ރިޕޯޓް

ގިނަ ރިސޯޓުތައް ހުޅުވި، މިފްކޯ އެސްޓީއޯގެ ދަށަށް

Dec 31, 2016

މިދިއަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި އެންމެ ގިނަ ރިސޯޓުތައް ހުޅުވި އެއް އަހަރަށް ވާނެ އެވެ. ގިނަ ރިސޯޓުތަކެއް ބާޒާރަށް ނެރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި އަށް ވާސިލް ވުމަށްޓަކައި ހާއްސަ އިނާޔަތް ތަކެއް ދިނެވެ. މީގެ ނަތީޖާއަކަށްވީ 2016 ގައި ގާތްގަނޑަކަށް 22 ރިސޯޓެއް ހުޅުވިގެން ދިއުމެވެ.

މިދިއަ އަހަރު ރިސޯޓުތަކެއް ހުޅުވިއިރު، އަހަރު ނިމުނުއިރު، ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ އެއް މިލިއަން ފަހަނަ އަޅައި ގޮސްފަ އެވެ. މިގޮތުން 1.4 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައިރު ރާއްޖޭގެ މައި ޓޫރިޒަމް މާކެޓު ކަމަށްވާ ޗައިނާ މާކެޓުން އައި ޓޫރިސްޓުންގެ އަދަދު ހުރީ ދަށުގަ އެވެ. އޮގަސްޓް މަހުގެ ނިޔަލަށް ތަފާސް ހިސާބުތައް ދެއްކި ގޮތުގައި މި މުއްދަތާ ހަމަ އަށް ޗައިނާ އިން ޒިޔާރަތް ކުރީ 289،123 ޓޫރިސްޓުންނެވެ. މިއީ ކުރީ އަހަރު ޒިޔާރަތް ކުރި 232،403 ޓޫރިސްޓުންނާ އަޅާބަލާއިރު، 10.6 ޕަސެންޓް ދަށް އަަދަދެކެވެ.

މި ނިމުނު އަހަރު ރާއްޖޭން ވަނީ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ބާލިންގެ ހޮސްޓް ކަންޓްރީގެ ގޮތުގައި ބައިވެރިވެފަ އެވެ. މީގެ އިތުރުން ވެސް ދުނިޔޭގެ ބޮޑެތި ފެއާތަކުގައި ރާއްޖޭން ބައިވެރިވެ، ޕްރޮމޯޝަން ހަރަކާތްތައް ހިންގާފައިވެ އެވެ.

މި 2016 ވެގެން ގޮސްފައިވަނީ ދުނިޔޭގެ މަޝްހޫރު ތަރިންނާއި ސެލެބްރިޓީންގެ ނަޒަރު ރާއްޖެއަށް ހުއްޓުނު އަހަރަކަށެވެ. ހާއްސަކޮށް އިންޑިޔާގެ، ބޮލީވުޑްގެ ގިނަ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މިގޮތުން މި އަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބައެއް ތަރިންގެ ތެރޭގައި އަމީތާބް ބަޗަން އާއި ރިތިކް ރޯޝަން އަދި ދިޕިކާ އާއި އާއިލާ ބަޓް އަދި ސޮނާކްޝީ ހިމެނެ އެވެ.

މިފްކޯ ދަރަންޏާއެކު އެސްޓީއޯގެ ދަށަަށް

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އެންމެ ބޮޑުކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ސަރުކާރު މަސް ކުންފުނި މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ އެ ކުންފުނީގެ ހިންގުން ވަރުގަދަ ކޮށް ދަރަނިން ހަލާސް ކޮށްފައިވާ ކުންފުންޏަކަށް ހެދުމެވެ. މި ބަދަލު ގެނައިއިރު، މިފްކޯގައި 300 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މި ދަރަނި ހަލާސްކޮށް މިފްކޯ އާއި އެސްޓީއޯ ގުޅިގެން ދެ ކުންފުންޏަށް ފައިދާވާނެ ގޮތަކަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާގައި ދެން އެންމެ ބޮޑަށް ފާހަގަ ކުރެވުނު އަނެއް ބަދަލަކީ ސަރުކާރުގެ މައި މަސް ފެކްޓްރީ ފެލިވަރުގެ ބޮޑު ތަރައްގީ އެވެ. މިފްކޯ އާއި ކޫއްޑޫ އަދި ފެލިވަރު ތިން ކުންފުންޏަކަށް 2010 ވަނަ އަހަރު ބަދަލު ކޮށްލުމާއެކު ފެލިވަރަށް މަސް ލިބުން މަދުވެ، އެ ފެކްޓްރީގެ މަސް އުފެއްދުމުގެ ގާބިލްކަން އޮތީ ދަށަށް ފޮސްފަ އެވެ. ކުރިން ދުވާލަކު 50 ޓަނުގެ ދަޅު މަސް ބަންދު ކުރި ކާރުހާނާގެ ގާބިލްކަން 15 ޓަނަށް ވެއްޓުނެވެ. ނަމަވެސް ސަރުކާރުން ފަސް މިލިއަން ޑޮލަރު އިންވެސްޓްކޮށް ފެލިވަރުގެ ދަޅު މަސް އުފެއްދުމުގެ ގާބިލްކަން ވަނީ 50 ޓަނަށް އިތުރުކޮށްފަ އެވެ. އަދި ދުނިޔޭގެ މަޝްރޫއު ސުޕަ މާކެޓުތަކަށް މަސް ބަންދުކޮށްދޭން ވަނީ ފަށާފަ އެވެ. އަދި މިތަނުން އިތުރު 200 ވަޒީފާ އުފައްދައި، ފެލިވަރުގެ މަސައްކަތަށް ވަނީ ހަލުވި ކަމެއް ގެނެސްފަ އެވެ. އަދި ސައޫދީ އަރަބިއްޔާ އިން އެހީގެ ދަށުން ރާއްޖޭގެ ހަތަރު ސަރަހައްދުގައި އައިސް ޕްލާންޓުތައް އަޅަން ނިންމުން ވެސް ވެގެން ދިޔައީ އަހަރުގެ ބޮޑު ބަދަލަކަށެވެ.