިފާ" އެވެ.

އާހިރުގައި މުއާޒު އާއި އޭނާގެ ފިލްމު "އިނގިލި" އަށް ލިބުނު އެވޯޑެއް އަދި މޮޅެއް ވެސް ނެތެވެ.